Roadha Mihaaru
"ރާއްޖޭގެ ތަރައްގީއަށް ކަޅިއަޅާ ބަޔަކު އެބަ ތިބި"

ރާއްޖޭގެ ކުރިއެރުންތަކަށް ކަޅިއަޅާ ބަޔަކު އެބަ ތިބި: އާދަމް ޝަރީފް

05 ނޮވެމްބަރ 2017

ރާއްޖެއަށް އަންނަ ތަރައްގީ އާއި ކުރިއެރުންތަކާ މެދު ހަސަދަވެރިވެ، ބައެއް ގައުމުތަކުން ކަޅި އަޅަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް އަންނަ ތަރައްގީ އާއި ކުރިއެރުންތަކާ މެދު ހަސަދަވެރިވެ، ބައެއް ގައުމުތަކުން ކަޅި އަޅަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންނަށް ތައުލީމާއި ތަމްރީނު ދިނުމަށް އުފައްދާފައިވާ ޑިފެންސް ކޮލެޖްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަކީ ސުލްހަވެރި ގައުމެއް ކަމަށް ވިޔަސް ރާއްޖެއާ މެދު އެކި ދުވަސްވަރު އެކި ގައުމުތަކުން އެކި ގޮތަށް ދެކެމުން ދާ ކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަ މިއައީ ރާއްޖޭގެ މަސްރަހާ މެދު އިންޑިއާ އާއި އެމެރިކާ އިން މަޝްވަރާކޮށްފައި ވަނިކޮށެވެ. އަދި ޑިމޮކްރަސީއާ ދުރު އަމަލްތައް ސަރުކާރުން ހިންގާތީ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓުން ގަރާރެއް ވެސް ފާސްކުރި ދުވަސްވަރެއްގަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ރާއްޖެ ބަދަލުވެ، މިނިވަންކަން ލިބުމާ އެކު ތަރައްގީވާން ކުރާ މަސައްކަތަށް އަބަދުވެސް ބަޔަކު ކަޅި އަޅަ އެވެ. އެކަންކަން ބަލައި، ދިރާސާ ކުރުމަކީ ޑިފެންސް ކޮލެޖަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެއަށް އެކި ގޮތްގޮތުން ބޭރުގެ ނުފޫޒުތައް ވަންނަނީ ރާއްޖޭގެ މާހައުލުގައި ކޮން ކަހަލަ ސިފަތަކެއް ފެންނަން ހުންނަ ދުވަސްވަރެއްގައިތޯ ބެލުމަށްޓަކައި ރާއްޖޭގައި ހުރި އެހެން ގައުމީ ޔުނިވާސިޓީތަކާ ގުޅިގެން ދިރާސާއެއް ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަން ވެއްޖެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ނުފޫޒުގެ ނުރައްކާ އޮތުމުން އެކަމަށް ދުރާލާ ތައްޔާރުވާން ޖެހެ އެވެ. އަދި ސިފައިން ވެސް އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށާއި ސަބަބަކީ ގައުމަށް ކުރާ ނޭދެވޭ ކޮންމެ އަސަރެއްގެ ބުރަ ސިފައިން އުފުލަން ޖެހޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަންކަމަކީ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އަސްކަރިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ތަމްރީނުތަކުގައި ދުރާލާ ވިސްނައި، ވަރަށް ސްޓްރެޓީޖިކް ކޮށް ކުރައްވަން ޖެހޭ މަސައްކަތްތަކެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.