Roadha Mihaaru
ތިން އަހަރަށް ފަހު އިންމަ އެނބުރި މާޒިޔާ އަށް

ތިން އަހަރަށް ފަހު އިންމަ އެނބުރި މާޒިޔާ އަށް

01 ނޮވެމްބަރ 2017

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު މާޒިޔާގެ ކޯޗުކަމާ އިސްމާއިލް މަހްފޫޒް (އިންމަ) އަލުން ހަވާލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު މާޒިޔާގެ ކޯޗުކަމާ އިސްމާއިލް މަހްފޫޒް (އިންމަ) އަލުން ހަވާލުވެއްޖެ އެވެ.

މާޒިޔާ ކޯޗުކަމުން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަކިވެފައިވަނީ އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ސެކުލޮސްކީ ވަނީ މި ސީޒަނުގައި މާޒިޔާ އަށް އެސްޓީއޯ މާލޭ ލީގައި އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްދީފަ އެވެ. ސެކުލޮސްކީ ވަކިވިއިރު، މާޒިޔާ އަށް ވަނީ ޕްރިމިއާ ލީގު ދިފާއުކުރުމުގެ ފުރުސަތު ހަނިވެފަ އެވެ.

މާޒިޔާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނިއު އަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތީ ތިން މެޗެވެ.

މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިނުމަށް ފަހު އިންމަ އެ ޓީމުން ވަކިވީ 2014 ވަނަ އަހަރު ލީގުގެ ފުރަތަމަ މެޗަށް ފަހު އެވެ. އިންމަ ވަނީ ފުރަތަމަ ޑިވިޝަނުގައި 2006 ވަނަ އަހަރުން ފެށިގެން ވާދަކުރަން ފެށި މާޒިޔާ އަށް 2012 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އެ ފަހަރު ފައިނަލުގައި މާޒިޔާ ވަނީ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމުގައި އިންމަ ހުރިއިރު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޓީމުގެ ހެޑް ކޯޗެއްގެ މަގާމު ފުރައިފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިން ޔަމަނާ ދެކޮޅަށް ކުޅުނު މެޗެވެ.

މާޒިޔާ ވަނީ ލީގުގައި އިއްޔެ އއ. މާޅޮސް އަތުން 6-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު އެވެ. އިންމަ ހަވާލުވީ އަންނަ އަހަރުގެ ނިޔަލަށެވެ.

އިންމަގެ ކޯޗުކަމުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅޭ މެޗެވެ.