Roadha Mihaaru
ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސް ރަޖިސްޓްރީވާން ޖެހިއްޖެ

ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް ޖޫން 15 ގެ ކުރިން ރަޖިސްޓްރީވާން ޖެހިއްޖެ

01 މާޗް 2020

ގާނޫނީ ޚިދުމަތް ދޭ ހުރިހާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް އަންނަ ޖޫން 15ގެ ކުރިން ބާ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ޚިދުމަތް ދޭ ހުރިހާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް އަންނަ ޖޫން 15ގެ ކުރިން ބާ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިދިޔަ ހަފުތާގައި ބާ ކައުންސިލުން އެކުލަވާލައި، އަމަލުކުރަން ފެށި ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް ދަފްތަރު ކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ގާނޫނީ ޚިދުމަތް ދޭން ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތައް އަންނަ ޖޫން 15ގެ ކުރިން ބާ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭނެ އެވެ.

ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ޕާޓްނަރުންގެ މައުލޫމާތާއި އެޑްރެސް ފަދަ މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، އެކަން ވެސް ހަތް ދުވަހުގެ ތެރޭގައި ބާ ކައުންސިލަށް އަންގަން ޖެހޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި އެކަމުގެ ސައްހަ ނޫން ލިޔުމެއް ހުށަހަޅައިފި ނަމަ ނުވަތަ ގަސްދުގައި މައުލޫމާތެއް ފޮރުވައިފި ނަމަ، އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް އޮންނާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ދެ ވަކީލުން ނުވަތަ އެއަށް ވުރެ ގިނަ ވަކީލުން ގާނޫނީ ޚިދުމަތް ދޭ ނަމަ އެ ޚިދުމަތް ދޭން ވާނީ އެ ވަކީލުން އުފައްދާ ޕާޓްނާޝިޕަކުންނެވެ. އަދި ޕާޓްނާޝިޕްތަކުގެ 80 ޕަސެންޓް އޮންނަން ޖެހޭނީ ވަކީލުކަމުގެ ހުއްދަ އޮންނަ ވަކީލުންނަށް ކަމަށާއި ލޯ ފާމެއްގެ ގޮތުގައި އެތަނެއް ރަޖިސްޓްރީކޮށްދޭނީ އެ ޝަރުތުތައް ފުރިހަމަވާ ނަމަ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ފަރުދީ ގޮތުން ވަކީލަކު މަސައްކަތް ކުރަން ބޭނުންވާ ނަމަ، ގާނޫނީ ޚިދުމަތް ދޭން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިިސްޓްރީ ކޮށްގެން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.