Roadha Mihaaru
ލީގު ހޯދުމުގެ ފުރުސަތު ގެއްލިއްޖެ: މާޒިޔާ

ލީގު ހޯދުމުގެ ފުރުސަތު ގެއްލިއްޖެ: މާޒިޔާ

30 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު މާޒިޔާ އޮތީ މިހާރު އޮތީ ގާތްގަނޑަކަށް ގެއްލިފައި ކަމަށާއި ލީގު ހޯދުމަށް ވުރެ މާޒިޔާ އިން މިހާރު ވިސްނަނީ ޓީމު އަލުން ހަމަޔަކަށް އަޅުވަން ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު މާޒިޔާ އޮތީ މިހާރު އޮތީ ގާތްގަނޑަކަށް ގެއްލިފައި ކަމަށާއި ލީގު ހޯދުމަށް ވުރެ މާޒިޔާ އިން މިހާރު ވިސްނަނީ ޓީމު އަލުން ހަމަޔަކަށް އަޅުވަން ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ބުނެފި އެވެ.

މި އަހަރުގެ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި މާޒިޔާގެ ފޯމް ކަޓާފައިވާއިރު އެ ޓީމުން ވަނީ މެސެޑޯނިއާ ކޯޗު މަރްޖާން ސެކުލޮސްކީ ދޫކޮށްލައިފަ އެވެ. މިހާތަނަށް އާ ކޯޗެއް ހަމަޖައްސާފައިނުވާއިރު މި ވަގުތު ޓީމަށް ކޯޗުކޮށްދެނީ އެސިސްޓަންޓް ކޯޗު ސުޒައިރެވެ. އެކަމަކު މާދަމާ ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެސް އާ ކޯޗެއް ހަމަޖެހިދާނެ ކަމަށް ސުޒައިރު ވަނީ ބުނެފަ އެވެ.

ސުޒައިރު ބުނީ މި ދެ ދުވަހު ކުޅުންތެރިންގެ މޯޓިވޭޝަން ކުރިއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޓީމުގެ މޮޅު ކުޅުން އަލުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ލީގު އަޅުގަނޑުމެން އަތުން ގާތްގަނޑަކަށް ގެއްލިފައި މިއޮތީ. އަޅުގަނޑުމެންގެ ނެތް އެ ވިސްނުމެއް ވެސް މިހާރު. ބޮޑަށް މި މަސައްކަތްކުރަނީ ބާކީ އޮތް ހަތަރު މެޗުން ރަނގަޅު ނަތީޖާއެއް ނެރެން. އުއްމީދަކީ ދެން އެންމެ އަވަހަށް އޮތް އެފްއޭ ކަޕަށް ދާންވާއިރަށް މާޒިޔާގެ ކުރީގެ ކުޅުން ދެއްކޭ ފެންވަރަށް ދިއުން،" ސުޒައިރު ބުންޏެވެ.

އޭއެފްސީ ކަޕުގެ ޖާގަ ލިބެނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕުގެ ޗެމްޕިއަނުންނަށް ކަމަށްވާއިރު މި ދެ މުބާރާތް އެއް ޓީމަކުން ކާމިޔަބުކޮށްފި ނަމަ ދެ ވަނަ ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ޓީމަށެވެ. އެހެންވެ ލީގުގެ ދެ ވަނައިގެ މުހިއްމު ކަން ވެސް ބޮޑެވެ.

އެއް ވަނައިގައި 27 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު މާޒިޔާ އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބެވެ.