ގާނޫނީ ފަންނުގެ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ގާނޫނީ ދާއިރާގެ މީހުން އެތައް އަހަރެއް ކުރިންސުރެ އެންމެ ބޮޑަށް އެދެމުން ދިޔަ އެއް ކަމެވެ. އެއީ ވަކީލުން އެކި ދުވަސްވަރު އެކި މުއައްސަސާތަކުގެ ބެލުމުގެ ދަށުން، ގަވާއިދުތަކެއްގެ ދަށުން ރެގިއުލޭޓް ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް، އެހެން ފަންނީ ދާއިރާތަކެކޭ އެއްގޮތަށް ވަކީލުންނަކީ ވެސް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ބަޔަކަށް ހެދުމަށެވެ.
26 ފެބުރުއަރީ 2020
ގާނޫނީ ފަންނުގެ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ގާނޫނީ ދާއިރާގެ މީހުން އެތައް އަހަރެއް ކުރިންސުރެ އެންމެ ބޮޑަށް އެދެމުން ދިޔަ އެއް ކަމެވެ. އެއީ ވަކީލުން އެކި ދުވަސްވަރު އެކި މުއައްސަސާތަކުގެ ބެލުމުގެ ދަށުން، ގަވާއިދުތަކެއްގެ ދަށުން ރެގިއުލޭޓް ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް، އެހެން ފަންނީ ދާއިރާތަކެކޭ އެއްގޮތަށް ވަކީލުންނަކީ ވެސް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ބަޔަކަށް ހެދުމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނާ މިދިއަ އަހަރުގެ ޖޫން މަހު ވުޖޫދަށް އައުމާ އެކު ފޮނި އުއްމީދުތަކެއް، އެ ދާއިރާގެ މީހުން ކުރި އެވެ. ވަކީލުން އަމިއްލައަށް އިންތިޚާބުކުރާ ގޮތަށް ބާ ކައުންސިލެއް އުފެދި، ވަކީލުކަމުގެ ހުއްދަ ދިނުމާއި ގާނޫނީ ދާއިރާގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމާއި ވަކީލުންގެ މައްސަލަތައް ބެލުން ވެސް އެ ކައުންސިލްގެ ދަށަށް ބަދަލުވި އެވެ. ގާނޫނީ ބެލެނިވެރިއަކު ނެތި ހިނގަމުން އައި ދާއިރާއަށް ގާނޫނީ ބެލެނިވެރިކަން ލިބުނެވެ. އެކަމަކު އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރި އެތައް ބަޔަކު މިހާރު ތިބީ އެ ގާނޫނުގެ ސަބަބުން ކުރިއަށް ނުދެވިފަ އެވެ.
ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރިޔަސް، ވަކީލުކަމުގެ ހުއްދަ ދެވޭނީ އެއް އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ވެސް ބާ ކައުންސިލުން ދޭ ބާ އިމްތިހާނަކުން ފާސްވާން ޖެހެ އެވެ. އެކަމަކު ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ވާން ގާތް ވެފައިވާއިރު ވެސް، އެ ފުރުސަތު ލިބޭނެ ގޮތެއް މިހާތަނަކަށް ނެތެވެ. ނަތީޖާއަކަށް ވެފައި އޮތީ އެތައް ބަޔަކަށް ވަކާލާތު ކުރުމުގެ ހުއްދަ ނުލިބި އަހަރެއް ވާން ގާތްވުމެވެ.
ސަބަބަކަށް ވަނީ އެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރާ މީހުންގެ އަދަދާ އެއް މިންވަރަށް ބަލާއިރު ތަމްރީނު ޕްރޮގްރާމްތަކަށް މީހުން ނެގުމުގެ ފުރުސަތު ނެތުމެވެ. ގާނޫނީ މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތައް ކަމަށް ވާ އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވެސް އަހަރަކު އެކަމަށް ކަނޑައަޅަނީ ވަކި މިންވަރެއްގެ ޖާގައެކެވެ. އަނެއްކޮޅުން އަމިއްލަ ލޯ ފާމްތައް ނިސްބަތުން ރާއްޖޭގައި ގިނަޔަސް، އެ ފުރުސަތު ދެނީ މަދު ލޯ ފާމްތަކަކުންނެވެ. ސަބަބަކަށް ވަނީ ގިނަ ލޯ ފާމްތަކުގެ ޖާގަ އާއި މަސައްކަތްތައް ހުންނަ ގޮތުންނާއި ތަޖްރިބާ ހުރި ވަކީލުންގެ އަދަދު މަދުވުމެވެ.
