Roadha Mihaaru
ހުއްޓާލި މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމައިފި

ހުއްޓާލި މެޗުން ގްރީން އަތުން މާޒިޔާ މޮޅުވި ކަމަށް ނިންމައިފި

14 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލި މެޗުން ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވީ ކަމަށް އެފްއޭއެމުން މިރޭ ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލި މެޗުން ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވީ ކަމަށް އެފްއޭއެމުން މިރޭ ނިންމައިފި އެވެ.

މާޒިޔާ 1-0 އިން ކުރީގައި އޮއްވާ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ސޮބުލް އިލިއާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެންނެވެ. އިލިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ނުދެއްކެނީސް އެ ޓީމުގެ ޝައްފާޒް މުހައްމަދު (ސައްޕޭ) މައްސަލަ ޖައްސަމުން ރެފްރީ މުހައްމަދު ނިއުޝާދު ފަހަތުން ދުވަން ފެށުމުން ރެފްރީ ފަހަތަށް ޖެހެމުން ގޮސް ދަނޑުން ފޭބި އެވެ. އެތަނުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލައިގެން ނުރުހުން ފާޅުކުރިއިރު މެޗު ކުރިއަށްނުގެންދެވޭނެ ކަމަށް މެޗު ކޮމިޝަނަރު ނިންމީ އެގޮތުގައި ތިރީހަކަށް މިނެޓު ދިޔަ ފަހުންނެވެ.

މުބާރާތުގެ ކޮމިޓީ އަށް މެޗުގެ ރެފްރީ އާއި މެޗު ކޮމިޝަނަރު ހާޒިރުކޮށް އެމީހުންގެ ވާހަކަ އާއި މެޗުގެ ރެފްރީސް ރިޕޯޓާއި މެޗު ކޮމިޝަނަރު ރިޕޯޓަށް ބެލުމަށް ފަހު ކޮމިޓީން ނިންމީ މެޗު އެ ހިސާބުން ނިމުނީ ކަމަށެވެ. އަދި މުބާރާތުގެ ގަވައިދުގެ 11.6 އާއި 11.7 އަށް ރިއާޔަތްކޮށް މާޒިޔާ އަށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ލިބުނު ކަމަށް ވަނީ ނިންމައިފަ އެވެ.

މި މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) މީގެ ކުރިން "މިހާރަ"ށް ބުނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަކުރަން ގްރީންސްޓްރީޓްސް އިން ދެކޮޅު ނަހަދާ ކަމަށާއި އެ ކްލަބުން އެދުނީ މެޗުގެ ރެފްރީ ނިއުޝާދު ބަދަލުކޮށްގެން ކުރިއަށްގެންދަން ކަމަށާއި މެޗު ނުކުޅެ ޗޭންޖިން ރޫމަށް ދިޔައީ އެހެން ރެފްރީ އަކު އަރުވައިގެން މެޗު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފައި އޮއްވައި މެޗާ މެދު ދެން ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް މެޗު ކޮމިޝަނަރު އެންގުމުން ކަމަށެވެ.

މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗާއި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީ ނިއުޝާދުގެ ފަރާތުން ވަރަށް ގިނަ މައްސަލަތަކެއް ފެނިފައިވާތީ ގްރީން ސްޓްރީޓްސް އިން ވަނީ އެފްއޭއެމަށް ނިއުޝާދުގެ މައްސަލަ ހުށަހަޅައިފަ އެވެ. އެހެން އޮއްވައި އޭނާ މެޗަށް އަރައިގެން މިކަން ހިނގާފައިވާއިރު، އެފްއޭއެމުން ދާދި ފަހުން ވަނީ ނިއުޝާދު ސަސްޕެންޑް ކޮށްފަ އެވެ. އަދި ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.

ގްރީންސްޓްރީޓްސްގެ ކެޕްޓަން ސައްޕޭ (ވ) ރެފްރީގެ ފަހަތުން ދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީންސްޓްރީޓްސްގެ ކެޕްޓަން ސައްޕޭ (ވ) ރެފްރީގެ ފަހަތުން ދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ގަވާއިދުގެ 11.4 ގައިވާ ގޮތުން ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާަލަން ޖެހިއްޖެނަމަ އެ އަމަލެއް ހިންގި ޓީމެއް 5000 ރުފިޔާ އާއި 25000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިދިކޮޅު ޓީމު މެޗުން މޮޅުވި ކަމުގައި ހަމަަޖައްސާނީ އެވެ. މި ފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް އެ މުބާރާތަކުން ވަކިކުރުމާއި ނުވަތަ ކުރިއަށް ހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިހުތިޔާރު އެފްއޭއެމަށް ލިބިގެންވެ އެވެ.

ކޮމިޓީން މި މެޗުގެ ގޮތެއް ނިންމާފައިވާއިރު، ގަވާއިދުގެ މި މާއްދާ އަށް ބަލާފައިނުވާތީ މެޗު ހުއްޓާލަން ޖެހުނީ ކޮން ޓީމެއްގެ އިހުމާލުން ކަމެއް ނޫނީ ރެފްރީންގެ އިހުމާލުން ކަމެއް މިރޭ އެ އިދާރާ އިން ނެރުނު ބަޔާނުގައި ސާފެއް ނުވެ އެވެ.

މާޒިޔާ މި މެޗުން މޮޅުވުމާ އެކު އެ ޓީމަށް ވަނީ އަލުން ލީގުގެ އެއް ވަނަ ލިބިފަ އެވެ. މާޒިޔާ އަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ނިއު އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.