Roadha Mihaaru
ސައުދީ ސަމިޓްގައި ގަތަރުގެ އަމީރު ބައިވެރިނުވާނެ

ސައުދީ ސަމިޓްގައި ގަތަރުގެ އަމީރު ބައިވެރިވެވަޑައިނުގަންނަވާނެ

10 ޑިސެމްބަރ 2019

ދޯހާ (ޑިސެމްބަރު 10) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި މިއަދު ފަށާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ނިންމަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ޑިސެމްބަރު 10) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި މިއަދު ފަށާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ނިންމަވައިފި އެވެ.

ހަ ގައުމު ހިމެނޭ ޖީސީސީގެ 40 ވަނަ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަތަރުގެ އަމީރަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވި ނަމަވެސް އަމީރު ނިންމެވީ ސަމިޓުގައި ގަތަރު ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ބޮޑުވަޒީރު އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އަލް ސާނީ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސައުދީ ރަސްގެފާނުގެ ދައުވަތު ގަތަރުގެ އަމީރަށް ދެއްވީ ޕްރޮޓޯލް ފުރިހަމަކުރުމުގެ ގޮތުންނެވެ.

ޖީސީސީ ސަމިޓުގައި ގަތަރުގެ އަމީރު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވީ ކުވޭތުގައި 2017 ވަނަ އަހަރު ބޭއްވި ސަމިޓުގަ އެވެ. އެ ފަހަރު ސައުދީ އަރަބިއާ އިން ސަމިޓަށް ފޮނުވީ ޖޫނިއާ ވަފުދެކެވެ.

ޖޫން 5، 2017 ގައި ސައުދީން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހުރޭން، މިސްރު އަދި ދިވެހި ރާއްޖެ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީން ވަނީ ގަތަރާ ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ވެސް ކަނޑާލައިފަ އެވެ.

މިދިޔަ އަހަރު ރިޔާޒުގައި ބޭއްވި ޖީސީސީ ސަމިޓުގައި ގަތަރުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުރައިޚީ އެވެ.

ސައުދީ އާއި ގަތަރުގެ އިތުރުން ޖީސީސީގައި ހިމެނެނީ ބަހުރޭން، ކުވޭތު، އޮމާން އަދި ޔޫއޭއީ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު މިދިޔަ ހަފުތާގައި ރޯމްގައި ވިދާޅުވެފައި ވަނީ ދެ ގައުމުގެ މައްސަލަ ހައްލުކުރުމުގެ މަގަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި ރިޔާޒް އާއި ދޯހާއާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގަތަރުގެ ބޮޑުވަޒީރު މެއި މަހު ވަނީ ސައުދީގައި އޮތް މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެއީ ގަތަރު ބޮއިކޮޓް ކުރި ފަހުން ސައުދީގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ދޯހާގެ އެންމެ އިސް މަންދޫބެވެ.