Roadha Mihaaru
ޓީމުތައް ކުރިއަރައިފި، ފަސޭހަކުރެވެން ނެތް: ސޮބާ

ޓީމުތައް ކުރިއަރައިފި، ފަސޭހަކުރެވެން ނެތް: ސޮބާ

24 އޯގަސްޓް 2017

މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް އައި ޓީމުތަކުން މިހާރު ވެސް ކުރިއެރުން ހޯދައިފި ކަމަށާއި މިއަދު ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު މި މެޗު އެއްވެސް ގޮތަކުން ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށް އެ ޓީމާ ދެކޮޅަށް ކުޅޭ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް އައި ޓީމުތަކުން މިހާރު ވެސް ކުރިއެރުން ހޯދައިފި ކަމަށާއި މިއަދު ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު މި މެޗު އެއްވެސް ގޮތަކުން ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށް އެ ޓީމާ ދެކޮޅަށް ކުޅޭ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ލީގުގައި އިއްޔެ ށ. މިލަންދޫ އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބް ހިފަހައްޓައިފަ އެވެ. އަދި ރޭ ގދ. ތިނަދޫ އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސަލާމަތްވީ ފަހު ވަގުތު އެވެ. މިއަދު ގްރީން ސްޓްރީޓްސް އިން ކުޑަހުވަދޫއާ ބައްދަލުކުރާއިރު މި މެޗުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ގްރީން އަށް އެބައޮތެވެ.

ސޮބާ ބުނީ ކުޑަހުވަދޫ އަށް މި މުބާރާތުގައި އަދި ނަތީޖާ ނެރެވިފައިނުވި ނަމަވެސް އެ ޓީމުން ދައްކާ ކުޅުމަށް ސަމާލުވާންޖެހޭ ކަަމަށެވެ.

"މި ފެނުނު މެޗުތަކަށް ބަލާއިރު އަސްލު ތިން މެޗު ކުޅުނުއިރު ޓީމުތަކުގެ ކުރިއެރުން ވަރަށް ރަނގަޅަށް ފެނިއްޖެ. ކުޑަހުވަދޫ އަށް ބަލާއިރު މޯހަން ކޯޗާ އެކު ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ޓީމެއް. ބޯޅަތައް ތެޅުުގެ ބަދަލުގައި ޑިފެންސްކުރުމުގެ ބަދަލުގައި ތިރިން ބޯޅަ ކުޅެގެން ކުޅޭ ޓީމެއްކަން ފާހަގަވި. ހާއްސަ ކޮށްލަން ނަމްބަރު 7 (އާދަމް ޝަހީމް)،" އޭނާ ބުންޏެވެ.

ސޮބާ ބުނީ މެޗުގެ ކުރިން ކުޅުންތެރިންނަށް މި މެޗުގެ މުހިއްމުކަން ބުނެދެމުން އަންނަ ކަމަށެވެ.

"މި މެޗު ފަސޭހަކޮށް ނުނަގާނަން. ހުރިހާ ގޮތަކުން ބެލިޔަސް ސީޒަން ރަނގަޅު ހިސާބެއްގައި ނިންމާލަން ބަލާކަމަށްވަންޏާ މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް ހޯދަން ޖެހޭ. މިއީ ވަރަށް ސީރިއަސް މެޗެއް. ކުޅުންތެރިން އަސްލު ފޯމުގައި ކުޅެފިއްޔާ މިއީ މޮޅުވެވޭނެ މެޗެއް. ފުރަތަމަ އަމާޒަކީ ތިން ޕޮއިންޓް އެ އަށް ފަހު ދެން އިތުރު ވާހަކައެއް ދެއްކެން އޮތީ،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދިއިރު އެ ޓީމަށް އެ މުބާރާތުން ޕޮއިންޓު ގެއްލުނީ ލީގުގެ ހަތް ވަނައިގައި ނިންމާލި ވެލެންސިއާ އަތުންނެެވެ. އެ ޓީމު އަތުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލި ޓީމުތަކުން ވަނީ ޕޮއިންޓް ހޯދައިފަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޑަހުވަދޫއާ ދެކޮޅަށް ޓީސީ އާއި މާޒިޔާ އިން ވަނީ ނަތީޖާ ނެރެފަ އެވެ.

