Roadha Mihaaru
ކަސްޓަމުން ހިދުމަތް ހޯދަން ރިޝްވަތު ދޭކަށް ނުޖެހޭނެ

ކަސްޓަމުން ހިދުމަތް ހޯދަން ރިޝްވަތު ދޭކަށް ނުޖެހޭނެ: ޝަރީފް

17 ސެޕްޓެމްބަރ 2017

ކަސްޓަމުން ހިދުމަތްތައް ހޯދަން ރިޝްވަތު ދޭން ނުޖެހޭނެ ކަމަށާއި ރިޝްވަތު ދިނުން ހުއްޓާލުމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކަސްޓަމުން ހިދުމަތްތައް ހޯދަން ރިޝްވަތު ދޭން ނުޖެހޭނެ ކަމަށާއި ރިޝްވަތު ދިނުން ހުއްޓާލުމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.

ކަސްޓަމްސްއާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ރިޕޯޓެއް ނެރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މުޖުތަމައުން ކޮރަޕްޝަން ނައްތާލުމަށް ރިޝްވަތު ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ތިބޭފުޅުން ކަސްޓަމްސް އިން ކަންތައްތައް ކުރައްވަން ރިޝްވަތު ދެއްވާކަން ޖެހިވަޑައެއްނުގަންނަވާނެ. އެހެންވީމަ ރިޝްވަތު ދިނުން ހުއްޓާލައްވާ،" އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްއާ ބެހޭ ގޮތުން އޭސީސީން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ކަސްޓަމްސްއާ ބެހޭ ގޮތުން އޭސީސީން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ކަސްޓަމްސްގެ އާދައިގެ އޮފިސަރަކަށް މަހަކު މުސާރައިގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 13،000ރ. ކަމަށެވެ. އަދި އެއިން ކުއްޔާއި ދަރިންގެ ހަރަދުތައް ހަމަޖެއްސުމަކީ ދަތި ކަމަކަށްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިންކަމް [އާމްދަނީ] އާއި އެކްސްޕެންޑިޗާ [ހަރަދާ] ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަހުރި. އަޅުގަނޑުމެންގެ އޮފިސަރަކަށް ގެ އަށް ގެންދަން ލިބެނީ 13 ވަރަކަށް ހާސް ރުފިޔާ. މި 13 ހާސް ރުފިޔާ އިން ގެދޮރު ކުއްޔަށް ހިފައިގެން ދަރިން ސްކޫލަށް ފޮނުވަމުން ދެން ވެސް ކުރަން ޖެހޭ ހަރަދެއްކުރަން ޖެހެނީ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ގެދޮރުވެރިކުރުވުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ކުރަމުން އަންނަ ގެދޮރުވެރިކުރުވުމުގެ މަސައްކަތަށް ތައުރީފް ކުރައްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ގެދޮރުވެރިކުރެވިއްޖެ ނަމަ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައް މަދުވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކަސްޓަމާ ބެހޭ ގޮތުން ހެދި ދިރާސާގައި ފާހަގަކުރެވުނު ކަންތައްތައް އެ ތަނުން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމްސްއާ ބެހޭ ގޮތުން އޭސީސީން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ކަސްޓަމްސްއާ ބެހޭ ގޮތުން އޭސީސީން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"ކޮމިޝަނަށް ހުށަހެޅިފައި ހުރި ބައެއް މައްސަލަތަކާއި ޝަކުވާތަކާ ގުޅިގެން ދިރާސާކުރަން ބޭނުންވީ. އެ ޝަކުވާތައް އަންނަނީ ކީއްވެގެންތޯ ބެލުމާއި އެ ކަންތައްތައް ދެނެގަތުމަށްޓަކައި ދިރާސާކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކަސްޓަމަކީ ކޮރަޕްޝަންގެ ފުރުސަތު އެންމެ ބޮޑު ތަންތަން ކަން ފާހަގަކުރާ ކަމަށެވެ. ނަމަވެސް ކަސްޓަމުން ހިދުމަތް ހޯދުމުގައި އައިސްފައިވާ ބަދަލާ ގުޅިގެން ހިދުމަތް ހޯދުމުގައި އާއްމުންނަށް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދިރާސާ އަށް އަލިއަޅުވާލައްވައި މުއައްވިޒު ވިދާޅުވީ ކަސްޓަމުން މުދާ ކްލިއާ ކުރުމުގައި ފައިސާ ދައްކަން ހަރުދަނާ އުސޫލްތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލްތަކާ އެއްގޮތަށް ކަސްޓަމާއި އާއްމުން އަމަލުކުރާ ނަމަ ކޮރަޕްޝަންގެ އަމަލް ހިންގުން މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.