Roadha Mihaaru
ކުޅުދުއްފުށީ ކުޅިން ގަސްކަނޑަން ހުއްދަނުދޭން އަންގައިފި

ކުޅުދުއްފުށީ ކުޅިން ގަސް ނުކަނޑަށް އީޕީއޭ އިން އަންގައިފި

26 އޮކްޓޯބަރ 2017

ވަކި ގޮތެއް އަންގަންދެން، ހދ. ކުޅުދުއްފުށީ ކުޅިން ގަސް ކެނޑުމުގެ ހުއްދަ ނުދޭން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަކި ގޮތެއް އަންގަންދެން، ހދ. ކުޅުދުއްފުށީ ކުޅިން ގަސް ކެނޑުމުގެ ހުއްދަ ނުދޭން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

އީޕީއޭ އިން މި ގޮތަށް އެންގީ، ކުޅުދުއްފުށީ ކުޅިން ގަސްކެނޑުމުގެ ހުއްދަ ދޭން ނިންމައި އެ ރަށު ކައުންސިލުން ކުރި އިއުލާނަކާ ގުޅިގެންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފު ހަސަން ސޮއި ކުރައްވައި މިއަދު ކުރި އިއުލާނުގައި ބުނީ ކުޅި ހިއްކުމުގެ ކުރިން އެ ސަރަހައްދުން ތަކަފަތި، މަގޫ، ކުރެދި ފަދަ ތަކެތި ކަނޑަން ގިނަ ބަޔަކު އެދެމުންދާ ކަމަށާއި އެހެންވެ އެ ގަސްތައް ކަނޑައިގެން ގެންދިއުމުގެ ހުއްދަ ދޭން ނިންމާފައިވާާ ކަމަށެވެ.

ނަމަވެސް އިއުލާނު ކުރިތާ މާ ގިނަ އިރުތަކެއް ނުވަަނީސް، އީޕީއޭގެ އެދުމަށް އެ އިއުލާން ވަނީ ބާތިލްކޮށްފަ އެެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފު ވިދާޅުވީ ހައުސިން މިނިސްޓްރީން އެދިގެން، އެ ސަރަަހައްދުގައި ހުރި ރުއް ގަސްތަކުގައި ނަންބަރު ވެސް ޖަހާފައިވާ ކަމަށެވެ. އަދި ނަންބަރު ޖަހާފައިވަނީ ކަނޑަން ހަމަޖައްސާފައިވާ ރުުއް ގަސްތަކުގައި ކަމަށާއި އީޕީއޭ އިން އެކަން ހުއްޓުވީ ކީއްވެ ކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓު އަޅާ ސަރަހައްދުގެ ކުރެހުމެއް ފޮނުވާފައި [ހައުސިން] މިނިސްޓްރީން ބުނީ އެ ތަނުގައި ހުރި ރުއްގަހުގެ އަދަދު ބަލާފައި އެކޮޅަށް ފޮނުވަން. އޭގެ މާނައަކީ އެ ރުއްގަހަކީ ކަނޑަންޖެހޭ އެއްޗިއްސޭ. އެހެންވެ މިހާރު އީޕީއޭ އިން އެ ހައްދަވާ ގޮތެއް ނޭނގޭ،" ކައުންސިލްގެ ރައީސް އަބްދުއްލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅީގައި 2500 އެއްހާ ރުއްގަސް އެބަހުރި ކަމަށެވެ.

އަބްދުއްލަތީފު ވިދާޅުވީ ކުޅި ހިއްކައިގެން ނަމަވެސް އެ ރަށުގައި އެއާޕޯޓެއް އަޅަން ކުޅުދުުއްފުށީ ކައުންސިލާއި ރަށުގެ 95 ޕަސެންޓް މީހުން އެއްބަސްވާ ކަމަށެވެ.

"..އެންމެން ބޭނުންވަނީ ރަށުގެ ބިން ސަލާމަތްވާނެ ގޮތަކަށް އަޅަން. އެގޮތަށް އެންމެން ވެސް ބޭނުންވަނީ ކުޅި ހިމާޔަތްކުރެވިފައި އެހެން ތަނެއްގައި އެއާޕޯޓު އަޅަން. އެކަމަކު ހަމައެކަނި އޮތް ޗޮއިސް އަކީ ކުޅި ހިއްކައިގެން ނަމަ އެކަން ކުރަން ކުޅުދުއްފުށީ ރައްޔިތުން ބޭނުންވޭ،" ލަތީފު ވިދާޅުވި އެވެ.

ކުޅި ހިއްކަން ކުޅުދުއްފުށީގައި އެއާޕޯޓު ހަދަން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ.