Roadha Mihaaru
އިޓަލީން މޮޅަށް ކުޅުނު ސްޕެއިން ހިފަހައްޓައިފި

އިޓަލީން މޮޅަށް ކުޅުނު ސްޕެއިން ހިފަހައްޓައިފި

07 އޮކްޓޯބަރ 2016

ޓިއުރިން (އޮކްޓޯބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ، މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ސްޕެއިނުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި އިޓަލީ އިން 1-1 އިން އެއްވަރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (އޮކްޓޯބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ، މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ސްޕެއިނުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި އިޓަލީ އިން 1-1 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު އިޓަލީ ވަނީ ވޯލްޑް ކަޕް އަދި ޔޫރޯގެ ކޮލިފައިން މެޗަކުން ބަލިނުވެ 52 މެޗު ފުރިހަމަކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ މީގެ 10 އަހަރު ކުރިން 2006 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައި ފްރާންސް އަތުން 3-1 އިންނެވެ.

އިޓަލީގެ ޔުވެންޓަސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު، ސްޕެއިނަށް މެދުތެރެއިން ޖާގަ ލިބި އެ ޓީމުން ވަނީ އެއްކޮށް ކޮންޓްރޯލް ނަގައިފަ އެވެ. އެކަމަކު އެ ޓީމަށް ސީދާ ގޯލާ ސީދާކޮށް މާގިނަ ނުރައްކާތަކެއް ކުރެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ނެގީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ހެދި ގޯހެއްގެ ފައިދާ ނަގައި ވިޓޯލޯ އެވެ. އޭނާ އަށް ބޯޅަ ލިބުނު ވަގުތު ބުފޮން ކުރިއަށް އަރައި ޓެކްލް ޖެހި ނަމަވެސް، ވިޓޯލޯ ވަނީ އޭގެން ނެއްޓި ކުރިއަށް ޖެހި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މި ގޯލާ އެކު އިޓަލީން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހޯދިއިރު އެ ޓީމަށް އެއްވަރުކުރެވުނީ 82 ވަނަ މިނެޓުގައި އެ ޓީމުގެ އެޑާ މާޓިންސް އަށް ސްޕެއިނުގެ ސާޖިއޯ ރާމޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން ޑެނިއަލް ޑި ރޮސީ ޖެހި ގޯލުންނެވެ.

ގްރޫޕް ޖީ ގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ ލީންޗެސްޓީނާ އަތުން 2-0 އިން މޮޅުވި އަލްބޭނިއާ އެވެ. ސްޕެއިނާއި އިޓަލީ ހަތަރު ޕޮއިންޓާ އެކު އޮތްއިރު ލަނޑުގެ ތަފާތުން ދެ ވަނަ ލިބެނީ ސްޕެއިނަށެވެ.

ސްޕެއިނުގެ ކޯޗު ހުލެން ލޮޕެޓެގުއީ ބުނީ މޮޅަށް ކުޅެ ކޮންޓްރޯލް ނެގި ނަމަވެސް މޮޅުނުވުމުން ހައިރާންނުވާ ކަމަށާއި އިޓަލީ އަކީ އަޒުމް ވަރުގަދަ އަދި ފަހަތުން އަރައި ނަތީޖާ ނެރެން މޮޅު ބަޔެއްކަން އަބަދުވެސް އެނގޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، މުހިއްމު ބައެއް ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި ރީނދޫ ކާޑު ދައްކާފައިވުމުން ކުޅެން އުނދަގޫވި ކަމަށެވެ.

އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ ސްޕެއިނުގެ ވަރުގަދަ ކަމާއި އަދި އިޓަލީގެ އަނިޔާގެ މައްސަލަތަކާ ބަލާއިރު މިއީ ގޯސް ނަތީޖާއެއް ނޫން ކަމަށެވެ. އަދި މެޗުން އެނގިގެން ދިޔައީ އިޓަލީން ބޭނުންވެއްޖެ ނަމަ ކުރިއަށް ޖެހި އެޓޭކް ވެސް ކުރެވޭނެކަން ކަމަށާއި މި މެޗުން ބައިވަރު ފިލާވަޅުތަކެއް ލިބިއްޖެ ކަމަށެވެ.

ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ އޮސްޓްރިއާ އާއި ވޭލްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެކަމަކު ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ގްރޫޕުގެ އެއް ވަނައިގައި އޮތީ ވޭލްސް އެވެ.