Roadha Mihaaru

ހާލުގައި ޖެހުނު މީހުންނަށް ލަންކާގައި އުޅޭ ދިވެހިން ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި

ސްރީ ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ތަކެތި ހޯދުމަށް، އެ ގައުމުގައި އުޅޭ ދިވެހިން ފަށާފައިވާ ހަރަކާތަށް އެއް ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި އެވެ.

ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 ޑިސެމްބަރ 2025

ސްރީ ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ތަކެތި ހޯދުމަށް، އެ ގައުމުގައި އުޅޭ ދިވެހިން ފަށާފައިވާ ހަރަކާތަށް އެއް ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި އެވެ.

ތޫފާން ދީތުވާގައި ލަންކާއަށް ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 465 އަށް ވުރެ ގިނަ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ލަންކާ މީހުންނަށް ވީ ގެއްލުމުން އަރައިގަތުމަށް އެހީވުމަށް ހިންގާ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ މުވައްޒަފު، ހަލީމަތު ޝިޒްނާ، "މިހާރު" އަށް ވިދާޅުވީ ދެ ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތަަށް މިހާތަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"މިގައުމުގައި އުޅެމުންދާ ދިވެހިން އެދިގެން އަޅުގަނޑުމެން މި ހަރަކާތް ފެށީ. މިރޭ 8:00 އަށް ހަރަކާތް ކުރިއަށް ދާނެ. މިހާރު ވެސް މީހުން އެބަ އާދޭ ހަމަ އެކި ކަހަލަ އެއްޗެހި ހިފައިގެން. ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން،" އޭނާ ވިދާޅުވި އެވެ.

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. --  ފޮޓޯ: އަންވަރު

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. -- ފޮޓޯ: އަންވަރު

އޭނާ ވިދާޅުވި ގޮތުގައި ހަރަކާތުގައި އެއްކުރަނީ އެ ގައުމުގެ ސަރުކާރުގެ އެކި އިދާރާތަކާއި ލަންކާ ރިލީފް ފަންޑަށް ހޯދުމަށް އެންމެ ބޮޑަށް ބޭނުންވާ ސާމާނެވެ. އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް އިދާރާތަކުން ނެރެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންނައުނާއި ސެނިޓަރީ ޕެޑާއި ކުޑަކުދިންނަށް ބޭނުންވާ އެކި ސާމާނާއި ކިރު ދަޅާއި ސައިބޯންޏާއި ދަތްއުނގުޅާ ބޭހާއި ކާބޯތަކެތީގެ ބާވަތްތައް ވެސް ހޯދަމުން އެބަދެ އެވެ.

"މި ދެ ދުވަހުގެ ތެރޭގައި ފުދޭވަރަކަށް އެ ހުރިހާ ސާމާނެއް ވެސް ކަލެކްޓްކުރެވިއްޖެ. ދެން މިރޭ ނިންމާލީމާ ސީދާ އެއްކުރެވުނު އަދަދުތައް އެނގޭނީ،" ހާލުގައި ޖެހުނު މީހުންނަށް ތަކެތި ހަދިޔާކުރާ ތަކެތި ސޯސަންވިލާއިން ބަލައިގަންނާނެކަން ފާހަގަކުރައްވަމުން ޝިޒްނާ ވިދާޅުވި އެވެ.

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. --  ފޮޓޯ: އަންވަރު

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. -- ފޮޓޯ: އަންވަރު

މި ހަރަކާތުގެ އިތުރުން ވެސް، ހާލުގައި ޖެހިފައިވާ ލަންކާގެ މީހުންނަށް އެހީވުމަށް އެކި ސަރަހައްދުތަކުގައި ދިވެހިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި އެހީއަށްޓަކައި އެ ގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވެ އެވެ.

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. --  ފޮޓޯ: އަންވަރު

ލަންކާގައި އުޅޭ ދިވެހިން، އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް އެއްކޮށްފައިވާ ބައެއް ސާމާނު ފޮށިތަކަށް އަޅަނީ. -- ފޮޓޯ: އަންވަރު

"ދިވެހިންގެ ފަރާތުން ލަންކާއަށް މި ދެމުންދާ އެހީއާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ވެސް ތިބީ ވަަރަށް ބޮޑަށް ޝުކުރުވެރިވެފައި. ނުވެސް ދަންނަ މީހުން ވެސް އަޅުގަނޑުމެންނަށް މެސެޖު ކުރަމުން ދަނީ ދިވެހިންނަށް ޝުކުރު އަދާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ދިވެހިން އާއްމުކޮށް ދިރިއުޅޭ ތިން ސިޓީގައި ފެން ބޮޑު ނުވިޔަސް ކޮލަމްބޯގައި ދިވެހިން އުޅޭ ބައެއް ގެތަކަށް ފެން ވަދެ، ހާލުގައި ހަތަރު ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. އަދި ނެގޮމްބޯގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށް ވެސް އެމްބަސީން އެހީ ފޯރުކޮށްދޭން ޖެހުނެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް އެ ގައުމުގެ ރައްޔިތުންނަށް އެހީވަމުން އަންނައިރު އެ ގައުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. މަސްދަޅު ކޭސްތައް ހިފައިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓެއް އިއްޔެ ރޭ ވަނީ ލަންކާއަށް ފުރައިފަ އެވެ.

ލަންކާގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި އެއްކުރަނީ.  -- ފޮޓޯ: އަންވަރު

ލަންކާގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި އެއްކުރަނީ. -- ފޮޓޯ: އަންވަރު

އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ވެސް 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ލިބުނެވެ. އެ ފައިސާ ޕީއެސްއެމް އިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 465 އަށް އަރައިފަ އެވެ. އަދި 366 މީހުން ގެއްލިފައިވެ އެވެ.

އެ ތޫފާނު އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.