Roadha Mihaaru
"ހަމަލާ ދެނީ ރޮހިންޖާ ހަނގުރާމަވެރިންނަށް އެކަނި"

ހަމަލާ ދެނީ ރޮހިންޖާ ހަނގުރާމަވެރިންނަށް އެކަނި: މިއަންމާ ސިފައިން

18 ސެޕްޓެމްބަރ 2017

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ރޮހިންޖާ މުސްލިމުން ކަމަށާއި މިއަންމާ ސިފައިން ހަމަލާ ދެނީ ހަމައެކަނި ރޮހިންޖާ ހަނގުރާމަވެރިންނަށް ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ރޮހިންޖާ މުސްލިމުން ކަމަށާއި މިއަންމާ ސިފައިން ހަމަލާ ދެނީ ހަމައެކަނި ރޮހިންޖާ ހަނގުރާމަވެރިންނަށް ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ޖެނެރަލް މިން އައުން ލައިން ވިދާޅުވީ ރޮހިންޖާގެ ހައްދުފަހަނާޅާފައިވާ ފަރާތްތަކުން ދަނީ ރަކީންގައި އެ މީހުންގެ ވަކި ބާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ރޮހިންޖާގެ އާއްމުންނަށް މިއަންމާ ސިފައިން ހަމަލާ ދޭތީ އެ ގައުމުގެ ސަރުކާރަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެތައް ލައްކަ ރެފިއުޖީންނެއް ބަންގްލަދޭޝް އަށް ގޮސްފައި ވަނީ ވެސް މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުންނެވެ.

މިއަންމާ ސިފައިން ދަނީ އެކަން ދޮގު ކުރަމުންންނެވެ. ސިފައިން ބުނަނީ ރޮހިންޖާ ހަނގުރާމަވެރިން ދަނީ ސިފައިންނަށް އަމާޒުކޮށް ގެއްލުން ބޮޑު ހަމަލާތައް ދެމުން ކަމަށެވެ. އަދި ސިފައިން ހަމަލާ ދެނީ ހަމައެކަނި ހަނގުރާމަވެރިންނަށް ކަމަށް ޖެނެރަލް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ރެފިއުޖީންނަށް ކާތަކެތި ބަހަނީ. --ފޮޓޯ:އޭއެފްޕީ

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ރެފިއުޖީންނަށް ކާތަކެތި ބަހަނީ. --ފޮޓޯ:އޭއެފްޕީ

އދ. އިން ވެސް ބުނެފައި ވަނީ މިއަންމާ ސިފައިންގެ އަނިޔާވެރިކަން ވަނީ ނަސްލެއް ނައްތާލުމުގެ ދަރަޖަ އަށް ގެންގޮސްފައި ކަމަށެވެ. މިއަންމާގެ އާބާދީގެ 90 ޕަސެންޓަކީ ބުޑިސްޓުންނެވެ.

ޖެނެރަލް މިން އައުން ލައިންގެ ފޭސްބުކުގައި ވަނީ ރޮހިންޖާ މައްސަލާގައި މިއަންމާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް ގޮވާލައިފަ އެވެ. އޭނާ ވިދާޅުވީ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނީ އޮގަސްޓް 25 ވަނަ ދުވަހުން ފެށިގެން "ހައްދުފަހަނަޅާފައިވާ ބެންގާލީސް" ނުވަތަ ރޮހިންޖާ ހަނގުރާމަވެރިން މިއަންމާ ސިފައިންނަށް 93 ހަމަލާ ދިން ފަހުން ކަމަށެވެ.

"މިއީ ރަކީންގައި ރޮހިންޖާ މީހުންގެ ވަކި ބާރެއް ގާއިމް ކުރަން ރާވައިގެން ހިންގާ ކަންތައް. އެ މީހުން ވަނީ ރޮހިންޖާ މީހުންނަށް ވަކި ހައިސިއްޔަތެއް ދޭން ޑިމާންޑްކޮށްފައި. އެއީ މިއަންމާގެ އެއްވެސް ނަސްލަކަށް ނިސްބަތްވާ ބައެއް ނޫން. ބެންގާލީ މައްސަލަ އަކީ ގައުމީ ކަމެއް. އެކަމުގައި ރައްޔިތުން އެކަތިގަނޑަކަށްވެ ތިބެން ޖެހޭ،" އޭނާގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.

މިއަންމާ ސިފައިން ބުނީ ރޮހިންޖާ ހަނގުރާމަވެރިން އޮގަސްޓް 25 ވަނަ ދުވަހު ރަކީން ސްޓޭޓުގައި ޕޮލިސް ޕޯސްޓަށް ދިން ހަމަލާގައި ސަލާމަތީ ފަރާތްތަކުގެ 12 މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަކު ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން ބުނެފައި ވަނީ މިއަންމާ ސިފައިން އެ މީހުންގެ އަވަށްތަކުގައި އަލިފާން ޖަހާ އާއްމުންނަށް ހަމަލާ ދެމުންދާ ކަމަށެވެ.