Roadha Mihaaru
މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު

މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު

06 ނޮވެމްބަރ 2017

އޮޅުވާލައިގެން އެފްއޭއެމަށް ވަގަށް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ ވިސްނުމެއް ށ. މިލަންދޫން އެއްވެސް އިރަކު ނުގެންގުޅޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޮޅުވާލައިގެން އެފްއޭއެމަށް ވަގަށް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ ވިސްނުމެއް ށ. މިލަންދޫން އެއްވެސް އިރަކު ނުގެންގުޅޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.

މި ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން ވަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅައިފަ އެވެ.

ވެލެންސިއާ އިން އޭއެފްސީ ކަޕަށް ރަޖިސްޓްރީ ކުރި ޓީމުގައި ހިމެނުމަށް ފަހު އޭނާ ވަނީ ޗެރިޓީ ޝީލްޑް މެޗާއި އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ކޮޅުގައި ވެސް ވެލެންސިއާ ޓީމުގައި އުޅެފަ އެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ ދެ ވަނަ ޑިވިޝަނުގައި ކުޅުނު ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އޭނާ މިލަންދޫ އަށް ބަދަލުވީ ދިވެހި ޕްރިމިއާ ލީގަށެވެ. އެފްއޭއެމް ގަވައިދު ބުނާގޮތުން އެއްވެސް ކުޅުންތެރިއަކަށް އެއް އަހަރު ތެރޭގައި ތިން ޓީމަކަށް ރަޖިސްޓްރީ ނުވެވޭނެ އެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅެ ފަހަތުން އަރައި 3-3 އިން އެއްވަރުވި މެޗަށް ފަހު މިލަންދޫގެ ކޯޗު ނާސިރު ބުނީ މައްސަލަ އުޅޭ ކުޅުންތެރިއަކު ޓީމުގައި އިންނާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"ޕްލޭޔަރެއްގެ މައްސަލަ އުޅެންޏާ އެ ކުޅުންތެރިއެއް ޓީމު ލިސްޓުގައެއް ނީންނާނެެ ކަންނޭނގޭ އެޑްކުރެވިފައެއް. ނުކުޅެވޭ ކުޅުންތެރިއަކު ވެއްޖިއްޔާ އެބައިނދޭ ކަޅުކުލައިގެ މާކެއް ޖެހިފައި. ލީގު ފެށިގެން މިހާތަނަށް އައިއިރަކު ވެސް ނެތް އެ ކުޅުންތެރިއަކު ގައިގައި މާކެއް ޖެހިފައި. އެފްއޭއެމުން ރަޖިސްޓްރީ ކޮށްދީ ކާޑުވެސް ދީފައި އޮތީ. ނުކުޅެވޭ ކުޅުންތެރިއަކު ހުންނާނީ ދަނޑުން ބޭރުގައި ކަންނޭނގެ،" ކުރިން ނިއު އާއި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ނާސިރު ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ނިޒާމް ކުޅުވީ އެ ޓީމަށް އެފްއޭއެމުން ވަކި އެއްޗެއް ނާންގާތީ ކަމަށެވެ.

"އެފްއޭއެމުން އަދި ވެސް އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ނުއެއް އަންގާ. އެންމެ ފަހުން މެޗާ ހަމައަށް އައިއިރުވެސް ވަކިގޮތެއް ނުއެއް އަންގާ. އެހެންވެއްޖިއްޔާ އެ މައްސަލައެއް ނެތީކަމަށް އަޅުގަނޑު މި ބަލަނީ. އެންމެ ފަހުން އޭނާ ކުޅެފައި އިނީ ބީޖީ އަށް. އެ ޓީމުން އަޅުގަނޑުމެންނަށް ލެޓާއާ އެއްޗެހި ވެސް ހުރީ ލިބިފައި. މި އުޅެނީ އެހެން މައްސަލައެއް ދިމާވެގެން ކަންނޭނގެ،" އޭނާ ބުންޏެވެ.

