Roadha Mihaaru
ބޮޑެތި ޓީމުތަކަށް ތަފާތު ބޮޑު މޮޅުތަކެއް

ބޮޑެތި ޓީމުތަކަށް ތަފާތު ބޮޑު މޮޅުތަކެއް

08 އޮކްޓޯބަރ 2016

ޕެރިސް (އޮކްޓޯބަރު 8) - ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާން ރޭ ކުޅުނު މެޗުތަކަށް ޔޫރަޕުގެ ބޮޑެތި ޓީމުތަކުން ތަފާތު ބޮޑު މޮޅުތަކެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕެރިސް (އޮކްޓޯބަރު 8) - ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާން ރޭ ކުޅުނު މެޗުތަކަށް ޔޫރަޕުގެ ބޮޑެތި ޓީމުތަކުން ތަފާތު ބޮޑު މޮޅުތަކެއް ހޯދައިފި އެވެ.

ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަތަރު ލަނޑާ އެކު އެންޑޯރާ އަތުން 6-0 އިން މޮޅުވެފަ އެވެ. ޔޫރޯގައި ލިބުނު އަނިޔާ އިން ސަލާމަތްވެ ދާދި ފަހުން ކުޅެން ނުކުތް ރޮނާލްޑޯގެ އިތުރުން ލަނޑު ޖެހީ އަންދްރޭ ސިލްވާ އާއި ހައޯ ސަންސެލޯ އެވެ.

އެކަމަކު އެ ޓީމު އަދިވެސް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ތިން ވަނައިގަ އެވެ. ހަ ޕޮއިންޓާ އެކު އެއް ވަނައިގައި ސްވިޒަލެންޑް އޮތްއިރު ހަތަރު ޕޮއިންޓާ އެކު ދެ ވަނަ ލިބެނީ ފެރޯ އައިލެންޑްސް އަށެވެ.

ގްރޫޕް އޭ ގައި ހިމެނޭ ފްރާންސުން ރޭ ރޭ ބަލްގޭރިއާ އަތުން 4-1 އިން މޮޅުވިއިރު އެ ގްރޫޕުގައި އޮތް ނެދަލެންޑްސް ވަނީ ބެލަރޫސް އަތުން ހަމަ އެ ނަތީޖާ އިން މޮޅުވެފަ އެވެ. ދެ ޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ އެންމެ ފަހުގެ ޔޫރޯ އިން ޖާގަ ނުލިބުނު ނެދަލެންޑްސް އަށެވެ. ޔޫރޯގެ ރަނަރަޕް ފްރާންސް ދެ ވަނައިގައި އޮތް އިރު ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ސްވިޑަން އަށެވެ. އެ ޓީމު ވަނީ ރޭ ލަގްޒަމްބާގް އަތުން 1-0 އިން މޮޅުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ނެދަލެންޑްސް މޮޅުވިއިރު ކުއިންސީ ޕްރޮމެސް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ޑެވީ ކްލާސެން އާއި ވިންސެންޓް ޔަންސެން އެވެ. ބަލްގޭރިއާ އިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ފްރާންސް މޮޅުވިއިރު ކެވިން ގަމެއިރޯ ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޑިމިޓްރީ ޕަޔެޓް އަދި އެންޓޮއިން ގްރިޒްމަން އެވެ.

ގްރޫޕް އެޗް ގައި ހިމެނޭ ބެލްޖިއަމް ވަނީ ރޭ ބޮސްނިއާ އަތުން 4-0 އިން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށް ގްރޫޕް އެޗް ގެ އެއް ވަނަ އަށް އަރައިފަ އެވެ. ލަނޑު ޖެހީ އެޑެން ހަޒާޑާއި ރޮމެއުލް ލުކާކޫ އަދި ޓޯނީ އެލްޑަވީލްޑް އެވެ. އަނެއް ލަނޑަކީ ބޮސްނިއާގެ އެމިރް ސްފަހިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.