އަނެއްކޮޅުން ތަމްރީނު ޕްރޮގްރާމް ވެސް އޮތީ ހަމައެކަނި ނަމެއްގައި ފުރިހަމަ ކުރެވޭ ގޮތަކަށް ނޫނެވެ. އެ ތަމްރީނަކީ ބާ ކައުންސިލުން ހުއްދަކުރާ ލޯ ފާމެއްގައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރާ ތަމްރީނަކަށް ވާން ޖެހެ އެވެ. އަދި ސުޕަވައިޒަރުންނަކީ ވެސް ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ލިބިފައިވާ ބަޔަކަށް ވާން ޖެހޭއިރު، ގަވާއިދު އޮތް ގޮތުން އެ މީހުންގެ ބެލުމުގެ ދަށުން މީހުން ސުޕަވައިޒް ކުރެވެނީ ވެސް ވަކި އަދަދަކަށެވެ.
އެގޮތުން 12 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އެއްފަހަރާ ތަމްރީނު ދެވޭނީ ދެ މީހަކަށެވެ. އަދި އެއަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުއްޓަސް، އެއް ވަކީލަކަށް އެއްފަހަރާ ތަމްރީނު ދެވޭނީ ވެސް ހަތަރު މީހުންނަށެވެ. އެ ޝަރުތުތަކާ ޚިލާފަށް ތަމްރީން ޕްރޮޮގްރާމެއް ފުރިހަމަ ކުރިޔަސް، އެ ޕްރޮގްރާމް ބަލައެއް ނުގަނެ އެވެ. ތަމްރީނު ޕްރޮގްރާމްގައި ސުޕަވައިޒް ކުރުމަށް މިހާރު ހުއްދަ ނަގާފައި އޮތީ ވެސް އެންމެ 15 ވަރަކަށް ވަކީލުންނެވެ.
ތަމްރީނު ފުރިހަމަ ކުރިޔަސް، ހުއްދަ ދިނުމުގެ ކުރިއަށް އޮންނަ ބާ އިމްތިހާންގެ ކަންކަން ވެސް މުޅިން އަދި ނުނިމެ އެވެ. ރަނގަޅު ފެންވަރެއްގެ ބާ އިމްތިހާނެއް ދިނުމަށްޓަކައި ބޭރުގެ ބާ އެސޯސިއޭޝަންތަކުގެ އެހީ ބާ ކައުންސިލުން ހޯދަމުން އަންނާތީ އެކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ފަހު ބާ އިމްތިހާން އެކުލަވާލަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ބާ ކައުންސިލް ހިންގާނެ އޮފީހެއް ނެތުމާއި ބަޖެޓް ލިބުމުގައި ކުރިމަތިވި ލަސްތަކާ އެކު ހުރިހާ ކަމެއް ވެސް ލަސްވި އެވެ.
ކުރިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރަމުން ދިޔައިރު ވެސް ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރި ކުރުވުމަށްޓަކައި ޖުޑީޝަލް އެކަޑަމީން ހިންގި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ. ބަޖެޓްގެ ދަތިިތަކެއް ދިމާވެގެން އެ ޕްރޮގްރާމް ކުރިއަށް ނުގޮސް، ހުއްދަ ދިނުން ލަސްވުމުގެ ޝަކުވާ އޭރު ކުރިމަތި ވިޔަސް، ފަހުން އެކަން ހައްލުކުރި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަ ކުރުމަށް ފަހު އެއް އަހަރުގެ ތަމްރީން ހޯދަން ޖެހޭ ޝަރުތަކީ ރާއްޖޭގައި ފަސޭހައިން ފުރިހަމަ ކުރެވެން އޮތް ކަމަކަށް ނުވުމެވެ. އަނެއް ކޮޅުން އެ ގާނޫނު އައިއިރު ހުވާ ނުކުރެވި ތިބި ވަކީލުންނާއި ކިޔެވުން ނިމެން ގާތްވެފައި ތިބި މީހުންނަށް ހުއްދަ ދިނުމުގައި ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރެވޭނެ އިންތިގާލީ މުއްދަތެއް ވެސް ގާނޫނަކު ނެތެވެ. އެހެންވެ، އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ބާރެއް ބާ ކައުންސިލަކަށް ނުލިބެ އެވެ.
