Roadha Mihaaru

ބާ ކައުންސިލް: ގާނޫނީ ދާއިރާ ކުރިއަރުވަން މުހިންމު ކަމެއް

ވަކީލުންގެ އެހީ ހޯދުމުގެ ހައްގު 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ދިނެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދު ރާއްޖޭގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ކުރިއެރުންތަކެއް ވަނީ އައިސްފަ އެވެ. މިހާރު ވަކީލުންނަކީ އަދުލު އިންސާފު ކަށަވަރުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއް ބައެވެ. ގާނޫނީ ދާއިރާއަށް އަދި ޚާއްސަކޮށް ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކުގައި ވަކީލުންގެ ދައުރު އެހާ ފުޅަލެވެ.

ބާ ކައުންސިލެއް އުފެއްދުން: ކުރުން މުހިންމު ކަމެއް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 އޮކްޓޯބަރ 2017

ވަކީލުންގެ އެހީ ހޯދުމުގެ ހައްގު 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ދިނެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދު ރާއްޖޭގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ކުރިއެރުންތަކެއް ވަނީ އައިސްފަ އެވެ. މިހާރު ވަކީލުންނަކީ އަދުލު އިންސާފު ކަށަވަރުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއް ބައެވެ. ގާނޫނީ ދާއިރާއަށް އަދި ޚާއްސަކޮށް ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކުގައި ވަކީލުންގެ ދައުރު އެހާ ފުޅަލެވެ.

ރާއްޖޭގައި ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ހާހެއްހާ މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ގަވާއިދުން ޕްރެކްޓިސް ކުރަނީ ދެ ބައި ކުޅަ އެއްބަޔަށް ވުރެ މަދު ބައެއް ނަމަވެސް މިހާރު ވެސް ކޮންމެ އަހަރަކު އެތައް ބަޔަކު ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކޮށްގެން ވަކީލުކަމުގެ ހުއްދަ ހޯދަ އެވެ. އެހެންވެ މިއީ ފުޅާވަމުން އަންނަ ދާއިރާއެކެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭ ގާނޫނީ އޮނިގަނޑެއް އަދި އެކަމަށް ޚާއްސަ މުއައްސަސާއެއް ރާއްޖޭގައި ނެތެވެ.

ފަންނީ ދާއިރާތަކަށް ބަލާ ނަމަ ޑޮކްޓަރުން ރެގިއުލޭޓް ކުރަން އެކަމަށް ޚާއްސަ މެޑިކަލް ކައުންސިލެއް އޮވެ އެވެ. ޑޮކްޓަރުން ގޮތުގައި ނުހިމެނޭ ސިއްހީ ޚިދުމަތްތެރިން ރެގިއުލޭޓް ކުރަން އެލައިޑް ހެލްތު ކައުންސިލެއް އޮވެ އެވެ. އެކަމަކު ފަންނީ ދާއިރާއެއް ކަމަށްވާ ވަކީލުން ރެގިއުލޭޓް ކުރަން ޚާއްސަ ވަކި އިދާރާއެއް ނެތުމުން މިހާތަނަށް ވެސް ވަކީލުން ރެގިއުލޭޓް ކުރަނީ ދައުލަތުގެ އެކި މުއައްސަސާތަކުންނެވެ.

ފަހުގެ ތާރީޚަށް ބަލާ ނަމަ ވަކީލުން ފުރަތަމަ ރެގިއުލޭޓް ކުރަން ފެށީ އޭރު އޮތް ޖަސްޓިސް މިނިސްޓްރީންނެވެ. އާ ގާނޫނު އަސާސީ އައުމުން ޖަސްޓިސް މިނިސްޓްރީ އުވުމާ އެކު، ދެން އެކަން ބަލަހައްޓަމުން ގެންދިޔައީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އޭގެ ފަހުން 2015 އިން ފެށިގެން މިހާރު އެކަން ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ވަކީލުންނާ ބެހޭ ގާނޫނެއް ނެތުމުން ވަކީލުކަމުގެ ހުއްދަ ދިނުމާއި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަނީ އެއިރެއްގައި އެކަމާ ހަވާލުވެ އޮންނަ މުއައްސަސާއަކުން ހަދާ ގަވާއިދުތަކެއް ނުވަތަ އުސޫލުތަކެއްގެ ދަށުންނެވެ. ވަކީލުކަމުގެ ހުއްދަ ދޭނެ ޝަރުތު ކަނޑައެޅުމާއި ހުއްދަ ދިނުމާއި ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުން ފަދަ ކަންކަން ކުރަނީ އެ ގަވާއިދުތަކުގެ ދަށުންނެވެ.

