Roadha Mihaaru
މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި

މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި

04 ނޮވެމްބަރ 2017

އާ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެ ޓީމުން ތިން ލަނޑު ޖަހާފައިވަނިކޮށް ށ. މިލަންދޫ އިން ފަހަތުން އަރައި 3-3 އިން އެއްވަރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އާ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެ ޓީމުން ތިން ލަނޑު ޖަހާފައިވަނިކޮށް ށ. މިލަންދޫ އިން ފަހަތުން އަރައި 3-3 އިން އެއްވަރުކޮށްފި އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެހެން ނަމަވެސް އެއްވަރުވުމުން އެ ފުރުސަތު ގެއްލުނީ އެވެ. މާޒިޔާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް ޓީސީ އަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، މިރޭ މާޅޮސްއާ ދެކޮޅަށް ކުޅޭ މެޗުން ޓީސީ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދޭނެ އެވެ.

ތިން އަހަރެއްހާ ދުވަހަށް ފަހު އިންމަ އަލުން މާޒިޔާއާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން މާޒިޔާ އަށް ލީޑުނަގަައިިދިނީ ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗެވެ.

އިސްމާއިލް އީސާ (މެސީ) ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 34 ވަނަ މިނިޓްގައި މާޒިޔާގެ ދެ ވަނަ ލަނޑުޖެހީ އެ ޓީމުގެ ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ އެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާގެ ތިން ވަނަ ލަނޑު އޭރިއާ ތެރެއިން ކާމިޔާބުކުރީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

މާޒިޔާ އަށް މައްސަލަތައް ދިމާވީ ދެ ވަނަ ހާފުގަ އެވެ. މި ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގައި މިލަންދޫގެ ފުރަތަމަ ލަނޑު ޖެހީ ކުރިން މާޒިޔާ ޔޫތު ޓީމަށް ކުޅުނު އަބްދުﷲ މިސްބާހު އެވެ. އޭނާ މި ލަނޑު ޖެހީ މާޒިޔާ އޭރިއާ ތެރެއިންނެވެ. އޭގެ ތިން މިނިޓް ފަހުން މިސްބާހު ވަނީ އިތުރު ލަނޑެއް ޖަހަައިދީ މިލަންދޫ އަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ. މިސްބާހު މި ލަނޑު ޖެހީ މާޒިޔާ ކީޕަރު ސީރިއާގެ މަހުމޫދު އަލް ޔޫސުފަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

މިލަންދޫ އަށް މި މެޗުގެ ނަތީޖާ ހަަމަހަމަ ކޮށްދިނީ 77 ވަނަ މިނިޓްގައި އެ ޓީމަށް ކުޅެމުން އަންނަ ބ.އޭދަފުށީ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) އެވެ. މަހުމޫދު އަތުގައި ޖެހިފައި ނުކުތް ބޯޅަ ސައްޓު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު މިލަންދޫ އޮތީ ކުޅުނު 12 މެޗުން އަށް ޕޮއިންޓް ހޯދައިގެން ލީގުގެ ހަ ވަނައިގަ އެވެ. ހަތް ވަނައިގައި އޮތް މާޅޮހަށް ވެސް އަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ފަހަތުގައި އޮތީ ބައިކޮޅަށް ވަން ގޯލު އިތުރުވުމުންނެވެ.

މާޒިޔާގެ ކޯޗު އިންމަ ބުނީ ފުރަތަމަ ހާފުގައި ނަތީޖާ ނުކުތް ގޮތުން ކުޅުންތެރިން ދެ ވަނަ ހާފުގައި ފަސޭހަކޮށްލެވުނީ ކަމަށެވެ.

"ތިން ލަނޑު ޖެހުމާ އެކު ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހަމަޖެހިލީ. ދެން އޯވަކޮންފިޑެންސްވެގެން ހެން ހީވަނީ. އޭގެ ފައިދާ މިލަންދޫ އިން މި ނެގީ. އޯވަރޯލްކޮށް ގޯހެއް ނޫން. މި ކަންތައް ރަނގަޅުކުރެވޭނެ،" އިންމަ ބުންޏެވެ.

މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ފަހަތުން އަަރައި ޕޮއިންޓެއް ހޯދުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ނަމަވެސް އަނެއްކާ ވެސް ޓީމު ފޯމުގައި އޮއްވައި ބްރޭކެއް އައުމުން މައްސަލަތަކެއް ދިމާވުމުގެ ބިރު އެބައޮތް ކަމަށެވެ.

"ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަނެއްކާ ވެސް ބްރޭކެއް މި އަންނަނީ. އެންމެ ފަހުން ބްރޭކެއް އައުމުން އޮތް ފޯމު ގެއްލި މޯޓިވޭޝަން ދަށްވި. އެ ބިރު އެބައޮތް. މި ބުރު ފެށުނުއިރު ވަރަށް ދަށްކޮށް އޮވެފައި ރަނގަޅު މިވީ،" ނާސިރު ބުންޏެވެ.

އޭނާ ބުނީ އެ ހުރިހާ ކަމަކާ އެކު ވެސް އުއްމީދަކީ މި ފޯމުގައި ކުރިއަށް ދިއުން ކަމަށެވެ.

ވެލެންސިއާ އިން ރިލީޒް ނުހޯދާ މިލަންދޫ އަށް ކުޅެމުން އަންނަ ކަމަށް ބުނެ ޓީސީން އެފްއޭއެމަށް މައްސަލަ ޖައްސާފައިވާ ޑިފެންޑަރު މުހައްމަދު ނިޒާމް ވަނީ މި މެޗުގައި ވެސް މިލަންދޫ އަށް ކުޅެފަ އެވެ.