Roadha Mihaaru
ގާސިމް ތިން މަހަށް ސިންގަޕޫރުގައި މަޑުކުރަން ލަފާދީފި

ގާސިމް ބޭސްފަރުވާ އަށް ތިން މަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރު ލަފާދެއްވައިފި

09 ސެޕްޓެމްބަރ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވައިފި އެވެ.

ހިތުގެ ބައްޔަކަށް އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ގާސިމް އިތުރު ފަރުވާއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ސިންގަޕޫރަށް ފުރުވާލައިފަ އެވެ. ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް، ބޭރުން ފަރުވާ ހޯދަން ދިނީ 10 ދުވަހެވެ.

ގާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ގާސިމަށް ދެއްވި ލިޔުމުގައި ވިދާޅުވީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ގާސިމްގެ ހިތުގެ ޓެސްޓުތަކެއް އަންނަ ހުކުރު ދުވަހު މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފެށުމަށް ނިންމާފައިވާއިރު، ސިއްހީ ހާލަތު ބެލުމަށާއި ފަރުވާ ދިނުމަށް ކުރިއަށް އޮތް ތިން މަހު ސިންގަޕޫރުގައި މަޑު ކުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ.

އަދި ދަތުރު ކުރެއްވޭ ވަރަށް ސިއްހީ ހާލަތު ރަނގަޅު ވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އަންނަ ހުކުރު ދުވަހު ގާސިމް އެޑްމިޓް ކުރަނީ "ކޮރޯނަރީ އެންޖިއޯގްރާމް އެންޑް ކޮރޯނަރީ އެންޖިއޮޕްލާސްޓީ" ހެދުމަށެވެ. އަދި ހިތުގެ ސާޖަރީ ފެށުމުގެ ކުރިން ދުވަސްކޮޅަކަށް ހޮސްޕިޓަލްގައި ގާސިމް އެޑްމިޓް ކުރާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައިވެ އެވެ.

ގާސިމަށް އިތުރު ފަރުވާދިނުމަށް ފުރާވަޑައިގެންނެވޭ ގޮތް ދިވެހި ސަރުކާރުން ހަދައި ދިނީ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ބޭރުން ހަދަން ޖެހޭ ކަމަށް އެތައް ޑޮކްޓަރުންނެއް އެކި ފަހަރު މަތިން ލަފާ ވެސް ދިނެވެ. އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދިއެއް ނުފަށަ އެވެ.

ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ، އޭނާއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ފަހުގެ އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. އޭނާ އެ ދުވަހު އައިޖީއެމްއެޗަށް ގެންދިއުމުން، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.