Roadha Mihaaru
މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި

މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި

02 ނޮވެމްބަރ 2017

މި ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭއެމަށް މައްސަލަ ހުށަހަޅައިފި އެވެ.

މި ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭއެމަށް މައްސަލަ ހުށަހަޅައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މިލަންދޫ އަށް ރިލީޒް ނުހޯދާ ކުޅުންތެރިއަކު ކުޅޭ މައްސަަލައެއް ފުރަތަމަ ޑިވިޝަން ކްލަބަކުން ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޒާމް މި އަހަރު ވެލެންސިއާ އަށް ގުޅުނީ ކޮންޓްރެކްޓެއް ނެތި އެވެ. އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ވެެެލެންސިއާ އިން ޕްރެކްޓިސް ފެށީ ވަރަށް ވަގުތު ކުޑަތަން ވެފައިވަނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ދުވަސްކޮޅުގައި އެ ޓީމުން ގިނަ ކުޅުންތެރިން ގެނައީ ރަސްމީ ކޮންޓްރެކްޓެއް ނެތި އެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ މެދުތެރެއިން ފެށިގެން ނިޒާމް ވެލެންސިއާ އިން ނުފެނެ އެވެ. އޭގެ ފަހުން އޭނާގެ ނަން ދެ ވަނަ ޑިވިޝަންގައި ވާދަކުރި ބީޖީގައި ވެސް ޖެހި އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ނިޒާމް މިލަންދޫ އަށް ކުޅެނީ ރިލީޒް ނުހޯދާކަން ގިނަ ކްލަބްތަކުން ފާހަގަކުރި އެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ޓީމަކުން މައްސަލަ ހުށަނާޅަ އެވެ.

އެފްއޭއެމް ގަވައިދު ބުނާގޮތުން ކޮންޓްރެކްޓެއް ނެތް ކުޅުންތެރިއަކު ވެސް އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވާއިރު ރިލީޒް ހޯދަން ޖެހެ އެވެ. ޓީމު ލިސްޓުގައި ނުހިމެނޭ ނުވަތަ ޓީމުގައި އެ މެޗުގައި ކުޅުމަށް ފާހަގަނުކުރާ ކުޅުންތެރިޔަކު ކުޅުވައިފިކަން ސާބިތުވެއްޖެނަމަ އެ ކުޅުންތެރިޔަކު ކުޅުނު މެޗުން އެޓީމަށް ލިބިފައިވާ ޕޮއިންޓާއި ގޯލް އުނިކުރެވޭނެ އެވެ. އަދި ޑިސިޕްލިނަރީ ކޯޑުގެ ދަށުން، އެ ކްލަބާއި ކުޅުންތެރިޔާ މެދު ފިޔަވަޅު އެޅޭނެއެވެ. އަދި އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި، ދެ ގޯލް ލިބޭނެ އެވެ.

އެފްއޭއެމުން މި މައްސަލަ ބެލުމަށް ފަހު ނިޒާމް އާއި މިލަންދޫ އަށް ފިޔަވަޅު އަޅައިފިނަމަ ލީގުގެ ގިނަ ޓީމުތަކަށް ލިބިފައިވާ ޕޮއިންޓްތަކަށް ބަދަލު އަންނާނެ އެވެ. އޭގެ ތެރޭގައި ލީގުގެ ކުރީގައި އޮތް ދެ ޓީމު ވެސް ހިމެނެ އެވެ. މިލަންދޫ އާއި ޓީސީ ކުޅުނު ދެ މެޗު އެއްވަރުވެފައިވާއިރު، މި މައްސަލަ ނިމޭ ގޮތަކުން ޓީސީ އަށް އެ ދެ މެޗުން ގެއްލުނު ހަތަރު ޕޮއިންޓް ލިބޭނެ އެވެ. ހަތަރު ޕޮއިންޓް ލިބިއްޖެނަމަ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ދެ ވަނައިގައި އޮތް ޓީސީ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ.

އެއް ވަނައިގައި އޮތް ނިއު އަށް މި ވަގުތު 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތީ ތިން މެޗެވެ.