Roadha Mihaaru
ގަތަރާއި ސައުދީގެ ވެރިންގެ ފޯނު ކޯލަށް ފަހު މަޝްވަރާތައް ހުއްޓުމަކަށް

ގަތަރާއި ސައުދީގެ ވެރިންގެ ފޯނު ކޯލަށް ފަހު މަޝްވަރާތައް ހުއްޓުމަކަށް

09 ސެޕްޓެމްބަރ 2017

ދޯހާ (ސެޕްޓެމްބަރު 9) - ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ފޯނުން ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ސެޕްޓެމްބަރު 9) - ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ފޯނުން ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

މިދިޔަ ޖޫން މަހު ގަތަރާ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އުފެދުނު ދެ ބަސްވުންތައް ހައްލު ކުރުމަށް ސައުދީ އާއި ގަތަރުން ދިޔައީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. ނަމަވެސް ގަތަރުގެ އަމީރާއި ސައުދީ ވަލީ އަހުދުގެ ފޯނު ކޯލަށް ފަހު ސައުދީން ބުނެފައި ވަނީ ދެ ބޭފުޅުން ދެއްކެވި ވާހަކަތައް އޮޅުވާލުމަށް ގަތަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގަތަރުގެ އަމީރާއި ސައުދީ ވަލީ އަހުދު ހުކުރު ދުވަހު ފޯނުން ގުޅުއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ދެ ބޭފުޅުންނާ ގުޅުއްވުމަށް ފަހު އެވެ. ގަތަރާއި ސައުދީގެ ވެރިންގެ ފޯނު ކޯލަކީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ފާލެއް ކަމަށް ކުރިން ބެލެވުނެވެ. އަދި މިއީ ޖޫން މަހު 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ފަހުން ދެ ގައުމުގެ ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ ހަތަރު ގައުމުން ޑިމާންޑް ކުރާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ގަތަރުގެ އަމީރު ބޭނުންވި ކަމަށެވެ. އަނެއްކޮޅުން ގަތަރުގެ ރަސްމީ ނޫސް އެޖެންސީން ބުނީ މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރާނެ ދެ މަންދޫބުން ކަނޑައެޅުމަށް ސައުދީ ވަލީ އަހުދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދާނީ އެއްވެސް ގައުމެއްގެ މިނިވަން ކަމާއި ސިޔާދަތަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ވަލީ އަހުދަށް ގުޅުއްވުމަށް އިސް ނެންގެވީ ގަތަރުގެ އަމީރު ކަމަށް އެ ގައުމުގެ މީޑިއާގައި ފާހަގަ ނުކުރުމުން ސައުދީން ވަނީ ރުޅިގަދަވެފަ އެވެ.