Roadha Mihaaru
މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި

މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި

28 ނޮވެމްބަރ 2017

ޔަންގޮން (ނޮވެމްބަރު 28) - މިއަންމާގައި އެއްވެސް ދީނެއްގެ މީހުންނަށް ތަފާތު ކުރުުން ނޯންނަ ކަމަށް އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ޕޯޕް ފްރާންސިސް އަރިހު ސިފައިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޮން (ނޮވެމްބަރު 28) - މިއަންމާގައި އެއްވެސް ދީނެއްގެ މީހުންނަށް ތަފާތު ކުރުުން ނޯންނަ ކަމަށް އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ޕޯޕް ފްރާންސިސް އަރިހު ސިފައިން ބުނެފި އެވެ.

ރަކީން ސްޓޭޓުގައި މިއަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ހުރިހާ ޖަރީމާއެއްގެ ޒިންމާ އުފުލަން ޖެހޭ ސިފައިންގެ ޖެނެރަލް މިން އައުންގް ލައިން ވިދާޅުވީ މިއަންމާގެ ހުރިހާ ދީނެއްގެ މީހުންނަށް ވެސް މިނިވަންކަމާ އެކު އަޅުކަން ކުރެވޭނެ ކަމަށެވެ.

"މިއަންމާ ސިފައިން ދަނީ ސުލްހަ ގާއިމް ކުރަން މަސައްކަތް ކުރަމުން. އެއްވެސް ނަސްލަކަށް، ދީނަކަށް މިއަންމާގައި ތަފާތު ކުރުމެއް ނޯންނާނެ،" ޕޯޕް އަރިހު ސިފައިންގެ ވެރިޔާ ދެންނެވި އެވެ.

ވެޓިކަންގެ ތަރުޖަމާނަކު ބުނީ ޕޯޕް ވަނީ މިއަންމާ ސިފައިންގެ އިސް ޖެނެރަލުންނާ އެކު 15 މިނިޓަށް އިއްޔެ ބައްދަލުކޮށްފައި ކަމަށެވެ.

މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރަކީން ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ 620،000 އަށް އަރައިފަ އެވެ. މި ހަފުތާ ފަހުކޮޅު ބަންގްލަދޭޝް އަށް ޕޯޕް ވަޑައިގަތުމަށް ވަނީ ހަމަނުޖެހިފަ އެވެ.

މިއަންމާ ސިފައިން ދަނީ މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ރަކީންގައި ހިންގި ޖަރީމާތަކާ ގުޅޭ ގޮތުން މިއަންމާ ސިފައިން ނެރުނު ރިޕޯޓުގައި ވެސް އެއްވެސް އަނިޔާވެރި އަމަލެއް ސިފައިން ނުހިންގާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެމެރިކާ އާއި އދ. އިން ބުނެފައި ވަނީ މިއަންމާ ސިފައިން ހިންގާފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

ޕޯޕް މީގެ ކުރިން ވަނީ ރޮހިންޖާ މީހުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް މިއަންމާގައި އެ މައްސަލާގައި ޕޯޕް ޕްރެސް ކުރައްވާނެ މިންވަރެއް އަދި ނޭނގެ އެވެ.