Roadha Mihaaru
ނިއު ވަރުގަދަ އެކަމަކު ބޭނުންހާ ގޮތެއް ނުހެދޭނެ: ސޮބާ

ނިއު ވަރުގަދަ އެކަމަކު ގްރީން އަށް ބޭނުންހާ ގޮތެއް ނުހެދޭނެ: ސޮބާ

18 އޯގަސްޓް 2017

ނިއު ރޭޑިއަންޓް ވަރަށް ބޮޑަށް ވަރުގަދަވެއްޖެ ކަމަށާއި އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެ ޓީމަށް، ގްރީންސްޓްރީޓްސް އަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއު ރޭޑިއަންޓް ވަރަށް ބޮޑަށް ވަރުގަދަވެއްޖެ ކަމަށާއި އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެ ޓީމަށް، ގްރީންސްޓްރީޓްސް އަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މާލޭ ލީގުގެ ދެ ވަނަ ބުުރުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް ވަނީ 3-0 އިން ނިއު ބަލިކޮށްފަ އެވެ. ގްރީން މާލޭ ލީގުގެ ދެ ވަނަ ހޯދިއިރު ނިއު ދިޔައީ ތިން ވަނަ އެވެ. ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް މިހާތަނަށް ކުޅުނު ދެ މެޗުން ށ. މިލަންދޫ އާއި ގދ. ތިނަދޫ އަތުން މޮޅުވީ 2-1 އިންނެވެ.

ސޮބާ ބުނީ މި ފަހަރު ނުކުންނަން މި ޖެހެނީ މުޅިން ތަފާތު އަދި ވަރުގަދަ މެޗަކަށް ކަމަށެވެ.

"މިއީ ފައިނަލެއް ހަމަ. އެއީ ހުރިހާ ގޮތަކުން ބެލިޔަސް ނިއު ރޭޑިއަންޓް ވަރުގަދަކޮށް މިއޮތީ. ނިއު ރޭޑިއަންޓް މިހާރު އޮތީ މާލޭ ލީގުގެ ޓީމެއް ނޫން. ހުރިހާ ގޮތަކުން ބެލިޔަސް މާ ތަފާތު ނިއު ރޭޑިއަންޓެއް މިއޮތީ. ހަގީގަތް ގަބޫލުކުރަން ޖެހޭނެ. އެއްވެސް ގޮތަކަށް މި މެޗު ފަސޭހަކޮށް ނުގެނޭނެ. މިއީ މިސީޒަނުގައި ނުކުންނާނެ އެންމެ ވަރުގަދަ 90 މިނިޓް،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އޭނާ ކުޅުނުއިރު ވެސް އަދި ކޯޗިން ކެރިއަރުގައި ވެސް އެއްވެސް މެޗަކަށް ނުކުންނައިރު ބަލިވާނެ ކަމަށް ދެކިގެން ނުނިކުންނާނެ ކަމަށެވެ.

"ކުޅުނުއިރު ވެސް މިހާރު ވެސް އަޅުގަނޑު ނުދާނަން މެޗު ހަދިޔާ ކުރަން. އަޅުގަނޑުމެން ފުރަތަމަ ސިކުންތުން ފަހު ސިކުންތާ ހަމައަށް މަސައްކަތް ކުރާނަން. ނިއު އަށް ފަސޭހައެއް ނުވާނެ. އަޅުގަނޑު ބުނާނީ އިރާދަކުރެއްވިއްޔާ ނިއު ގައި ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް ގްރީން ސްޓްރީޓްސް އަކަށް ބޭނުން ގޮތެއް ހަދާނުލެވޭނެޔޭ،" ސޮބާ ބުންޏެވެ.

ސީޒަނުގެ ހުރިހާ މުބާރާތަކަށް ޓާގެޓްކޮށްގެން ނުކުތް ނިއު އަށް މާލޭ ލީގު ގެއްލިފައިވާއިރު ޕްރިމިއާ ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. ސޮބާ ދެކޭގޮތުގައި މި މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ ނިއު އަށެވެ.

"މި ލެވެލްގައި ކުޅޭއިރު ހުރިހާ ކޯޗުންނަށް ވެސް ޕްރެޝަރު އޮންނާނެ. ނިއު ރޭޑިއަންޓަކީ އެންމެ ބޮޑު ކްލަބް އެންމެ ސަޕޯޓަރުން ގިނަ ކްލަބް. މިހާރު ނިއު ޗެއާމަން އަންނަނީ ޓީމަށް ބޭނުންވާ ހުރިހާ ކަމެއްހެން އަޅުގަނޑުމެންނަށް ވެސް ލޯ މައްޗަށް ފެންނަ ގޮތަށް ކޮށްދެމުން. މިހުރިހާ ކަމެއް ކޮށްދޭއިރު ރިޒަލްޓް ނާންނަ ކަމަށްވަންޏާ އަޅުގަނޑު ދެކޭ ގޮތުގައި ޕްރެޝަރު އޮންނާނެ. އަދި ކަންތައްތައް ވެފައި އޮތް ގޮތަށް ބަލާއިރު މި ކޯޗު (އޮސްކާ) ދިއުމުގެ ފުރުސަތު ވެސް އެބައޮތް،" ސޮބާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްގެ ސައްޕޭ(ވ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްގެ ސައްޕޭ(ވ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެން ނަމަވެސް ސޮބާ ބުނީ ކުޅުންތެރިންނަށް ބަލާއިރު ތިބީ ޕްރެޝަރާ ކުރިމަތިލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.

