Roadha Mihaaru
ކުޅުއްދުއްފުޓަށް ކުޅިއެއް ބޭނުމެއް ނޫން!

ކުޅުއްދުއްފުޓަށް ކުޅިއެއް ބޭނުމެއް ނޫން!

28 އޮކްޓޯބަރ 2017

ކުޅުދުއްފުށްޓަށް ކުޅި ބޭނުން ހެއްޔެވެ؟ މި ރަށުގެ ވަރަށް ގިނަ މީހުންނާ މި ސުވާލު ކޮށްލައިފީމެވެ. ގިނަ މީހުންގެ ޖަވާބަކީ ނޫނެކޭ އެވެ. އެ މީހުން ދައްކާ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. ކުޅިއެއް އޮވެގެން، ހަމައެކަނި އެ ނަމެއް އޮވެގެން ތިބުމުގެ ބަދަލުގައި އެންމެންގެ ވެސް ވިސްނުން ހުރީ މުސްތަގުބަލަށެވެ. ކުރިމަގަށް ރަނގަޅު އިންވެސްޓްމަންޓަކަށެވެ. ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކަށެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޅުދުއްފުށްޓަށް ކުޅި ބޭނުން ހެއްޔެވެ؟ މި ރަށުގެ ވަރަށް ގިނަ މީހުންނާ މި ސުވާލު ކޮށްލައިފީމެވެ. ގިނަ މީހުންގެ ޖަވާބަކީ ނޫނެކޭ އެވެ. އެ މީހުން ދައްކާ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. ކުޅިއެއް އޮވެގެން، ހަމައެކަނި އެ ނަމެއް އޮވެގެން ތިބުމުގެ ބަދަލުގައި އެންމެންގެ ވެސް ވިސްނުން ހުރީ މުސްތަގުބަލަށެވެ. ކުރިމަގަށް ރަނގަޅު އިންވެސްޓްމަންޓަކަށެވެ. ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކަށެވެ.

"އެ ކުޅި އެތާ އޮންނަތާ ކޮން ޒަމާނެއް. ވީކަމެއް ނެތް. އަހަރެމެން ބޭނުމީ އެއާޕޯޓް. އެތަން އެއްކޮށް ހިއްކިޔަސް އެއްވެސް މައްސަލައެއް ނެތް، އަހަރެންގެ އުމުރުން 59 އަހަރު. އަހަންނަން ތި ތަނުންވީ އެއްވެސް ފައިދާއެއް ނެތް،" މިރަށު ސަމާވަލްގޭ އުމަރު ޒާހިރު ބުންޏެވެ.

ކުޅި ހިއްކަން ގޮވާލައި، ޝުއޫރު ފާޅުކުރަނީ ފޮޓޯ: ފޭސްބުކް

ކުޅި ހިއްކަން ގޮވާލައި، ޝުއޫރު ފާޅުކުރަނީ ފޮޓޯ: ފޭސްބުކް

ބާރަވަރަކަށް ހެކްޓަރުގެ ކުޅިން ނުވަ ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އޮތީ ވެ ނިންމާފަ އެވެ. ދެތިން ދުވަސް ތެރޭގައި ކުޅި ހިއްކަން ފަށާނެ އެވެ. އެކަމަކު އެމްޓީސީސީން ބުނަނީ ކުޅީގެ އެންމެ ހާއްސަ ކަންތައް ކަމަށްވާ މަށިކުޅި ނުހިއްކާނެ ކަމަށެވެ. ކުޅި ހިއްކަން ނިންމާފައިވަނީ ކުޅީގެ މެދުން ހުޅަނގު ފަރާތު މޫދާ ދިމާލެވެ.

ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކާއި އީޕީއޭގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އިން ވެސް އެނގޭ ގޮތުގައި ކުޅި ހިއްކައިފި ނަމަ ގުދުރަތީ ގޮތުން މި ރަށަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި، މިހާރު ވެސް ފެންބޮޑުވާ މި ރަށުގައި ފެން ބޮޑުވުން އިތުރުވެގެންދިއުން ހިމެނެ އެވެ.

