Roadha Mihaaru
ރޮހިންޖާގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި

ރޮހިންޖާ މުސްލިމުންގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި

23 ސެޕްޓެމްބަރ 2017

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 23) - މިއަންމާގެ ރަކީން ސްޓޭޓުގެ މުސްލިމުންނަށް ފޮނުވުމަށް ރެޑް ކްރޮސް އިން ތައްޔާރު ކުރަމުން ދިޔަ ޝިޕްމަންޓަކަށް އެ ގައުމުގެ ބުޑިސްޓުން ހުރަސް އަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 23) - މިއަންމާގެ ރަކީން ސްޓޭޓުގެ މުސްލިމުންނަށް ފޮނުވުމަށް ރެޑް ކްރޮސް އިން ތައްޔާރު ކުރަމުން ދިޔަ ޝިޕްމަންޓަކަށް އެ ގައުމުގެ ބުޑިސްޓުން ހުރަސް އަޅައިފި އެވެ.

ރަކީން ސްޓޭޓުގެ ވެރިރަށް ސިއްޓުވޭގެ ޑޮކެއްގައި 50 ޓަނުގެ އެހީގެ ސާމާނާ އެކު އޮތް ބޯޓެއް ހުއްޓުވުމަށް ބުޑިސްޓުން ވަނީ ޕެޓްރޯލް ބޮން އުކައިފަ އެވެ. ދަގަނޑު ބުރިތަކާއި ދަނޑި ބުރިތައް ހިފައިގެން ތިބި ބުޑިސްޓުން ދުރަށް ޖެއްސުމަށް ސިފައިން ވައިގެ ތެރެއަށް ބަޑި ޖެހި ކަމަށް ސަރުކާރުގެ އިންފޮމޭޝަން އޮފިސަރަކު ބުންޏެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރުސީ) ގެ ތަރުޖަމަނާކު ވިދާޅުވީ ބުޑިސްޓުންގެ ހަމަލާގައި އެ ޖަމާއަތުގެ އެކަކަށް ވެސް ގެއްލުން ނުވާ ކަމަށެވެ. ސްޓޭޓް ސަރުކާރުގެ ސެކްރެޓަރީ ޓިން މައުންގް ސްވޭ ރޮއިޓާސް އަށް ވިދާޅުވީ ބުޑިސްޓުން ހީކުރީ އެއީ ހަމައެކަނި ބެންގާލީ މުސްލިމުންނަށް ދޭ އެހީ ކަމަށެވެ.

މިއަންމާގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުން ފެށި ފަހުން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް މިހާރު ވަނީ ހަތަރު ލައްކަ އަށް ވުރެ ގިނަ ރެފިއުޖީން އެތެރެވެފަ އެވެ. ރޮހިންޖާ މުސްލިމުންނަށް ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ދަނީ އެހީ ފޮނުވަމުންނެވެ.