އެއް ބައެއްގެ ނަޒަރުގައި ގާނޫނީ ދާއިރާއިން އެތައް ބަޔަކު ކޮންމެ އަހަރަކު މަތީ ތައުލީމް ހާސިލް ކޮށްގެން ނުކުންނައިރު، އެ އެންމެންނަށް ތަމްރީނު ދޭން ހުރި ދަތިތަކުގެ ސަބަބުން އެއީ ރާއްޖޭގައި މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރަމުން ދިޔައިރު ވަކީލުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ގާނޫނީ ފަންނުގެ ގާނޫނު އަވަހަށް ވުޖޫދަށް ގެނައިއިރު، ދިމާވެދާނެ މިފަދަ މައްސަލަތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ކޮށްފައި ނެތް ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ.
އެކަމަކު އަނެއްކޮޅަށް ވިސްނާއިރު، ޑިގްރީ ފެންވަރަށް ގާނޫނީ އިލްމު ކިޔަވައި ދިނަސް، އަމަލީ މައިދާނުގައި އަމަލުކުރާ އުސޫލުތަކެއް ކިޔަވައެއް ނުދެ އެވެ. އެހެންވެ، އިތުރު ތަމްރީނެއް ނެތި އާންމު ރައްޔިތުންގެ ހައްގުތަކާ ގުޅުން ހުރި މުހިިންމު ޒިންމާއަކާ ހަވާލުވުމުގެ ފުރުސަތު ދިނުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ބާ ކައުންސިލުން ވެސް ދެކޭ ގޮތުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގައި ރާއްޖޭގައި ގިނަ ދަތިތަކެއް އެބަ ހުއްޓެވެ. އަދި ގާނޫނީ ފަންނުގެ ގާނޫނު އައި ފަހުން އެ ދާއިރާއިން ޑިގްރީ ހާސިލްކުރި ފަރާތްތަކަށް އޭގެ ސަބަބުން ހުއްދަ ނުދެވި އަދި ހުވާ ނުކުރެވި ތިބުމަކީ ވެސް ކައުންސިލްގެ ކަންބޮޑުވުމެކެވެ. އެކަމަކު އެ ނޫން ގޮތެއް މިވަގުތު ނެތް ކަމަށް އެ ކައުންސިލުން އެއްބަސްވެ އެވެ. އެހެންވެ، އެކަމަށް މިވަގުތު ހައްލު ގެނެވެން އޮތީ އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ވަކީލު ކަމުގެ ހުއްދަ ދެވޭނެ ފަދަ ގޮތަކަށް ގާނޫނު އިސްލާހު ކޮށްގެން ކަމަށް ކައުންސިލުން ބުނެ އެވެ.
"އެންމެ އިންސާފުވެރި ގޮތް ކަމަކަށް ނުފެނޭ މިދިޔަ އަހަރުގެ ޖޫން 27 އިން ފެށިގެން މިއަދާ ހަމައަށް ވެސް ގްރެޖުއޭޓްވެވަޑައިގެންފައި ތިއްބެވި ބޭފުޅުންނާއި ވަކި މަގެއް ނުފެނި ތިއްބަވާކަށް. އެ ބޭފުޅުންގެ ޓްރެއިނިން ފެއްޓެވުމަށް ކަމަށް ވިޔަސް، އެ ބޭފުޅުންނަށް ދަތިތަކެއް އެބަހުރި ވަރަށް ބޮޑު ގޮންޖެހުންތައް އެބަހުރި،" ބާ ކައުންސިލްގެ ރައީސް މަައުމޫން ހަމީދު ދާދި ފަހުން ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވިދާޅުވި އެވެ.