ކުރިއަރާފައިވާ ގައުމުތަކުގައި ވަކީލުން ރެގިއުލޭޓް ކުރާނީ ބާ ކައުންސިލް ނަމަކަށް ކިޔާ ކައުންސިލަކުންނެވެ. އެއީ ގާނޫނަކުން އުފައްދާ މިނިވަން ކައުންސިލެކެވެ. ގިނަ ގައުމުތަކުގައި އެ ކައުންސިލަށް މެމްބަރުން ހޮވަނީ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކުންނެވެ. ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުތުތައް ކަނޑައެޅުމާއި ވަކީލުކަމުގެ ހުއްދަ ދިނުމާއި ހުއްދަ ހިފެހެއްޓުމާއި ވަކީލުންނާ ގުޅޭ ގޮތުން ހުށަހެޅޭ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް އެ ކައުންސިލްގެ ދަށުގައި އޮންނަ ކަމެކެވެ.

މިސާލެއްގެ ގޮތުން އިންޑިއާއަށް ބަލާއިރު އެ ގައުމުގެ ބާ ކައުންސިލް އުފެއްދީ 1961 ވަނަ އަހަރު އަމަލުކުރަން ފެށި ވަކީލުންނާ ބެހޭ ގާނޫނުގެ ދަށުންނެވެ. ވަކީލުން ރެގިއުލޭޓް ކުރާ އެ ކައުންސިލްގެ މެމްބަރުން ކަނޑައަޅަނީ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކުން، ވަކި މުއްދަތަކަށެވެ. އެންމެ މައި ބާ ކައުންސިލްގެ އިތުރުން އިންޑިއާގެ ކޮންމެ ސްޓޭޓެއްގައި ވެސް ވަކިން ސްޓޭޓް ބާ ކައުންސިލެއް އޮވެ އެވެ. ބާ ކައުންސިލަށް މެމްބަރުން ހޮވަނީ ސްޓޭޓް ބާ ކައުންސިލްތަކުގެ ދައުރު ވެސް އޮންނަ ގޮތަށެވެ.

ވަކީލުންތަކެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި --ފޮޓޯ/މިހާރު

ވަކީލުންތަކެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި --ފޮޓޯ/މިހާރު

ގާނޫނެއްގެ ދަށުން އުފައްދާ ބާ ކައުންސިލެއް އޮތުމަކީ ރާއްޖެއަށް ވެސް މުހިންމު ކަމެކެވެ. ވަކީލުންގެ އަދަދު އިތުރުވެ، ލީގަލް ޕްރޮފެޝަން ފުޅާވަމުން އަންނަ އިރު އެ މީހުން ރެގިއުލޭޓް ކުރުން ދައުލަތުގެ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި އޮތުމަށް ވުރެ، ބާ ކައުންސިލެއްގެ ދަށުގައި އޮންނަ ނަމަ އެ ފުރުސަތު އެބަ ބޮޑުވެ އެވެ.

މީގެ އިތުރުން ވަކީލުންނާ މެދު ފިޔަވަޅު އެޅުމުން ކުރިމަތިވާ ފާޑުކިޔުންތައް ވެސް އޭރުން މަދުވާނެ އެވެ. ރެގިއުލޭޓް ކުރުމުގެ ނިޒާމާ މެދު އިތުބާރު ބޮޑު ވެސް ވާނެ އެވެ. ދާދި ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރުމުން އެކަމާ ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއިރު ވެސް ބާ ކައުންސިލެއް ރާއްޖޭގައި އުފެއްދުމަށް އޮތީ ގޮވާލައިފަ އެވެ.

"އޭގެ މައިގަނޑު މަގްސަދަކަށް ވާން ޖެހޭނީ ވަކީލުންގެ މިނިވަންކަން ހިމާޔަތް ކުރުމާއި، އެ މީހުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމާ އެކު ސުލޫކީ މައްސަލަތަކުގައި ފިޔަވަޅު އެޅުން. އެތަން ވާން ޖެހޭނީ އަމިއްލައަށް ރެގިއުލޭޓް ކުރާ އަދި މިނިވަން އިދާރާއަކަށް،" ބާ ކައުންސިލް އުފެއްދުމަށް ގޮވާލަމުން އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ރެޕަޓުއާ ޑިއޭގޯ ގާސިޔާ ސަޔަން ނެރުއްވި ބަޔާނުުގައިވެ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ބާ ކައުންސިލެއް އޮތުން މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ވަކީލުން ގުޅިގެން ގާނޫނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެތީ އެވެ. ބާ ކައުންސިލެއް އޮތުމުން ވަކީލުންގެ ތައުލީމާއި ތަމްރީނުތައް އިތުރު ކުރެވި ވަކީލުންގެ ޚިދުމަތް ރަނގަޅު ކުރަން ވެސް ފުރުސަތު ލިބޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް މީގެ 15 ވަރަކަށް އަހަރު ކުރިން ވަކީލުކަމުގެ ހުއްދަ ނަގާފައި ޕްރެކްޓިސް ނުކޮށް ހުރި ވަކީލަކު އައިސް މީހަކަށް ގާނޫނީ ލަފައެއް ދޭއިރު އެ މުއްދަތުގެ ތެރޭގައި މުޅި ޖިނާއީ އަދުލުގެ ނިޒާމު މިއޮތީ ބަދަލުވެފައި. އެ ބަދަލު އައިސްފައި އޮއްވާ އެ ވަކީލަކު އައިސް މީހަކަށް ގާނޫނީ ލަފާ ދީފި ނަމަ ނުވެދާނެ އެއީ އެންމެ ރަނގަޅު ލަފައަކަށް. އެއީ އޭނާ ޕްރެކްޓިސް ނުކޮށް އެހާ ދުވަސް ވަންދެން ހުރީމަ،" ޝަމީމް ވިދާޅުވި އެވެ.

