Roadha Mihaaru
ގާސިމްގެ ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް އާއިލާ އިން އެދިއްޖެ

09 ސެޕްޓެމްބަރ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެން، އެ މުއްދަތު ހަމަވަންދެން އޭނާ އަށް އެ ގައުމުގައި ހުންނެވުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން ސަރުކާރުގައި މިއަދު އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެން، އެ މުއްދަތު ހަމަވަންދެން އޭނާ އަށް އެ ގައުމުގައި ހުންނެވުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން ސަރުކާރުގައި މިއަދު އެދިއްޖެ އެވެ.

ގާސިމްގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާގެ ބައްޕަ ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ، ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އަދި ބައްޕަގެ ކޮރޮނަރީ އެންޖިއޯގްރާމާއި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހަދަން ޖެހިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހު މައުންޓް އެލިޒަތު ހޮސްޕިޓަލްގައި އެ ޕްރޮސީޖާ ހެދުމަށް ތާވަލުކޮށްފައިވާ ކަމަށް ދަރިކަލުންގެ ސިޓީގައިވެ އެވެ.

އަދި ގާސިމްގެ ސިއްހީ ހާލަތު ހަމަޔަކަށް އެޅެންދެން އޭނާގެ ހާލަތު ގާތުން ބަލަންޖެހޭނެ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށް ޑޮކްޓަރުގެ ލިޔުމާ ހަވާލާދީ ދަރިކަލުން ޔަގްސާން ވިދާޅުވި އެވެ.

"...ވީމާ ބައްޕަގެ ބޭސްފަރުވާ ފުރިހަމަ ކުރުމަށްޓަކައި ޑިސެމްބަރު 2017 ގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެވައި، އެމަނިކުފާނަށް ދެއްވާފައިވާ ޓްރެވެލް ޑޮކިއުމެންޓުގެ މުއްދަތު ވެސް އެ މުއްދަތަށް އިތުރު ކޮށްދެއްވުން އެދެމެވެ،" ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރު ކުރުމަށް އޭނާގެ ފަރާތުން އެދިވަޑައިނުގަންނަވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބައެއް މީޑިއާތަކުގައި ބުނުމާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސެއިން އާންމުކުރެއްވި ސިޓީގައި ދަރިކަލުން ޔަގްސާން ވިދާޅުވި އެވެ.

ގާސިމްގެ ވަކީލް ހިސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭސްފަރުވާ އަށް ގާސިމް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކަރެލްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީ މިއަދު ހެނދުނު 10:00 ގައި އެ އިދާރާ އަށް ބަލައިގެންފައިވާ ކަމަށެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ތިން މަސް ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އައިޖީއެމްއެޗުގައި ގާސިމް އެޑްމިޓްކޮށްފައި ވަނިކޮށް، ގާސިމް ތިން މަސް ދުވަހަށް ޖަލަށް ލާން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އޭނާ ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް ސަރުކާރުން ދިނީ 10 ދުވަހުގެ މުއްދަތެވެ.

އެ ހުއްދައާ އެކު ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ.

ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ދެއްވި ލިޔުމުގައި ވިދާޅުވީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ، އޭނާއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ފަހުގެ އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. އޭނާ އެ ދުވަހު އައިޖީއެމްއެޗަށް ގެންދިއުމުން، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.