Roadha Mihaaru
މައިންބަފައިންދެކެ ރުޅިން ކޮޓަރިން ނުނިކުމެ ތިން އަހަރު

މައިންބަފައިން ދެކެ ރުޅިއައިސްގެން ކޮޓަރިން ނުނިކުމެ ތިން އަހަރު އުޅެފި

03 ސެޕްޓެމްބަރ 2017

އިންޑިއާގެ އަވަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކޮޓަރި ތަޅުލައިގެން ކޮޓަރިން ނުނިކުމެ އުޅެފި އެވެ. އެއީ ގްރޭޑް 10 ގައި އެ ކުއްޖާއަށް ލިބުނު މާކްސް ދަށްވެގެން މައިންބަފައިން އެއްޗެހި ގޮވާ ވަރުން ކަމަށް އެ ކުއްޖާ ބުނެފައިވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ އަވަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކޮޓަރި ތަޅުލައިގެން ކޮޓަރިން ނުނިކުމެ އުޅެފި އެވެ. އެއީ ގްރޭޑް 10 ގައި އެ ކުއްޖާއަށް ލިބުނު މާކްސް ދަށްވެގެން މައިންބަފައިން އެއްޗެހި ގޮވާ ވަރުން ކަމަށް އެ ކުއްޖާ ބުނެފައިވެ އެވެ.

މިހާރު އުމުރުން 18 އަހަރުގެ މި ކުއްޖާ، ހަރިދްވާރުގައި ހުންނަ އޭނާގެ ގޭގެ ކޮޓަރީގައި ތަޅުލައިގެން ހުރި ތިން އަހަރު ތެރޭ އެއްގޮތަކަށް ވެސް ކޮޓަރި ތަޅު ނުހުޅުވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.

މި އަންހެންކުއްޖާގެ 15 އަހަރުގެ ފިރިހެން ކޮއްކޮގެ ކިޔެވުން ވެސް ދަށްވެގެން މައިންބަފައިން އެއްޗެހި ގޮވާތީ މިދިޔަ އަހަރު ގޭގެ އެހެން ކޮޓަރިއަކަށް ވަދެ ތަޅުލި ގޮތަށް ނުހުޅުވާ އަހަރަކަށް ވުރެ ގިނަ ދުވަހު އުޅެފައިވެ އެވެ.

މި އާއިލާ ދިރިއުޅޭ ޕަންޗްވަތީ ކޮލޮނީގައި ދިރިއުޅޭ މީހަކު އަންގާރަ ދުވަހު ފުލުހުންނަށް މި މައްސަލަ ހުށަހެޅީ އެ ކުދިން އެއްގޮތަކަށް ވެސް ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އެވެ.

ފުލުހުން ގޮސް ބެލިއިރު ދެ ކޮޓަރިއެއް އެތެރޭން ތަޅުލާފައި ހުއްޓާ ފެނުނެވެ. އެހެންވެ އެ ކުދިންނާ ވަރަށް ގިނައިރު ވާހަކަ ދައްކައިގެން ދޮރު ހުޅުވަން އެއްބަސްކުރުވީ ފުލުހުންނެވެ.

އެކުދިންގެ ބައްޕަ ބުނި ގޮތުގައި އަންހެންދަރިފުޅު ސްކޫލަށް ދިއުން ހުއްޓާލީ 2013 ގަ އެވެ. އަދި މާކްސް ދަށްވެގެން އެއްޗެހި ކިޔުމުން ރުޅި އައިސްގެން ކޮޓަރިއަށް ވަން ގޮތަށް ނުނިކުންނަ ކަމަށާއި މައިންބަފައިންނާ ވާހަކަ ދައްކަނީ ފޯނުން ނުވަތަ ނޯޓެއް ލިޔެގެން ކަމަށް އެ ކުދިންގެ ބައްޕަ ބުނެފައިވެ އެވެ.

މަންމަ ކައިރީގައި ކާއެއްޗެއް ދޭށޭ ބުނަން ވެގެން ހާލަކުން ފަހަރަކު އެ ކުއްޖާ ދޮރު ހުޅުވާލާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއިން ދުވަހަކު ވެސް އަންހެންކުއްޖާ ފެންވެރިހެނެއް ވެސް ހިޔެއް ނުވެ އެވެ. ކުއްޖާ ހުރީ އެހާވެސް މުޑުދާރުކޮށެވެ. އަދި ކިޔެވުމަށް ދަށްކަމުން މައިންބަފައިން އަބަދު އެއްޗެހި ކިޔާތީ ރުޅިއައިސްގެން އޭނާ ކޮޓަރިއަށް ވަދެ ތަޅުލައިގެން ހުރީ ކަމަށް ކުއްޖާ ފުލުހުން ކައިރީ ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ދެ ކުދިން ތަޅުލައިގެން ތިބި ކޮޓަރި ތަކުގައި ވެސް ޓީވީ އާއި އޭސީ އަދި ލެޕްޓޮޕް ވެސް ހުއްޓެވެ.

މީގެ ފަހުން ކޮޓަރި ތަޅުލައިގެން ނުތިބުމަށް ފުލުހުން ވަނީ މި ދެ ކުދިންނަށް އަންގާފަ އެވެ. އަދި މީގެ ފަހުން އެގޮތަށް ކަންތައް ކޮށްފި ނަމަ ސަރުކާރުން ކުދިން ބަލަހައްޓާ ތަނަކަށް އެކުދިން ގެންދާނެކަމަށް ވެސް ބުނެފައިވެ އެވެ.