Roadha Mihaaru
ޕޯޗުގަލް އުއްމީދުގައި، ނެދަލެންޑްސަށް ހަނި ފުރުސަތެއް

ޕޯޗުގަލް އުއްމީދުގައި، ނެދަލެންޑްސަށް ހަނި ފުރުސަތެއް

08 އޮކްޓޯބަރ 2017

އަމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޯބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެންޑޯރާ އަތުން މޮޅުވެ ޕޯޗުގަލް މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކުރިއިރު، ރަށުން ބޭރުގައި ބެލަރޫސް އަތުން މޮޅުވި ނަމަވެސް ނެދަލެންޑްސް އަށް މުބާރާތުގެ ޖާގައެއް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އަމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޯބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެންޑޯރާ އަތުން މޮޅުވެ ޕޯޗުގަލް މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކުރިއިރު، ރަށުން ބޭރުގައި ބެލަރޫސް އަތުން މޮޅުވި ނަމަވެސް ނެދަލެންޑްސް އަށް މުބާރާތުގެ ޖާގައެއް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޕޯޗުގަލް މޮޅުވީ އެންޑޯރާ އަތުން 2-0 އިންނެވެ. ބެލަރޫސްގެ މައްޗަށް ނެދަލެންޑްސް އިން ކުރިހޯދީ 3-1 އިންނެވެ.

ޔޫރަޕްގެ ކޮލިފައިން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަށްދާ ޓީމަށް އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕްގެ ދެ ވަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ކޮންމެ ޓީކަށް ވެސް ކޮލިފައިންގައި ބާކީ އެއް މެޗު ހުރިއިރު ރޭގެ މެޗުން މޮޅުވެ ޕޯޗުގަލް ކޮލިފައިން ގްރޫޕް ބީގެ ދެ ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ ނުވަ މެޗުން 27 ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޕޯޗުގަލް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ސްވިޒަލެންޑް އަތުން މޮޅުވެއްޖެނަމަ ވޯލްޑް ކަޕްގެ ޖާގަ ޔަގީންވާނެ އެވެ. އެއީ ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވިޔަސް ފައިދާ ލަނޑުން ކުރި ލިބެނީ ޕޯޗުގަލް އަށް ކަމަށްވާތީ އެވެ.

އެންޑޯރާ ކޮޅަށް ޕޯޗުގާލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭސީ މިލާންގެ ފޯވާޑް އަންދްރޭ ސިލްވާ އެވެ. ރޮނާލްޑޯ މި މެޗުގައި ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ބެލަރޫސްގެ ރިއޯސް (ކ) ކައިރިން ނެދަލެންޑްސްގެ ޔެންސަން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ

ބެލަރޫސްގެ ރިއޯސް (ކ) ކައިރިން ނެދަލެންޑްސްގެ ޔެންސަން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ

ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ބަލްގޭރިއާ އަތުން ރޭ 1-0 އިން މޮޅުވި ފްރާންސެވެ. އެ ޓީމަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސްވިޑަން އަށް ނުވަ މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނެދަލެންޑްސްގެ އޮތީ 16 ޕޮއިންޓެވެ.

މިދިޔަ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުން ވެސް ފުރުސަތު ނުލިބުނު ނެދަލެންޑްސް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން ވެސް ޖާގަ ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެއީ އެ ޓީމު މި ވަގުތު ގްރޫޕް އޭގެ ތިން ވަނައިގައި އޮތްއިރު އެންމެ ފަހު މެޗުން ދެ ވަނައިގައި އޮތް ސްވިޑެން އަތުން އަމިއްލަ ދަނޑުގައި ހަތް ގޯލުގެ ތަފާތުން މޮޅުވެގެން ނޫނީ ޕްލޭއޮފްގެ ޖާގައެއް ވެސް ލިބެން ނެތުމުންނެވެ.

ބެލަރޫސް ކޮޅަށް ރޭ ނެދަލެޑްސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ބްރައިޓަންގެ މިޑްފީލްޑަރު ޑޭވީ ޕްރޮޕާ އާއި ބަޔާނުގެ އާޔެން ރޮބެން އަދި ލިޔޯނުގެ މެމްޕިސް ޑީޕާއި އެވެ. ބެލަރޫސްގެ ހަމައެކަނި ލަނޑު ޖެހީ މެކްސިމް ވްލަޑްޒްކޯ އެވެ.

ބަލްގޭރިއާގައި އެ ގައުމުގެ ގައުމީ ޓީމު އަތުން ފްރާންސް 85 އަހަރު ތެރޭ ހޯދި ފުރަތަމަ މޮޅު ލިބުނު މެޗުގެ ހަމައެކަނި ލަނޑު އެ ޓީމަށް މެޗުގެ ތިން ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެވެ. ފްރާންސް ފަހު މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ބެލަރޫސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ވޯލްޑް ކަޕް ޖާގައެއް ފްރާންސަށް ކަށަވަރުވާނެ އެވެ.