Roadha Mihaaru
ވަކީލުކަމުގެ ހުއްދަ އަށް ތަމްރީނު ހަދަން ލުއިތަކެއް

ވަކީލުކަމުގެ ހުއްދަ އަށް ތަމްރީނު ހެދުމަށް ލުއިތަކެއް ދީފި

09 މާޗް 2020

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ލުއިތަކެއް ލިބޭ ގޮތަށް ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ އާ ގަވާއިދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ލުއިތަކެއް ލިބޭ ގޮތަށް ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ އާ ގަވާއިދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުން ރެގިއުލޭޓް ކުރާ ބާ ކައުންސިލުން ކުރިން އެކުލަވާލާފައި ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު އޮންނަ ގޮތުން ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން އެއް އަހަރުގެ ތަމްރީނެއް ބާ ކައުންސިލުން ގަބޫލުކުރާ ތަނެއްގައި ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު އޭރު ގަވާއިދު އޮތްގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ދަތިވާތީ ގިނަ ބަޔަކަށް ވަކީލު ކަމުގެ ހުއްދަ ލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.

އެކަމަކު ކުރީގެ ގަވާއިދު އުވާލުމަށް ފަހު، ބާ ކައުންސިލުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި ގަވާއިދުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ކުރިއަށް ވުރެ ބޮޑު ލުއިތައް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމްގައި ސުޕަވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލުންގެ ބެލުމުގެ ދަށުން އެއްފަހަރާ ތަމްރީން ކުރެވޭ މީހުންގެ އަދަދު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ކުރީގެ ގަވާއިދު އޮތްގޮތުން ވަކީލު ކަމުގައި 12 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތަޖުރިބާ ހުރި ސުޕަވައިޒަރުންނަށް އެއްފަހަރާ ތަމްރީނު ދެވޭނީ ގިނަވެގެން ދެ މީހަކަށެވެ. އެކަމަކު އާ ގަވާއިދު އޮތްގޮތުން ފަސް އަހަރުގެ ތަޖުރިބާ ހުރި ވަކީލުންނަށް އެއްފަހަރާ ތިން މީހަކަށް ތަމްރީނު ދެވޭއިރު، ހަތް އަހަރުގެ ތަޖުރިބާ ހުރި ވަކީލުންނަށް އެއްފަހަރާ ފަސް މީހަކަށް ތަމްރީނު ދެވިދާނެ އެވެ. އަދި 12 އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ހަ މީހަކަށް ތަމްރީނު ދެވިދާނެ ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޝަރުތު ފުރިހަމަވާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތަކުގައި ސުޕަވައިޒަރެއްގެ ދަށުން ތަމްރީނެއްގެ ގޮތުގައި ބެލެވިދާނެ މަސައްކަތް ކޮށްފައިވާ ނަމަ، އެއީ އެއް އަހަރުގެ ތަމްރީނު ފުރިހަމަ ކުރުމުގައި ގުނޭނެ މުއްދަތެއް ކަމަށް ވެސް އާ ގަވާއިދުގައިވެ އެވެ.