Roadha Mihaaru
ޖަލްސާ އޮތުމުން މެމްބަރުންގެ ޝަރީއަތް ކެންސަލް

މަޖިލީހުގެ ޖަލްސާ އޮތުމުން އިދިކޮޅު މެމްބަރުންގެ ޝަރީއަތް ކެންސަލް

29 ނޮވެމްބަރ 2017

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ކުރާ ދައުވާގެ އަޑުއެހުން، މަޖިލީހުގެ ޖަލްސާއެއް މިއަދު އޮތުުމުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ކުރާ ދައުވާގެ އަޑުއެހުން، މަޖިލީހުގެ ޖަލްސާއެއް މިއަދު އޮތުުމުން ކެންސަލްކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުލަތުން ދައުވާކުރާ 12 މެމްބަރުންގެ ތެރޭގައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު ވެސް ހިމެނެ އެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

އެ މައްސަލާގައި ދެން ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްޗަށެވެ.

އެ މައްސަލައިގެ މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މިއަދު ބާއްވަން ހަމަޖެއްސުމުން އެ އަޑުއެހުން އެެހެން ދުވަހަކަށް ފަސްކޮށްދޭން މެމްބަރުންގެ ފަރާތުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އެ މެމްބަރުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި ސައުދާއި ވައްޑެ އަދި އަމީތަށް އިތުރު ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެއީ އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.