Roadha Mihaaru
މާޅޮސް އަތުން މޮޅުވެ މާޒިޔާ އަށް ހަމަޖެހުމެއް

މާޅޮސް އަތުން މޮޅުވެ މާޒިޔާ އަށް ހަމަޖެހުމެއް

31 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮސް އަތުން 6-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ހަމަޖެހުމެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮސް އަތުން 6-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ހަމަޖެހުމެއް ހޯދައިފި އެވެ.

ލީގުގެ ދެ ވަނަ ބުރުގައި މި މެޗުގެ ކުރިން މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އެއް މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގު ހޯދުމުގެ ފުރުސަތު މާޒިޔާ އަށް ހަނިވެފައިވާއިރު، މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު މާޒިޔާ ލީގުގެ ތިން ވަނައިގައި އޮތީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. މާޅޮސް ލީގުގެ ހަ ވަނައިގައި އޮތީ 11 މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

މާޒިޔާ މި މެޗަށް ނުކުތްއިރު އެ ޓީމުގެ ކޯޗުކަމުން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަކިކޮށްފައިވުމުން މި މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު އެވެ. މިއަދުގެ މެޗުގައި މާޒިޔާ އިން ފެނުނު އެންމެ ބޮޑު ބަދަލަކީ އަމްދާން އަލީ (އެންޑީ) ފުރަތަމަ އެގާރައިގައި ހިމެނިފައިނުވުމެވެ. އަދި ފުރަތަމަ އެގާރައިގައި ވަނީ އިސްމާއިލް އީސަ (މެސީ) އަށް ފުރުސަތު ދީފަ އެވެ.

ލީގުގެ ދެ ވަނަ ބުރު ފެށިގެން ރަނގަޅު ފޯމެއްގައި އޮތް މާޅޮސް މި މެޗަށް ނުކުތްއިރު އެ ޓީމުގެ ފަހަތަށް ކުޅޭ ބިދޭސީ ޑިފެންޑަރު ބޯޓެން ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އެ ޓީމުގެ ޑިފެންސަށް ކުޅުނީ އާންމުކޮށް މިޑްފީލްޑަރަކަށް ކުޅޭ މާޒިޔާގެ ކުރީގެ ކުޅުންތެރިއާ އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) އެވެ.

ތަފާތު ކުޅުމަކާ އެކު މެޗު ފެށި މާޒިޔާ އިން ވަނީ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާގެ ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ ނަަގައިދިން ހުރަސް އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނީ އެ ޓީމުގެ އީސަ އަށެވެ. އޭނާ ފޮނުވާލި ބޯޅަ މާޅޮހުގެ ޒުވާން ކީޕަރު އިބްރާހިމް ޒަމީރު (އިބޫ) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން މުހައްމަދު އުމެއިރު ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. އޭރިއާ ބޭރުން އުމެއިރު ހުރަހެއް ގޮތަށް ނަަގައިދިން ބޯޅަ ގޯލަށް ވަނީ ގޯލު ކުރިމަތިން ފެނުގައި ޖެހިފަ އެވެ. ކީޕަރު އިބޫ ވިސްނައިގެން ހުރީ އެ ބޯޅަ ޖަހަން އެރި އަސްހަދު އަލީ (އަޑޭ) ޖަހާނެ ކަމަށެވެ. އެހެން ނަމަވެސް ގޯލަށް އެ ބޯޅަ ވަނީ އަޑޭ ފައިގައި ނުޖެހި އެވެ.

އޭގެ މިނިޓެއް ފަހުން މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ ވެސް އުމެއިރު އެވެ. މެދުތެރެއިން ހުސްކޮށްލާފައި އުމެއިރު އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 10 ވަނަ މިނިޓްގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ކެރިޗް އެވެ. އީސަ ދިން ބޯޅަ އަކުން އޭރިއާ ތެރެއިން ކެރިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އިބޫ ފައިގައި ޖެހިފަ އެވެ.