"ލީގެއް ވެއްޖެއްޔާ ކޮންމެ މެޗެއް ވެސް މޮޅުވުން މުހިއްމު އެއީ ކޮންފިޑެންސާ އެހެން ކަންކަމަށް ވެސް އޭތި އިންނާތީ. ހާއްސަކޮށް އަދި ކޮންމެ ބޮޑު ޓީމެއް ޕޮއިންޓް ނަގާ މެޗުތަކުން އަޅުގަނޑު މެން ވެސް އެބަޖެހޭ ޕޮއިންޓް ނަގަން. އެކަމަކު މެޗުދާ ގޮތަކުން ނުލިބި ވެސް ހިގައިދާނެ. އެހެން ޓީމުތަކުން ތިން ޕޮއިންޓް ނަގާ މެޗަކުން އަޅުގަނޑުމެންގެ އަތުން ގެއްލިއްޖިއްޔާ އެ އެޅެނީ ފިޔަވަޅެއް ފަހަތަށް އެކަމަށް ވިސްނަން ޖެހޭ،" ސޮބާ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަކީ ސޮބާގެ ކެރިއަރުގައި ވަރަށް މުހިއްމު ފަރާތެއް ކަމަށާއި ގައުމީ ޓީމާއި ކްލަބް ލެވެލްގައި ވެސް މޯހަންއާ އެކު މަސައްކަތް ކޮށްފައިވާ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"މޯހަން ކޯޗަކީ އަޅުގަނޑު އަބަދުވެސް ވަރަށް ރެސްޕެކްޓް ކުރާ ކޯޗެއް. އަޅުގަނޑު 23 އަހަރުން ދަށުގެ ޓީމަށް ކުޅުނުއިރު ކެޕްޓަނަކަށް ހުރީ މޯހަން ކޯޗުގެ އިރުޝާދުގެ ދަށުން. ދެން އެ އަށް ފަހު ވެސް މޯހަން ކޯޗާ އެކު ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރިން ވަރަށް ކާމިޔާބުކޮށް ދިޔައީ ވެސް. ސީނިއާ ޓީމުގައި ވެސް އަޅުގަނޑު 12 އަހަރު ހޭދަކުރިއިރު މޯހަން ކޯޗާއި ސާންތީ ކޯޗު އެސިސްޓަންޓަކަށް ހުރި. ދެން ނިއުގައި ވެސް މޯހަން ކޯޗާ އެކު މަސައްކަތް ކުރިން. އަޅުގަނޑު ދެކޭ ގޮތުގައި މޯހަން ކޯޗަކީ ރާއްޖޭގެ ޓޮޕް ތިން ކޯޗުގެ ތެެރެއިން އެކަކު. އަނެއްކާ އޭއެފްސީގެ އިންސްޓްރަކްޓަރެއް،" ސޮބާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށާއި އެެހެން ނަމަވެސް އެއީ ކޮންމެ ދުވަހަކު ވާނެ ކަންތައްތަކެއް ނޫން ކަމަށް ސޮބާ ވަނީ ފާހަގަކޮށްފަ އެވެ.

"އާދައިގެ ގޮތަކަށްދާ ދުވަސް ވެސް ދާނެ. އެކަމަކު އޭގެ މާނަ އަކީ އެ ކުޅުންތެރިއާގެ ގޯސް ވާހަކަ ދައްކާ އޭނާ މޯރަލީ ހަލާކު ކޮށްލުމެއް ނޫން. ދެން އޮތް މެޗެއްގައި އެކަން ރަނގަޅު ކުރުން އޮތީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ބްރޭކަކަށް ދިއުމުގެ ކުރިން މޮޅަކާ އެކު ނިންމާލުމަކީ ކުޅުންތެރިންނަށް ވެސް ލިބޭނެ ފަސޭހައެއް ކަމަށެވެ.