"އެހެންވީމަ މި ދަތިތައް ހުރުމާ އެކު އަޅުގަނޑުމެން މި ނުކުތާގައި ޖުމްލަ ގޮތެއްގައި ރަނގަޅު ގޮތެއް ކަމަށް މި ފެންނަނީ ޓްރާންސިޝަނަލް ޕްރޮވިޝަންތަކެއް އެ ގާނޫނަށް ގެނެވުން."
އެކަމަކު ބާ ކައުންސިލުން ދެކޭ ގޮތުގައި ހުއްދަ ދިނުމުގެ ކުރިން ހޯދަން ޖެހޭ ތަމްރީނާއި ބާ އިމްތިހާނަކީ ވެސް ނަމެއްގައި ކުރެވޭ ކަމަކަށް ވެގެން ނުވާނެ އެވެ. ބާ އިމްތިހާން އެކުލަވާލަން ދިގު މުއްދަތެއް ފާއިތުވުމާއި ތަމްރީން ދޭ ސުޕަވައިޒަރުންގެ ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަން ޖެހޭ ގޮތަށް ލާޒިމްކުރީ އެ ބޭނުމުގައި ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ ގިނަ ވަކީލުންގެ އޮފީހާއި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި އެފަދަ ތަމްރީނެއް އެހެން ބަޔަކަށް ހިންގަން ހުރިހާ ވަކީލުން ތަމްރީން ވެފައި ނެތުމުން އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ގިނަ ވަކީލުންނަށް ދަތިވެ އެވެ. އެކަމަކު އެއްވެސް ތަމްރީނެއް ނެތި ވަކީލުކަމުގެ ހުއްދަ ދޭން ފަށައިފި ނަމަ، ބައެއް މައްސަލަތައް ނުކުމެދާނެ އެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"އެންމެ މަދުވެގެން ވެސް ހަ މަހުގެ ތަމްރީނެއް ފުރިހަމަ ކުރަން އޮންނަން ވާނެ. އެއީ ލޯ ފާމެއްގައި ހުރެގެން ނުވަތަ ސެމިނާ ނުވަތަ ވޯކްޝޮޕް ފަދަ ކަންކަމުގައި ބައިވެރިވާން ޖެހޭ ގޮތަށް ހަދައިގެން ކަމަށް ވިޔަސް،" ތަޖުރިބާކާރު ވަކީލަކު ވިދާޅުވި އެވެ.
އެ ބޭފުޅުން ގަބޫލުކުރަައްވާ ގޮތުގައިި ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން މިވަގުތު ކުރިމަތިވެފައި އޮތް ހުރަހަށް ހައްލެއް ގެނެވެން އޮތީ ގާނޫނު އިސްލާހުކޮށް، އިންތިގާލީ މުއްދަތެއް ހިމަނައިގެންނެވެ. އެކަމަކު ވަކީލުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ތަމްރީނާއި ބާ އިމްތިހާން ވެސް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން އެތައް ބަޔަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބެން ޖެހޭ ޖެހުމަށް އަވަސް ހައްލެއް ގެންނަން ޖެހެ އެވެ. ހަމައެހެން ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ތަމްރީނާއި ބާ އިމްތިހާން ހަދަން ދަތިތަކެއް ހުއްޓަސް، އެ ދާއިރާއަށް ނުކުންނަ މީހުންގެ ފެންވަރު ހިފެހެއްޓުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މި މަހު ބާއްވަނީ
ޕަބްލިކް ނޯޓަރީގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ
ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވި
ވަކީލުންގެ ދާއިރާއިން ބޭރުކަންކަން ބެލޭގޮތަށް ފާސްކޮށްފި
ހާއްސަ ހުއްދަ އޮތްނަމަ އެގްޒާމް ނުހެދުން ރަނގަޅު
ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ
ބާ ކައުންސިލް ބާވެއްޖެ، ޝައުގެއް ނެތް!
ކުށް ސާބިތުވުމުން ވަކީލުކަމުގެ ހުއްދަ ހިފަހައްޓަނީ