"ޕްރެޝަރާ ކުރިމަތިލެވޭ ފެންވަރުގެ ކުޅުންތެރިން އެ ޓީމުގައި އެތިބީ. އެންމެ މަތީ ފަންތީގައި ކުޅެ ބައިވަރު ހިސްޓްރީއެއް މޭކް ކޮށްފައި ތިބި ކުޅުންތެރިން ތިބީ. ހަގީގަތުގައި ބުނެވިދާނެ އެ ޕްރެޝަރާ އެކު ވެސް އެޑްވާންޓް އޮތީ ނިއު އޮތް ކަމަށް،" އޭނާ ބުންޏެވެ.

ސޮބާ ވަނީ 2015 ވަނަ އަހަރު ނިއުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ އެ ޓީމުން ވަކިކުރީ އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ އަތުން ބަލިވުމުންނެވެ. އަދި ސޮބާ ނިއުއިން ވަކިކުރުމަށް ފަހު އެ ޓީމާ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރުނެވެ. އެހެން ނަމަވެސް ސޮބާ ވަނީ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

"ވަރަށް ގާތް ޓީމެއް ނިއު ރޭޑިއަންޓަކީ. މެނޭޖްމަންޓާއި ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނަކީ އަޅުގަނޑާ އެކު މަސައްކަތް ކުރި މީހުން. ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ އަޅުގަނޑު ފެށީ ނިއު ރޭޑިއަންޓުން އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ސީޒަން ނިންމާލިން އެ ފަހަރު. އަޅުގަނޑާ ނިއު ރޭޑިއަންޓާ އެއްވެސް މައްސަލައެއް ނެތް. މި މަންޒަރު ހަޑިކޮށްލަން އަޅުގަނޑާ ދިމާލަށް ވަރަށް ހަޑިހުތުރު ބަހުން ބުނާ ބޭފުޅުންނަށް ބުނެލަން އޮތީ އަޅުގަނޑާ ނިއުއާ އެއްވެސް މައްސަލައެއް ނެތޭ،" ސޮބާ ބުންޏެވެ.

ނިއުއާ ދެކޮޅަށް ނުކުތުމުގެ ކުރިން މާޒިޔާ އިން ވެސް ވަނީ އެ ޓީމުގެ އެޓޭކުގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އަދި އަލީ ފާސިރު (ސެންޓޭ)ގެ ނުރައްކާ ބޮޑުވާނެ ކަމަށް ބުނެފަ އެވެ. ސޮބާ ވެސް އެކަމަށް އެއްބަސްވި އެވެ.

"ޓީމެއްގެ ގޮތުގައި ގްރީން ސްޓްރީޓްސް ފެނިފައި ހުންނާނީ. އިންޑިވިޖުއަލީ އެއް ނޫން. ނިއުގައި އެ ތިބި ސެންޓޭ (ފާސިރު)، ގަލާޑޯ، އަޝްފާގު (ދަގަނޑޭ) މި ކުޅުންތެރިންނަކީ ކޮންމެ ގަޑިއަކު ވެސް އިދިކޮޅު ފޫއަޅުވާލެވޭނެ ކުޅުންތެރިން. އަޅުގަނޑު ވަރަށް ސަމާލުވާނަން. ފަޅި ފުރުސަތެއް މި ކުޅުންތެރިންނަށް ލިބުނަސް ބޭނުން ހިފާނެ،" އޭނާ ބުންޏެވެ.

ގްރީން ސްޓްރީޓްސް އަކީ ލީގަށް އެންމެ އާ ޓީމު ކަމަށާއި އެކަން ދަނެގެން މިހާތަނަށް ހޯދުނު ކާމިޔާބީއާ މެދު ވަރަށް އުފާކުރާ ކަމަށާއި މިއަދުގެ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެ ޓީމުގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"ފާޑުކިއުންތައް ހުންނާނެ. ކުޅުންއިރު ވެސް ބައިވަރު އެކަހަލަ އިނގިލިތައް ވެސް ދިއްކުރި. މިހާރު ވެސް އަޅުގަނޑު މިހުރީ އެ ގޮތުގައި. އަދި މާދަމާ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އަޅުގަނޑެއް ފަސް އެނބުރި ނުދާނަން. އަޅުގަނޑު ވެއްޓިއްޖިއްޔާ ވަރަށް ބާރަށް ތެދުވާނަން،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ނިއު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.