Roadha Mihaaru
އެޗްއާރުސީއެމް މެމްބަރުން ތިބީ ނިދާފައި: ސައުދު

އެޗްއާރުސީއެމް މެމްބަރުން ތިބީ ބަހެއް ނުބުނެ، ނިދާފައި: ސައުދު

18 ސެޕްޓެމްބަރ 2017

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން ތިއްބެވީ ބަހެއް ވިދާޅުނުވެވި، "ނިދިކުރައްވާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން ތިއްބެވީ ބަހެއް ވިދާޅުނުވެވި، "ނިދިކުރައްވާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެޗްއާރުސީއެމްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި ގޮތުގައި އެޗްއާރުސީއެމް ފަދަ މިނިވަން މުއައްސަސާތަކުގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށްޓަކައި މަސައްކަތްކޮށް ދިނުމެވެ. އެކަމަކު އެ މަންޒަރު ފެންނަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުގެ ވާހަކައިގައި އެޗްއާރުސީއެމުން އިސް ނަގައިގެން ގިނަ މައްސަލަތަކެއް ބަލަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ތަހުގީގުގެ މަރުހަލާގައި ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބާ ގޮޅީގެ ހާލަތު ދަށް ވާހަކަ އާއި ރައްޔިތުން އަޑު އުފުލުމަށް މަގުމައްޗަށް ނުކުތުމުން ފުލުހުން ހާލަތާ ނުބައްދަލު އެތައް ބާރުތަކެއް ބޭނުންކުރާ ކަމަށް ވިދާޅުވެ، އެ މައްސަލަތައް އެޗްއާރުސީއެމުން ބެލުމަށް ސައުދު ގޮވާލެއްވި އެވެ.

މީގެ އިތުރުން މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފަށް ނިންމި މައްސަލަ ވެސް އެޗްއާރުސީއެމުން ބެލުމުގެ މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ހާލަތުގައި އެޗްއާރުސީއެމް ނިދާފައި އޮންނަ ތަން މި ފެންނަނީ. ބަސް ބުނަން ޖެހޭ ހާލަތުގައި ބަސް ނުބުނެވި އެބޭފުޅުން ކޮންމެވެސް ކަހަލަ ނުފޫޒެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ކަން ރައްޔިތުން ފާހަގަ ކުރަނީ،" މިދިޔަ ޖުލައި 24 ގައި މަޖިލީހަށް ވަން މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ލިބޭ ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާ އިން ބޮޑު އަދަދެއް އެޗްއާރުސީއެމުން ކޮންމެ އަހަރަކު ހޭދަކުރެ އެވެ. އެގޮތުން މި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ވެސް އެޗްއާރުސީއެމަށް ބޮޑު އަދަދެއް ދިނުމަށް އެ ކޮމިޝަނުން އެދޭނެ ކަން ސައުދު ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިނިވަން މުއައްސަސާތަކަށް ބޮޑު ބަޖެޓެއް ކަނޑައެޅުމުގެ ކުރިން، ގާނޫނުއަސާސީގައިވާ ގޮތަށް ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ކޮމިޝަންތަކުން މަސައްކަތް ކުރޭތޯ މެމްބަރުން ބައްލަވަން ޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާނަމަ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސް ކުރާއިރު، ކޮމިޝަންތަކަށް އެކަށީގެންވާ ބަޖެޓެއް ނުދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"ވޭސްޓް ކުރަން ކީއްކުރަންތޯ [ބަޖެޓު ދެނީ]؟ މި މުއައްސަސާތަކުގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށްޓަކައި މަސައްކަތްކޮށް ދިނުން،" ސައުދު ވިދާޅުވި އެވެ.

ސައުދަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.