Roadha Mihaaru
އިޓަލީއާ ދެކޮޅަށް ސްޕެއިނުން "ފޯލްސް ނައިން"؟

އިޓަލީއާ ދެކޮޅަށް ސްޕެއިނުން ބޭނުންކުރާނީ "ފޯލްސް ނައިން"؟

01 ސެޕްޓެމްބަރ 2017

މެޑްރިޑް (އޮގަސްޓް 30) – ވޯލްޑް ކަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ އިޓަލީއާ ދެކޮޅަށް ސްޕެއިނުން ބޭނުންކުރާނީ "ފޯލްސް ނައިން" ޓެކްޓިކްސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޮގަސްޓް 30) – ވޯލްޑް ކަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ އިޓަލީއާ ދެކޮޅަށް ސްޕެއިނުން ބޭނުންކުރާނީ "ފޯލްސް ނައިން" ޓެކްޓިކްސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މާސާ އިން ބުނާ ގޮތުގައި ސްޕެއިނުގެ އެއް ވަނަ ފޯވާޑް ޑިއެގޯ ކޯސްޓާ ނެތުމުން ކޯޗު ހުލެން ލޮޕެޓެގުއީ އަށް ވަނީ ޓެކްޓިކަލް ބަދަލުތަކެއް ގެނައުމަށް ދޮރު ހުޅުވިފަ އެވެ.

ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ އަކީ ވެސް ސެންޓަ ފޯވާޑެއް ނަމަވެސް، 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ސްޕެއިނުން "ފޯލްސް ނައިން" ސިސްޓަމަށް ކުޅެ އިޓަލީ 4-0 އިން ބަލިކޮށްފައިވުމަކީ މި ފަހަރު ވެސް އެގޮތަށް ކުޅުވަން ކޯޗު ބޭނުންވާ ސަބަބެއް ކަމަށް ބެލެވެ އެވެ.

އެ ފަހަރު ލެއޮނާޑޯ ބޮނޫޗީ އާއި އަންދްރޭ ބަރްޒާލީ އަދި ޖިއޯޖިއޯ ކިއެލީނީ ބެލެހެއްޓި އިޓަލީގެ ވަރުގަދަ ޑިފެންސާ ދެކޮޅަށް ފޯލްސް ނައިން ފޯވާޑަކަށް ކުޅުނީ ސެސް ފެބްރިގާސް އެވެ.

ބެލެވޭ ގޮތުގައި މި ފަހަރު އެ މަގާމަށް ކުޅޭނީ މެންޗެސްޓާ ސިޓީގެ ޑޭވިޑް ސިލްވާ އެވެ. ސްޕެއިނުގެ ކޯޗުކަމާ ލޮޕެޓެގުއީ ހަވާލުވި ފަހުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ސިލްވާ އެވެ. އޭނާ ވަނީ އަށް ގޯލް ޖަހައިފަ އެވެ.

ފަހަރުގައި ރެއާލް މެޑްރިޑުގެ އުއްމީދީ މިޑްފީލްޑަރު މާކޯ އަސެންސިއޯ ލައްވާ ވެސް އެ މަގާމަށް ކުޅުވަފާނެ އެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ފަސް މެޗުން ހަތަރު ގޯލް ޖަހައިފަ އެވެ.

ފޯލްސް ނައިން ސިސްޓަމުގައި އޭރިއާ ތެރެއަށް ހާއްސަވެގެން ސީދާ ފޯވާޑެއް ނުހުންނާނެ އެވެ. ފޯވާޑުގެ މަގާމަށް ކުޅޭ ކުޅުންތެރިއާ ކުޅޭނީ ވަރަށް ބޮޑަށް މެދުތެރެއަށް ޖެހިގެންނެވެ. ބޯޅަ ހޯދަން މިޑްފީލްޑަރުންނާ އެކު މެދުތެރޭގައި ހަރަކާތްތެރިވުމަށް ފަހު ކުރިން ހުސްވާ ޖާގަތަކަށް އަރައި އޭނާ ގޯލަށް އެޓޭކްކުރާނެ އެވެ. ބައެއް ފަހަރު ހުސްވާ ޖާގައަށް އެހެން މިޑްފީލްޑަރަކު ވެސް އަރައި "ފޯލްސް ނައިން ފޯވާޑް" ގެ މަގާމަށް ކުޅެފާނެ އެވެ.

ފޯލްސް ނައިން ސިސްޓަމުގައި އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ފޯވާޑް ހުއްޓުވަން އުޅޭއިރު ލަނޑު ލިބެ އެވެ. އެގޮތުން އޭނާ ފަހާ ދުވަން އުޅެން ހަދައިގެން ފަހަތުން އެހެން ކުޅުންތެރިންނަށް ހުސް ޖާގަތަކެއް ލިބެ އެވެ. ނުވަތަ އޭނާ ހުހަށް ދޫކޮށްލައިފި ނަމަ އެ ކުޅުންތެރިއާ އަށް މެދުތެރެއިން ބޯޅަ ހޯދައިގެން ކުރިއަށް ޖެހޭނެ ރަނގަޅު ޖާގަތަކެއް ލިބޭނެ އެވެ. ޖުމްލަކޮށް ބަލާއިރު މިއީ އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ބޮލުގެ ރިހުން ބޮޑު ޓެކްޓިކެކެވެ.

ޕެޕް ގާޑިއޯލާގެ ދައުރުގައި ލިއޮނަލް މެސީ ވެސް ފޯލްސް ނައިން މަގާމަށް ކާމިޔާބުކަމާ އެކު ކުޅުނެވެ.

ކޮލިފައިންގެ ގްރޫޕް ޖީ ގައި އިޓަލީ އާއި ސްޕެއިން 16 ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ސްޕެއިނެވެ. ގްރޫޕުގެ އެއް ވަނަ ހޯދައި ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ހޯދަން މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ. މި މެޗު އޮންނާނީ ރެއާލް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ހޮނިހިރު ދުވަހުގެރޭ 23:45 ގަ އެވެ.