Roadha Mihaaru
ސްޕެއިނަށް ލަނޑުގެ އީދެއް، އިޓަލީ ޕްލޭއޮފާ ދިމާލަށް

ސްޕެއިނަށް ލަނޑުގެ އީދެއް، އިޓަލީ ޕްލޭއޮފާ ދިމާލަށް

06 ސެޕްޓެމްބަރ 2017

ރެޖިއޯ އެމިލިއާ، އިޓަލީ (ސެޕްޓެމްބަރު 6) – ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލީޗްޓެންސްޓެއިން އަތުން 8-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހިލިއިރު އިޒްރޭލް އަތުން ހަނި ގޮތަކަށް 1-0 އިން މޮޅުވެ އިޓަލީން ދަށްވެގެން ޕްލޭއޮފާ ހަމައަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރެޖިއޯ އެމިލިއާ، އިޓަލީ (ސެޕްޓެމްބަރު 6) – ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލީޗްޓެންސްޓެއިން އަތުން 8-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހިލިއިރު އިޒްރޭލް އަތުން ހަނި ގޮތަކަށް 1-0 އިން މޮޅުވެ އިޓަލީން ދަށްވެގެން ޕްލޭއޮފާ ހަމައަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ގްރޫޕުގެ އެއް ވަނައިގައި 22 ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު އިޓަލީ ދެ ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. އެއް ވަނަ ޓީމަށް ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭއިރު ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ސްޕެއިނަށް އެ ފުރުސަތު ކަށަވަރުވާނެ އެވެ. އިޓަލީ އަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތީ ސްޕެއިން މަދުވެގެން އެއް މެޗުން ބަލިވެ އަނެއް ދެ މެޗުން އިޓަލީ އާދަޔާހިލާފު ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވެގެންނެވެ. ސްޕެއިނަށް ފައިދާ 29 ލަނޑު އޮތްއިރު އިޓަލީގެ ފައިދާ ލަނޑަކީ 12 އެވެ.

ސްޕެއިން އެއް ވަނަ ހޯދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭއިރު އިޓަލީ އަށް ދަށްވެގެން ދެ ވަނަ ކަށަވަރުކުރެވެން އޮތީ އަދި އެއް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި މި ވަގުތު 13 ޕޮއިންޓާ އެކު އޮތީ އަލްބޭނިއާ އެވެ. ޕްލޭއޮފުގައި ވާދަކުރަން ޖެހޭނީ ގްރޫޕްތަކުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ޓީމަކާ އެވެ. ދެ ލެގު ކުޅެ ކާމިޔާބު ހޯދާ ޓީމަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ އިޓަލީ ކުޅުނު މެޗު އެ ޓީމު ކޮންޓްރޯލް ކުރި ނަމަވެސް މޮޅުވެވުނީ ކިރިޔާ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ޖެހީ ޗީރޯ އިމޮބިލޭ އެވެ. މި މެޗުގައި އިޓަލީގެ އެންމެ މުހިއްމު ދެ ޑިފެންޑަރުންގެ ތެރެއިން ޖިއޯޖިއޯ ކިއެލީނީ އަނިޔާގެ ސަބަބުން ނުކުޅޭއިރު ސަސްޕެންޝަނުގެ ސަބަބުން ލިއޮނާޑޯ ބޮނޫޗީ ވެސް ނުކުޅެ އެވެ.

ރަށުން ބޭރުގައި ސްޕެއިން ކުޅެ ތަފާތު ބޮޑު މޮޅެއް ހޯދިއިރު މި މެޗުގައި އަލްވާރޯ މޮރާޓާ އާއި އިއާގޯ އަސްޕަސް، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އަނެއް ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ސާޖިއޯ ރާމޯސް އާއި އިސްކޯ އަދި ޑޭވިޑް ސިލްވާ އެވެ. ފަހު ލަނޑަކީ ލީޗްޓެންސްޓެއިންގެ މެކްސް ގޮޕެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.