Roadha Mihaaru
"ކޮންމެ ދުވަހަކު ދޫނުދެވޭނެ، މިއީ ޓީމުގެ ނިންމުމެއް"

ކޮންމެ ދުވަހަކު ދުލެއް ނުކުރެވޭނެ، މިއީ މުޅި ޓީމުގެ ނިންމުމެއް: ސޮބާ

12 ސެޕްޓެމްބަރ 2017

ރެފްރީން ނިންމާ ގޯސް ނިންމުމެއްގެ ސަބަބުން މެޗެއް ނުވަތަ މުބާރާތެއް ގެއްލިގެންދާ މަންޒަރު ބަލަން ކޮންމެ ދުވަހަކު ދޫކޮށްނުލެވޭ ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަކުރަން ދެކޮޅު ހެދީ އެހެންވެ ކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރެފްރީން ނިންމާ ގޯސް ނިންމުމެއްގެ ސަބަބުން މެޗެއް ނުވަތަ މުބާރާތެއް ގެއްލިގެންދާ މަންޒަރު ބަލަން ކޮންމެ ދުވަހަކު ދޫކޮށްނުލެވޭ ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަކުރަން ދެކޮޅު ހެދީ އެހެންވެ ކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މިރޭގެ މެޗުގައި މާޒިޔާ 1-0 އިން ކުރީގައި އޮއްވާ މެޗު ހުއްޓާލަން ޖެހުނީ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު މުހައްމަދު ދެއްކި ކާޑަކާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިން ރެފްރީ އަށް ހުރަސް އަޅައި އަދި މެޗު ކުރިއަށްގެންދަން ދެކޮޅު ހެދުމުންނެވެ.

ފުރަތަމަ ހާފުގައި މެޗަށް އިންސާފުކުރި ރެފްރީ އާދަމް ފަޒީލް، އިލިއާ އަށް ރީނދޫ ކާޑެއް ދައްކާފައިވައިރު ދެ ވަނަ ހާފުގައި ނިއުޝާދު ދެއްކި ރީނދޫ ކާޑާ އެކު އިލިއާ އަށް ރަތްކާޑެއް އަންނާނެ އެވެ. އެކަމަކު ރެފްރީ އަށް ރަތްކާޑު ނުނެގެނީސް ގްރީންސްޓްރީޓްސްގެ ކެޕްޓަން ޝައްފާޒް މުހައްމަދު (ސައްޕޭ) އޭނާ ފަހަތުން ދުއްވައިގެތެވެ. ރެފްރީ ފަހަތަށް ޖެހުމުން ގޮސް ރެފްރީންގެ މޭޒު ކައިރިއަށް ދިޔަ އެވެ. ރެފްރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން އިލިއާ އަށް ރީނދޫ ކާޑު ދެއްކިއިރު ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ބުނަނީ އިލިއާ "ގޯސް އެއްޗެއް" ނުބުނާ ކަމަށެވެ.

މެޗަށް ފަހު މޯލްޑިވްސޮކާއާ ވާހަކަދައްކަމުން ސޮބާ ބުނީ މިއީ މި ރެފްރީ އަރުވައިގެން ގްރީންސްޓްރީޓްސް އަށް މައްސަލަތަކެއް ކުރިމަތިވި މިއީ ތިން ވަނަ މެޗު ކަމަށެވެ.

"މާލޭ ލީގުގައި ޓީސީ މެޗެއް ހަމަ މި ރެފްރީ އަރައިގެން ވަރަށް ޕުއާ ޑިޒިޝަނެއް (ދިޔަ). އެ ދުވަހު ޓީސީ އަށް ޕެނަލްޓީއެއް (ދީ). ދެން ކޮންމެހެން އެ ވާހަކަތައް އަލުން ނަގައިގެން ދައްކާކަށް ނޫން. ދެން އަނެއްކާ ކުރިން ދުވަހު ނިއު ރޭޑިއަންޓް މެޗުގައި (ވެސް)،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ މިއަދުގެ މެޗުގައި ވެސް ފުރަތަމަ ލައިންސްމަންސް ހުރެފައި އަނެއްކާ ފަހުން އަރާ އެ އަމަލުކުރި ގޮތްތަކެއް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

ސޮބާ ބުނީ ކޮންމެ ދުވަހަކު މިކަހަލަ ކަންތައްތަކެއްވާއިރު، ކްލަބުން ވެސް މެޗާ ކުރިމަތިލަނީ ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފައި ކަމަށާއި މުބާރާތުގައި ވާދަކުރަނީ ކުޅުންތެރިންނާއި އެންމެން އަދި މުޅި ޓީމުން ވަރަށް ބައިވަރު ފައިސާތަކެއް ހަރަދުކޮށްގެން ކަމަށެވެ.

"ކޮންމެ ދުވަހަކު މިހެން މި މީހުން އެ ނަގާ އެންމެ ޑިޒިޝަނަކުން މުޅި މެޗު ގެއްލިގެން ނޫނީ މުބާރާތް ގެއްލިގެން، އެގޮތަށް ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް މިއެއްޗެހި ހަޖަމްކޮށްގެން ނޫނީ އެ ހަދާނެ ގޮތެއް ހަދަންދެން އަޅުހަނޑުމެންނަށް ނެތް އަސްލު އޭތި ދޫކޮށްލައިގެން ތިބެވޭކަށް،" ސޮބާ ބުންޏެވެ.

"އެގޮތުން އަޅުގަނޑު ހަމަ މިއަދު، މުޅި ޓީމުން އަޅުގަނޑުމެން ހަމަ ނިންމީ އެ ރެފްރީ އަރުވައިގެން މި ކޮންޓިނިއުނުކުރާނެ ކަމަށް."