Roadha Mihaaru
އިތުބާރު ނެތް ކަމަށް ފާސްވުމުން އިސްތިއުފާ ދޭން ދެކޮޅު

އިތުބާރު ނެތް ކަމަށް ފާސްކުރިއަސް އިސްތިއުފާ ދޭން ލޭބާ ޕާޓީގެ ލީޑަރު ދެކޮޅު

29 ޖޫން 2016

ލަންޑަން (ޖޫން 29) - އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހައްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 29) - އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އިސްތިއުފާ ދޭން ދެކޮޅު ހައްދަވައިފި އެވެ.

ލޭބާ ޕާޓީގައި ނެގި ވޯޓުގައި ކޯބިންގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 172-40 ވޯޓުންނެވެ. އެކަމަކު އެއީ ގާނޫނީ ގޮތުން އަމަލު ކުރަން ލާޒިމް އެއްޗެއް ނޫނެވެ.

އުމުރުން 67 އަހަރުގެ ކޯބީން ވިދާޅުވީ އޭނާ ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވާފައި ވަނީ މެންބަރުންގެ 60 ޕަސެންޓް އަޣުލަބިއްޔަތުން ކަމަށާއި އެހެންވެ އެ މީހުންނަށް ބޭވަފާތެރިވުމަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ޕާޓީގެ ލީޑަރު ޖެރެމީ އަށް އިތުބާރު އޮތްކަން ސަޕޯޓަރަކު ހާމަކުރަނީ. --ފޮޓޯ:އޭއެފްޕީ

ޕާޓީގެ ލީޑަރު ޖެރެމީ އަށް އިތުބާރު އޮތްކަން ސަޕޯޓަރަކު ހާމަކުރަނީ. --ފޮޓޯ:އޭއެފްޕީ

"މެންބަރުން މިއަދު ނެގި ވޯޓުގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް،" ކޯބީން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ކޯބީން އިސްތިއުފާ ދިނުމަށް ޕާޓީގެ ތެރޭން ޕްރެޝަރު ކުރިމަތިކުރަމުން ދަނީ ބުރާސްފަތި ދުވަހު ނެގި ވޯޓުގައި އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ފާސްވުމާ ގުޅިގެންނެވެ. ވޯޓުގެ ނަތީޖާ އަށް ފަހު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ބައެއް ކެންޑިޑޭޓުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ޑިޕިއުޓީ ލީޑަރު ޓޮމް ވޮޓްސަން އާއި ކުރީގެ ވިޔަފާރިއާ ބެހޭ ހިޔަނި ވަޒީރު އެންޖެލާ އީގަލް ހިމެނެ އެވެ.