Roadha Mihaaru

ޓައިވާން ބޭންކުން ނެގި ފައިސާގެ ބައެއް ލަންކާ އިން ހޯދައިދީފި

ކޮލަމްބޯ (އޮކްޓޯބަރު 12) - ޓައިވާނުގެ ބޭންކުން ހެކަރުން ވަގަށް ޓްރާންސްފާކުރި 60 މިިލިއަން ޑޮލަރުގެ ތެރޭން ބައެއް ސްރީ ލަންކާ އިން ހޯދައިދީފި އެވެ.

ޓައިވާން ބޭންކުން ނެގި ފައިސާގެ ބައެއް ލަންކާއިން ހޯދައިފި
ހަސަން އާމިރު
ހަސަން އާމިރު

13 އޮކްޓޯބަރ 2017

ކޮލަމްބޯ (އޮކްޓޯބަރު 12) - ޓައިވާނުގެ ބޭންކުން ހެކަރުން ވަގަށް ޓްރާންސްފާކުރި 60 މިިލިއަން ޑޮލަރުގެ ތެރޭން ބައެއް ސްރީ ލަންކާ އިން ހޯދައިދީފި އެވެ.

ކްރިމިނަލް ގޭންގަކުން ހިންގި މި ބޮޑު ވައްކަމުގައި ލަންކާ ފުލުހުން ވަނީ އެ ގައުމުން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ޓައިވާން ބޭންކުން ނެގި ފައިސާ ޖަމާކޮށްފައިވާ ލަންކާގެ ދެ މީހުންގެ އެކައުންޓުން ފައިސާ ނަގަން އުޅެނިކޮށް ފުލުހުން ވަނީ އެ ފައިސާ އަތުލައިގެންފަ އެވެ. އެ މީހުންގެ އަތުން ވަނީ 1.3 މިލިއަން ޑޯލަރު ހޯދައިފަ އެވެ.

ފާ އީސްޓަން އިންޓަނޭޝަން ބޭންކުގެ ސްވިޓް ސިސްޓަމް ބޭނުންކޮށްގެން ކުރި ވއްކަމުގައި ވަނީ އެމެރިކާ، ކެމްބޯޑިއާ އަދި ސްރީ ލަންކާގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފަ އެވެ.

މި މައްސަލާގައި ލަންކާ ފުލުހުންގެ ތަހުގީގު ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ. ސަބަބަކީ ލަންކާގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އިންޑިއާގެ ދެ މީހެއްގެ އެކައުންޓަށް ވެސް ޓްރާންސްފާ ކުރަން އުޅެފައިވާތީ އެވެ. އިންޑިއާގެ އެ ދެ މީހުން މިހާރު ވަނީ ލަންކާ އިން ފުރައިފަ އެވެ. އަދި އިންޑިއާގެ ދެ މީހުންނާ ބެހޭ މައުލޫމާތު ވަނީ ކަމާބެހޭ ފަރާތްތަކަށް ފޮނުވައިފަ އެވެ.

ޓައިވާން ފުލުހުންގެ މީހަކާއި ބޭންކުގެ އޮފިޝަލަކު ބުދަ ދުވަހު ވަނީ ކޮލަމްބޯ އަށް ގޮސް ލަންކާ ފުލުހުން ހޯދި ފައިސާ އަނބުރާ ބޭންކަށް ޖަމާކުރުމުގެ މަަސައްކަތް ފަށައިފަ އެވެ.

ލަންކާ ފުލުހުން ފެބްރުއަރީ މަހު ވެސް ވަނީ މި ބާވަތުގެ ތަހުގީގެއް ކޮށްފަ އެވެ. އެ ފަހަރު ވަނީ ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުގެ އެކައުންޓުން ލަންކާގެ ވިޔަފާރިވެރިއެއްގެ އެކައުންޓަށް 20 މިލިއަން ޑޮލަރު ވަގަށް ޓްރާންސްފާކޮށްފަ އެވެ. އެ ފައިސާ ވެސް ވަނީ ހޯދައިފަ އެވެ.