Roadha Mihaaru

ޝީޝާ އިން ކުޅުދުއްފުށީގައި އައުޓްލެޓެއް ހުޅުވަނީ

ޝީޝާ އިން އަތޮޅުތެރޭގައި ގާއިމްކުރާ ދެވަނަ އައުޓްލެޓް ހދ. ކުޅުދުއްފުށީގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝީޝާ އިން ކުޅުދުއްފުށީގައި އައުޓްލެޓެއް ހުޅުވަނީ

ޝީޝާ އިން އަތޮޅުތެރޭގައި ގާއިމްކުރާ ދެވަނަ އައުޓްލެޓް ހދ. ކުޅުދުއްފުށީގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނީގެ ޗެއާމަން އަހުމަދު ހަސަން މަނިކު މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި އެ ކުންފުނީގެ ޝޯރޫމަކާއި ސާވިސް ސެންޓަރެއް ހިމެނޭ ގޮތަށް އައުޓްލެޓެއް މި މަހުގެ 27 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި 28 ވަނަ ދުވަހުން ފެށިގެން އައުޓްލެޓުން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ޝޯރޫމް ހުޅުވަނީ މާލެއާ އެއްގޮތަށް ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރުމާއި ސްޕެއާ އާއި ސާވިސް ވެސް ލިބޭ ގޮތަށް. އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ސައިކަލް ވިއްކުމެއް ނޫން. ސައިކަލް ވިއްކާފައި އެ އަށް ދިމާވާ ހުރިހާ ކަމެއް ހަމަ އެ ބްރާންޗުން ހައްލުކޮށްދޭނަން،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ވެސް ސައިކަލް ވިއްކާނީ މާލެއާ އެއް އަގެއްގަ އެވެ. އަދި އެތަން ހުޅުވުމާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ސައިކަލްގެ ފުރަތަމަ ސާވިސް ހިލޭ ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު

ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު

"އަލަށް ހުޅުވާ ތަނެއް ވީމަ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަން ދޭނީ ސާވިސްތަކުގެ މައުލޫމާތު ދޭން. އޭގެ އިތުރުން އެތަނުން އަޅުގަނޑުމެން ވިއްކާނީ ހޮންޑާ ޕަވާ ޕްރޮޑަކްޓްސް އާއި ފެން ޕަމްޕާއި އޯލް ޕާޕަސް ޖަނަރޭޓަރު،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ޝީޝާ އިން މަސައްކަތް ކުރަނީ ހދ. އަތޮޅުގެ ރައްޔިތުންނަށް ވެސް މާލެއެކޭ އެއްފެންވަރެއްގެ ޚިދުމަތް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އައުޓްލެޓް ހުޅުވާ ދުވަހުގެ ހަވީރު 4:30 އަށް އައުމަށް. އޭރުން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ފަހު ލ. އަތޮޅުގައި ވެސް އައުޓްލެޓެއް ހުޅުވަން ވިސްނާފައިވާ ކަމަށެވެ.

ޝީޝާގެ އައުޓްލެޓެއް މިހާރު ސ. ހިތަދޫގައި ވެސް ހުޅުވާފައިވެ އެވެ.