Roadha Mihaaru
ރެފްރީ ސަސްޕެންޑްކޮށް އަމީޒް މަގާމުން ވަކިކޮށްފި

ރެފްރީ ސަސްޕެންޑްކޮށް ރެފްރީސް ޑިޕާޓްމަންޓުން އަމީޒް ވަކިކޮށްފި

12 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި ގްރީންސްޓްރީޓްސްގެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދު ވަގުތީ ގޮތުން ސަސްޕެންޑްކޮށް ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކުރަން އެފްއޭއެމުން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި ގްރީންސްޓްރީޓްސްގެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދު ވަގުތީ ގޮތުން ސަސްޕެންޑްކޮށް ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކުރަން އެފްއޭއެމުން ނިންމައިފި އެވެ.

ރޭގެ މެޗު ހުއްޓާލަން ޖެހުނީ، ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު ދެއްކި ކާޑަކާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީ އަށް ހުރަސް އަޅައި އަދި މެޗު ކުރިއަށްގެންދަން ދެކޮޅު ހެދުމުންނެވެ. ގްރީންސްޓްރީޓްސް އިން ވަނީ ނިއުޝާދުގެ ޝަކުވާ މީގެ ކުރިން ވެސް އެފްއޭއެމުގައި ކޮށްފަ އެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން ތަކުރާރުކޮށް މުހައްމަދު ނިއުޝާދުގެ މައްސަލަތަކެއް އެ އެސޯސިއޭޝަނަށް ހުށައަޅާފައިވާތީވެ، އެ މައްސަލަތައް އެ އެސޯސިއޭޝަނުގެ ރެފްރީސް ކޮމިޓީން ބަލައި ވަކި ގޮތެއް އަންގަވަންދެން، އެ އެސޯސިއޭޝަނުގެ މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީކަން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަދި އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެފްއޭއެމުގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާތީވެ، އެ ޑިޕާޓްމަންޓާ މިހާރު ހަވާލުވެ ހުންނެވި އަހުމަދު އަމީޒް ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހާސިލްކޮށްފައިވާ އަމީޒަކީ ރާއްޖެ އާއި ބައިނަލްއަގްވާމީ ގިނަ މެޗުތަކެއްގައި ރެފްރީކަންކޮށްފައިވާ އިތުބާރު ރެފްރީއެކެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ފެންނަނީ ހިންގުމުގެ ދާއިރާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއުޝާދު ހުރީ އެސިސްޓަންޓް ރެފްރީއަކަށެވެ. އެކަމަކު އާދަމް ފަޒީލުގެ ބަދަލުގައި ދެ ވަނަ ހާފުގައި އޭނާ މެދަށް ނުކުތެވެ. މާޒިޔާ 1-0 އިން ކުރީގައި އޮއްވާ، މައްސަލަ އުފެދުނީ ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އާއި ގްރީންސްޓްރީޓްސްގެ އަލީ އިފާޒާ ދެމެދު ބޯޅަ ނެތީސް ދެބަސްވުމެއް ހިނގައި، އެސިސްޓަންޓް ރެފްރީގެ ލަފާގެ މަތިން ރެފްރީ އިފާޒަށް ރީނދޫ ކާޑު ދެއްކުމުންނެވެ.

މާލޭ ލީގުގެ މެޗެއްގެ ތެރެއިން ރެފްރީ އަމީޒު (މ): އޭނާ ވަނީ މަގާމުން ވަކިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭ ލީގުގެ މެޗެއްގެ ތެރެއިން ރެފްރީ އަމީޒު (މ): އޭނާ ވަނީ މަގާމުން ވަކިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމާ ހިތްހަމަނުޖެހިގެން ރެފްރީއާ ދިމާލަށް އިލިއާ އެއްޗެކޭ ބުނުމުން އިލިއާ އަށް ރެފްރީ ރީނދޫ ކާޑެއް ދެއްކި އެވެ. އެކަމަކު ދެ ވަނަ ރީނދޫ ކާޑާއާ އެކު ރެފްރީ ރަތްކާޑު ނުނެގުމުން މާޒިޔާ ކުޅުންތެރިން އެކަން ފާހަގަކުރި އެވެ. އޭރު ގްރީންސްޓްރީޓްސްގެ ކުޅުންތެރިން އައީ އިލިއާ އަށް ދެއްކި ކާޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ ވަގުތު ރެފްރީ، ލަފާކުރެވޭ ގޮތުގައި ކުރިން އިލިއާ އަށް ރީނދޫ ކާޑު ދައްކާފައިވޭތޯ ބެލުމަށް ފޮތް ނެގިތަނާ، ގްރީންގެ ކެޕްޓަން ޝައްފާޒް މުހައްމަދު (ސައްޕޭ) އޭނާގެ ފަހަތުން ދުއްވައިގަތެވެ. ސައްޕޭ ދިޔައީ އިލިއާގެ ކާޑާ މެދު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އިލިއާ އަށް ރަތްކާޑު ނުދެއްކެނީސް ރެފްރީގެ ފަހަތުން ސައްޕޭ ދުއްވައިގަތުމާ އެކު ރެފްރީ ފަހަތަށް ޖެހުމުން ގޮސް އައީ ރެފްރީންގެ މޭޒު ކައިރިއަށެވެ. އެއާ އެކު ސައްޕޭ އާއި ގްރީންސްޓްރީޓްސްގެ އެހެން ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލި އެވެ. އަދި އެ ރެފްރީއާ އެކު މެޗު ނުކުޅޭނެ ކަމަށް ވެސް ގްރީންގެ ބައެއް ކުޅުންތެރިން ބުނަމުން ދިޔަ އެވެ. މެޗު ކޮމިޝަނަރާއި އެފްއޭއެމްގެ އޮފިޝަލުން ވެސް އެތަނުގައި މަޝްވަރާކުރަމުން ދިޔަ ނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވި އެވެ. އެހެންވެ އެންމެ ފަހުން މެޗު ކުރިއަށްނުގެންދާ ގޮތަށް ނިންމީ އެވެ.

ރޭގެ މެޗާ މެދު ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ކޮމިޓީ އާއި ކޮމްޕެޓިޝަން ކޮމިޓީންނެވެ. އެއް ޓީމަކުން މެޗު ފުރިހަމަކުރަން ދެކޮޅު ހަދައިފި ނަމަ ނުވަތަ އެ ޓީމެއްގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭ ނަމަ އިދިކޮޅު ޓީމު މެޗުން މޮޅުވީ ކަމަށް ނިންމާނެ އެވެ.