މިލަންދޫ ކޯޗު މުހައްމަދު ނާސިރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިލަންދޫ ކޯޗު މުހައްމަދު ނާސިރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން ލ. ކަލައިދޫ އަށް ވެސް ކުޅުނު ނާސިރު ބުނީ މިލަންދޫ އިން ބޮޑު މައްސަލަ ގަނޑެއްގެ ތެެރެއަށް ވަންނަން ބޭނުންނުވާ ކަމަށާއި އެ ޓީމުން އުޅެނީ އޮޅުވާލައިގެން ލީގު ހޯދާކަށެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ފައިޓް ކުރަނީކީ ބޮޑު ލީގެއް ހޯދާކަށެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަލަށް އައިސްގެން އުޅޭ ކުދިންތަކެއްވީމަ އެ ކުދިންނަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދޭން. ޓީމު ޓީމެއްގެ ގޮތުގައި ބާއްވައިގެން ކުރިއަށްދާން. އެހެންވީމަ އަޅުގަނޑުމެން އޮޅުވާލައިގެން އުޅެންވީ ސަބަބެއް ނެތް. އެ ހިސާބަކަށް ނުވެސް ދެވޭނެ. އޮޅުވާލައިގެން ޓީމު ލިސްޓެއްގައި ކުޅުންތެރިއަކު ޖެހުމަކީ ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. ރަޖިސްޓްރީ ކުރުމާއި އެ ހުރިހާ ކަމަކީ އެފްއޭއެމުން ކުރަމުންދާ ކަމެއް،" ނާސިރު ބުންޏެވެ.

އެފްއޭއެމުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އިއްޔެ ވެސް މުބާރާތުގެ ކޮމިޓީން މި މައްސަލައިގެ ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ.

އެފްއޭއެމް ގަވާއިދު ބުނާގޮތުން ކޮންޓްރެކްޓެއް ނެތް ކުޅުންތެރިއަކު ވެސް އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވާއިރު ރިލީޒް ހޯދަން ޖެހެ އެވެ. ޓީމު ލިސްޓުގައި ނުހިމެނޭ ނުވަތަ ޓީމުގައި އެ މެޗުގައި ކުޅުމަށް ފާހަގަނުކުރާ ކުޅުންތެރިޔަކު ކުޅުވައިފިކަން ސާބިތުވެއްޖެނަމަ އެ ކުޅުންތެރިޔަކު ކުޅުނު މެޗުން އެޓީމަށް ލިބިފައިވާ ޕޮއިންޓާއި ގޯލް އުނިކުރެވޭނެ އެވެ. އަދި ޑިސިޕްލިނަރީ ކޯޑުގެ ދަށުން، އެ ކްލަބާއި ކުޅުންތެރިޔާ މެދު ފިޔަވަޅު އެޅޭނެއެވެ. އަދި އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި، ދެ ގޯލް ލިބޭނެ އެވެ.

އެފްއޭއެމުން މި މައްސަލަ ބެލުމަށް ފަހު ނިޒާމް އާއި މިލަންދޫ އަށް ފިޔަވަޅު އަޅައިފިނަމަ ލީގުގެ ގިނަ ޓީމުތަކަށް ލިބިފައިވާ ޕޮއިންޓްތަކަށް ބަދަލު އަންނާނެ އެވެ. އޭގެ ތެރޭގައި ލީގުގެ ކުރީގައި އޮތް ދެ ޓީމު ވެސް ހިމެނެ އެވެ. މިލަންދޫ އާއި ޓީސީ ކުޅުނު ދެ މެޗު އެއްވަރުވެފައިވާއިރު، މި މައްސަލަ ނިމޭ ގޮތަކުން ޓީސީ އަށް އެ ދެ މެޗުން ގެއްލުނު ހަތަރު ޕޮއިންޓް ލިބޭނެ އެވެ. ހަތަރު ޕޮއިންޓް ލިބިއްޖެނަމަ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ދެ ވަނައިގައި އޮތް ޓީސީ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ.

ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ލީގު މެދުކަނޑާލާފައިވާއިރު ނިއު އެއް ވަނައިގައި އޮތީ 12 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގުގައި މި މަހު 19 ވަނަ ދުވަހު ނިއު ބައްދަލުކުރާނީ ޓީސީއާ އެވެ. އެ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައިފިނަމަ ލީގު ޗެމްޕިއަންކަން ޔަގީންވާނެ އެވެ.