"މިކަހަލަ ކަންކަން ރަނގަޅުކޮށް، ވަކީލުންގެ ޚިދުމަތް ރަނގަޅު ކުރެވޭނެ ބާ ކައުންސިލެއް އުފައްދައިގެން ސެލްފް ރެގިއުލޭޓްކުރާ ގޮތަށް ހަމަޖެއްސީމަ. އޭރުން ކޮންޓިނުއިން އެޑިއުކޭޝަނާއި މިފަދަ ކަންކަން ބާ ކައުންސިލްގެ ދަށުން ކުރެވޭނެ."

މީގެ އިތުރުން ބާ ކައުންސިލެއް އޮންނަ ނަމަ އެ ކައުންސިލުން ވަކީލުންނާ މެދު އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ ކޯޓުތަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު ވަކީލަކާ މެދު ފިޔަވަޅު އެޅިޔަސް އެ މައްސަލަ ކޯޓުތަކުން ނުބެލޭ ގޮތަށް އޮތުމަކީ ގިނަ ވަކީލުންގެ ކަންބޮޑުވުމެކެވެ. އޭގެ ނުސީދާ ގެއްލުން ވަކީލުންގެ ޚިދުމަތް ހޯދާ މުވައްކިލަށް ލިބޭ ކަން ވަކީލުން ފާހަގަކުރެ އެވެ.

"ފިޔަވަޅު އެޅީމަ އެކަމާ ހިތްހަމަނުޖެހުނަސް މިހާރު ނެތް އެއްވެސް ވަކީލަކަށް ދެވޭކަށް ޖުޑީޝަލް ރިވިއުއަކަށް. އެކަމަކު ބާ ކައުންސިލެއް އޮވެގެން ފިޔަވަޅު އަޅައިފި ނަމަ އޭރުން އޮންނާނެ އެ ވަކީލަކަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޖުޑީޝަލް ރިވިއުއަކަށް ދިއުމުގެ ފުރުސަތު. އޭރުން ކަށަވަރު ކުރެވޭނެ ޕްރޮސީޖާ އެއްގޮތަށްތޯ ފިޔަވަޅު އަޅާފައި އޮތީ،" މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެއް ގުޅިގެން 2014 ގައި ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފެއްދި އެވެ. އެކަމަކު ބާ އެސޯސިއޭޝަންގެ ނަމުގައި އެފަދަ ޖަމިއްޔާއެއް ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުން އެންގުމުން އެތަން ވަނީ އުވާލައިފަ އެވެ.

އެ ޖަމިއްޔާއިން އޭރު ވަކީލުންނާ ބެހޭ ގާނޫނެއް ވުޖޫދަށް ގެންނަން ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވި އެވެ. އެ ބިލް ގާނޫނަކަށް ވުމުން ބާ ކައުންސިލެއް އުފެދޭ ގޮތަށް ހިމަނައި، ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް އެ ކައުންސިލުން ކުރާ ގޮތަށް އޮތީ ޓްރާޓްކޮށްފަ އެވެ. ނަމަވެސް އެ ބިލް ރައްޔިތުން މަޖިލީހަކަށް ހުށަހެއް ނާޅަ އެވެ.

އެކަމަކު މިދިޔަ އަހަރު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެފައިވާ ގޮތުން ލީގަލް ޕްރޮފެޝަންގެ ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ބިލް ގާނޫނަކަށް ވުމުން ވަކީލުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ކަމަށް އަނިލް ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ބިލް ހުށަހަޅަނީ ވަކީލުން ރެގިއުލޭޓް ކުރަން ބާ ކައުންސިލެއް އުފައްދާ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖޭގެ ގާނޫނީ ދާއިރާ ފުޅާވަމުން އަންނައިރު ވަކީލުން ރެގިއުލޭޓް ކުރަން ވަކި ޚާއްސަ އިދާރާއެއް އެބަ އޮންނަން ޖެހެ އެވެ. ގާނޫނެއްގެ ދަށުން، އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދަ މިނިވަން ބާ ކައުންސިލެކެވެ.