Roadha Mihaaru
މެޗު ފުރިހަމަނުކޮށް ކުޑަހުވަދޫން ދަނޑުން ފައިބައިފި

މެޗު ފުރިހަމަނުކޮށް ކުޑަހުވަދޫން ދަނޑުން ފައިބައިފި

23 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ށ. މިލަންދޫ 2-0 އިން ލީޑުގައި އޮއްވާ މެޗުގެ ރެފްރީ އިންޑިއާގެ ކިޝަން ޖޯޝީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ދ. ކުޑަހުވަދޫ ޓީމު ދަނޑުން ފޭބުމުން މެޗު ނިންމާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ށ. މިލަންދޫ 2-0 އިން ލީޑުގައި އޮއްވާ މެޗުގެ ރެފްރީ އިންޑިއާގެ ކިޝަން ޖޯޝީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ދ. ކުޑަހުވަދޫ ޓީމު ދަނޑުން ފޭބުމުން މެޗު ނިންމާލައިފި އެވެ.

މިއީ މި ފަހަރު ލީގުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެން މެޗެއް ހުއްޓާލި ދެ ވަނަ ފަހަރެވެ. މި މަހު 12 ވަނަ ދުވަހު މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ހުއްޓާލިއިރު، އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައި އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް އިންޒާރު ދީފަ އެވެ.

މިރޭގެ މެޗުގެ 76 މިނިޓް ކުޅުން ނިމުނުއިރު އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް ޝިޔާމްގެ ލަނޑުތަކާ އެކު ކުރީގައި އޮތީ މިލަންދޫ އެވެ. މައްސަލަ ޖެހުނީ މިލަންދޫ އިން ދެ ވަނަ ލަނޑު ޖެހުމާ އެކު ފައުލެއްގެ މައްސަލައިގައި ކުޑަހުވަދޫ ކުޅުންތެރިން ރެފްރީ ކިޝަން ފަހަތުން ދުއްވައިގަތުމުންނެވެ. އަދި ރެފްރީ ވަށައިލި އެވެ. އެއާ އެކު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުޑަހުވަދޫ ކުޅުންތެރިން ބެންޗަށް އައުމަށް އަންގައިފަ އެވެ.

މުޅި މެޗު ތެރޭގައި ވެސް މޯހަން އާއި ކުޑަހުވަދޫ ބެންޗުން ދިޔައީ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ކުޑަހުވަދޫ ކުޅުންތެރިން ބެންޗަށް ފޭބުމާ އެކު މެޗު ކޮމިޝަނަރާއި އެފްއޭއެމުން ވަނީ ކުޑަހުވަދޫގެ މެނޭޖަރާ މެޗު އަލުން ފަށަން ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް މެޗު ހުއްޓާލިތާ ވިހި ވަރަކަށް މިނިޓަށް ފަހު ރެފްރީ ކިޝަން ދަނޑަށް އަރައި ކަށިގަނޑު ފުމުމުން ވެސް ކުޑަހުވަދޫ ކުޅުންތެރިން ދަނޑަށް ނޭރުމުން މެޗު ވަނީ ނިންމައިލައިފަ އެވެ.

ކުޑަހުވަދޫގެ ޝަހީމް (ކ) މިލަންދޫގެ ފަތުހީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަހުވަދޫގެ ޝަހީމް (ކ) މިލަންދޫގެ ފަތުހީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަހުވަދޫ ދަނޑަށް ނޭރުމުން މިލަންދޫ އަށް ވަނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް ދެ ގޯލުން މޮޅުވެ ތިން ޕޮއިންޓް ލިބިފަ އެވެ. މި މޮޅާ އެކު އެ ޓީމު ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އޮވެ އެވެ. ކުޑަހުވަދޫ އޮތީ ހަތް މެޗުން އެއް ޕޮއިންޓާ އެކު ލީގުގެ އެންމެ ފުލުގަ އެވެ.

މުބާރާތުގެ ގަވާއިދުގެ 11.4 ގައިވާ ގޮތުން ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާަލަން ޖެހިއްޖެނަމަ އެ އަމަލެއް ހިންގި ޓީމެއް 5000 ރުފިޔާ އާއި 25000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިދިކޮޅު ޓީމު މެޗުން މޮޅުވި ކަމުގައި ހަމަަޖައްސާނީ އެވެ. މި ފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް އެ މުބާރާތަކުން ވަކިކުރުމާއި ނުވަތަ ކުރިއަށް ހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިހުތިޔާރު އެފްއޭއެމަށް ލިބިގެންވެ އެވެ.

އެފްއޭއެމުން އިންޑިއާގެ ރެފްރީން ގެންނަން ނިންމީ ކްލަބްތަކުން ރާއްޖޭ ރެފްރީންގެ ޝަކުވާ ކުރަމުންދާ މިންވަރު އިތުރުވެފައިވާތީ އެވެ. އެފްއޭއެމުން ވަނީ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުންކުރަން ނިންމައިފަ އެވެ. އެހެން ނަމަވެސް ކްލަބްތަކުން އަންނަނީ ގެނެސްފައިވަނީ ފެންވަރު ދަށް ރެފްރީން ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އއ. މާޅޮސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އަދި މާދަމާރޭ މި ބުރުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޓީސީއާ އެވެ.