Roadha Mihaaru
ފްލެޓާ ބެހޭ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފި

ފްލެޓާ ބެހޭ ތަފްސީލްތައް މަޖިލީހުގެ ކޮމެޓީއާ ހިއްސާކޮށްފި

26 ސެޕްޓެމްބަރ 2017

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ އިއްޔެ ހިއްސާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ އިއްޔެ ހިއްސާކޮށްފި އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކުރި އިރު، އެއްވެސް ތަފްސީލެއް އާންމުންނަށް ނޭނގޭތީ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. ފްލެޓު ދިން ގޮތުގެ ތަފްސީލް ހޯދަން މަޖިލީހުގެ ކޮމެޓީ އަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިން މެމްބަރެކެވެ.

އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ވަނީ ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ. އެކަމަކު، މަޖިލީހާ ހިއްސާ ކުރި ތަފްސީލުތަކުގެ ތެރޭގައި މުޅިން އާ މައުލޫމާތުތަކެއް ހިމެނޭ ކަން ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކޮށްފައިވަނީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ފްލެޓާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކަށް ފްލެޓް ލިބުނު އިރު، އެއީ ކޮން ހަމައަކާއި އުސޫލަކުން ލިބުނު ފްލެޓްތަކެއް ކަން ނޭނގޭ ކަމަށެވެ. އަދި އެކަން ދެ ފުށް ފެންނަ ގޮތަށް ހާމަ ނުކުރުމަކީ މައްސަލައެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އެހެންވެ، ކޮމެޓީން ނިންމާފައިވަނީ ފްލެޓާ ގުޅޭ ތަފްސީލްތައް ފަސް ދުވަސް ތެރޭގައި ހޯދުމަށެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކެވެ. މި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓް އިއުލާން ނުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ފްލެޓު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.