އޭގެ ފަހުން މެޗުގެ 18 ވަނަ މިނިޓްގައި އުމެއިރު އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޅޮހުގެ ވާޑު (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މާޒިޔާ

މާޅޮހުގެ ވާޑު (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މާޒިޔާ

މެޗުގެ ފުރަތަމަ 25 މިނިޓަށް ފަހުން މާޅޮހުން މެޗުގެ ތެރެއަށް އައިސް ކުޅުން ރަނގަޅުކުރި އެވެ. އަދި މާޒިޔާ އޭރިއާ ތެރެއިން ރަނގަޅު ހަމަލާއެއް އުފައްދަން މަސައްކަތް ކުރި އެވެ. އެގޮތުން މާޅޮހަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް ފޮނުވާލި ބޯޅަ މާޒިޔާ ޑިފެންޑަރުން ބްލޮކްކުރި އެވެ.

މެޗުގެ 35 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ކެރިޗް ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތީގައި ހުރި މާޅޮހުގެ ޑިފެންޑަރު އަބްދުލް ވާހިދު (ވާޑު) ވަނީ ބޭރުކޮށްލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މުލަކޭ ފޮނުވާލި ބޯޅަ އަމާޒުވީ ތިރިތިރިން ގޮސް ގޯލުގެ ކަނަށެވެ.

ދެ ވަނަ ހާފް ފަށައިގެން ވިއްސާރަތެރޭގައި ކުޅެމުން ދިޔައިރު ފުރަތަމަ ފަސް މިނިޓް ތެރޭގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް މާޒިޔާގެ ކުޅުންތެރިންނަށް ލިބި ވަނީ ބޭކާރުވެފަ އެވެ.

އޭގެ ފަހުން މާޅޮހުން ކުރިއަށް ޖެހިގެން ރަނގަޅަށް ކުޅެން ފެށި އެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މިގޮތުން މުނޯޒް ފޮނުވާލި ދެ ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އަހުމަދު އާރިފް (އާރީ) ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މާޅޮހުގެ މެދުތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޒިޔާ އިން އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ކެރިޗް ހުސްކޮށްލާފައި ދިން ބޯޅައަކުން މި ލަނޑު ޖެހީ އަޑޭ އެވެ.

މާޒިޔާގެ ހަ ވަނަ ލަނޑު ޖަހަައި އުމެއިރު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މި ޕެނަލްޓީ އަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އަލީ ސަމްދޫހު އަށް މަޅޮހުގެ އޭރިއާ ތެރެއިން އެ ޓީމުގެ އަލީ ނާއިޒު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އިތުރު ލަނޑެއް ޖަހަން އުމެއިރަށް ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވީ ފޮނުވާލުން ލަސްކޮށްލުމުގެ ސަބަބުންނެވެ.

މެޗަށް ފަހު ސުޒޭރު ބުނީ މެޗުގައި ފެނިގެންދިޔައީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ.

"ފްރެޝްކޮށް ތިބެ މި ކުޅުންތެރިން އަމިއްލަ އަށް ދެއްކި ހިތްވަރު މިއީ. މި ކުޅުންތެރިންނަކީ ގައުމީ ޓީމަށް އަރާ ކުޅުންތެރިން ގިނައިން. ޕްރެޝަރެއް ނެތި ކުޅެލީމަ ތަފާތު ދައްކައިފި. ވަރަށް ހިތްހަމަ ޖެހިފައި މިތިބީ،" ސުޒޭރު ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ޝެޑިއުލަށް ގެނައި ބަދަލުގެ ސަބަބުން އެ ޓީމަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

"ހަގީގަތުގައި ޝެޑިއުލަށް މި އައި ބަދަލާ އެކު ހަތަރު ދުވަސް ދެ މެޗު ދޭތެރެއަށް މި ލިބެނީ އޭގެ ތެރެއިން ދެ ދުވަސް އެބަދޭ ޓްރެވަލް ކުރަން. ދެން މި މެޗުގައި އަޅުގަނޑުމެންގެ ޑިފެންޑަރު ބޯޓެން ވެސް ނެތް. ދެން މެޗަށް އަރައި ހަމަޖެހިލިއިރު މީނީ ތިން ގޯލު ވަދެފައި އެހިސާބުން ވަރަށް އުނދަގޫވެއްޖެ،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ ލީގުގެ ބާކީ އޮތް ތިން މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އެ ޓީމުން ކަނޑައަޅާފައިވާ ޓާގެޓް ކަމަށްވާ 10 ޕޮއިންޓް ހަމަކުރެވޭނެ ކަމަށެވެ.