ގޯތި ދޫކުރަން ވެސް ކުޅި ހިއްކަންވީ

ކުޅުދުއްފުށީ އުފެދިފައިވާ ގޮތުން މި ރަށަކީ ގިނަ އަދަދަކަށް ކުޅި އޮތް ރަށެކެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑު ބައެއް މީގެ އަހަރުތަކެއް ކުރިން ވެސް ވަނީ ހިއްކައިފަ އެވެ. ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ ބިން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުޅުދުއްފުށީ ކުޅި: އެ ކުޅި ހިއްކުމަށް މި ރަށު ރައްޔިތުން އެދޭ -- ފޮޓޯ: އަހުމަދު ޝައްފާހް/ މިހާރު

ކުޅުދުއްފުށީ ކުޅި: އެ ކުޅި ހިއްކުމަށް މި ރަށު ރައްޔިތުން އެދޭ -- ފޮޓޯ: އަހުމަދު ޝައްފާހް/ މިހާރު

މި ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނިގޮތުގައި ތަރައްގީވަމުން އަންނައިރު ކުޅިތަކާއި ފާތަކުގެ ބޭނުމެއް ނެތެވެ. މި ރަށަކީ މިހާރު ވެސް ފުރި ގޯތި ދޫނުކުރެވިފައިވާ ރަށަކަށްވާއިރު ކުޅި ހިއްކައިގެން ގޯތި ދޫކުރުން ވެސް މާ މުހިންމު ކަމަށް އެ މީހުން ގަބޫލް ކުރެއެވެ.

"ކީއްކުރަން ބާއްވާ ތަނެއް އެއީ. އެތަން އޮވެގެން ލިބެނީ ކޯއްޗެއް. އެއަށްވުރެ އެތަން ހިއްކައިފައި ގޯތި ދޫކުރިޔަސް ރަނގަޅުވާނެ،" ކުޅުދުއްފުށީ ޒުވާނަކު ބުންޏެވެ.

ހަނިމާދޫން ކުޅުދުއްފުއްޓަށް 20 މިނެޓް!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުއްޓަށް އައުމަށް ނަގަނީ ވިއްސަކަށް މިނެޓެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ގިނަ ބަޔެއްގެ ވެސް ވާހަކައަކީ އެހާ ކައިރީގައި އެއާޕޯޓެއް އޮތް އިރު މި ރަށަށް ވަކި އެއާޕޯޓެއް މުހިންމު ނޫން ކަމަށެވެ.

އެކަމަކު އެމްޑީޕީ ކައުންސިލަރުން ހިމެނޭ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ފެރީގެ ނިޒާމުން ވެސް ހއ. އަތޮޅާއި ށ. ގެ އިތުރުން ހދ. ގެ ރަށްތައް ގުޅިލާމެހިފައިވާ ހަބް ކަމަށްވާއިރު އެ ފަރާތްތަކަށް ވެސް ފައިދާ އޮތީ މި ރަށުގައި އެއާޕޯޓް އެޅުން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ މި ސަރަހައްދުގެ މައި ހޮސްޕިޓަލަށް ވެފައި، އެ ހޮސްޕިޓަލުން ފަރުވާ ދީ އިތުރު ފަރުވާ އަށް މާލެ ގެންދަން ޖެހޭ މީހުން ގެންދަން ވެސް ފަސޭހަ ވާނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުން ކަމަށް މި ރަށު މީހުން ގަބޫލްކުރެއެވެ. ސަބަބަކީ ހަނިމާދު އަށް ދާން ކުރަން ޖެހޭ ހަރަދު ބޮޑުކަމެވެ. ހަނިމާދު އަށް ދާން 1200ރ. ހަރަދު ކުރާއިރު، ކަނޑު ގަދަ ދުވަހެއްގައި ވަރަށް ބޮޑު ތަކުލީފެއް ވެސް އުފުލަން ޖެހެ އެވެ.

މި ރަށުގެ އާބާދީގެ ހަމަ ގިނަ މީހުން އެ ކުޅި ނައްތާލައި، އެ ސަރަހައްދުގައި ކުރިމަގަށް ރަނގަޅު ކަމެއް ކުރަން ބޭނުން ވެ އެވެ. ކުޅި އޮވެގެން އެ މީހުންނަށް ވާ ވަކި އިތުރު ފައިދާއެއް ނެތެވެ. އެ އަށް ވުރެ ބޮޑަށް ބިމުގެ ދަތިކަން އޮތީ ކުރިމަތިވެފަ އެވެ. އެންމެންގެ ވާހަކައަކީ ވެސް މި އެވެ؛ ކުޅި އޮވެގެން ވާ ވަކި އިތުރު ފައިދާއެއް ނެތެވެ.