Roadha Mihaaru
އިޓަލީގެ ތަރި ޕިރްލޯގެ ކެރިއަރަށް ނިމުން އަތުވެއްޖެ

22 އަހަރަށް ފަހު ޕިރްލޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

06 ނޮވެމްބަރ 2017

ނިއު ޔޯކް ސިޓީ (ނޮވެމްބަރު 6) – ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު އިޓަލީގެ އަންދްރޭ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ނިއު ޔޯކް ސިޓީ (ނޮވެމްބަރު 6) – ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު އިޓަލީގެ އަންދްރޭ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީ އަށް އިއްޔެ ކުޅެދިން ފަހު މެޗަށް ފަހު ޕިރްލޯ ބުނީ ނިމުން އައީ ހަމައެކަނި ނިއު ޔޯކުގައި އޭނާ ކުރަމުން އައި ތަޖުރިބާއަށް ނޫން ކަމަށައި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރަމުން އައި ދަތުރަށް ވެސް ނިމުން އަތުވެއްޖެ ކަމަށެވެ.

އޭނާ އެ ޓީމަށް ކުޅެދިން ފަހު މެޗަކީ އެމްއެސްއެލް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ކޮލަމްބަސް ކްރޫ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ނިއު ޔޯކް މޮޅުވި މެޗެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕިރްލޯ 90 ވަނަ މިނެޓުގައި އެރިއިރު، ދެ ލެގުގެ އެގްރިގޭޓުން 4-3 އިން ނާކާމިޔާބީއާ ކުރިމަތިވެ ނިއު ޔޯކަށް ވަނީ ސީޒަން ނިމިފަ އެވެ.

އުމުރުން 38 އަހަރުގެ ޕިރްލޯ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ޑިފެންސް ލައިނުގެ ކުރިމަތީގައި ހުރެ އެޓޭކް އުފައްދާ، ޑީޕް-ލައިން ޕްލޭމޭކާގެ ރޯލަކީ ޒަމާނީ ފުޓްބޯޅައިގައި އޭނާ އުފެއްދި މަގާމެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މަޑުމައިތިރިކަމާ އެކު ހަމަޖެހިލައިގެން، ދިގު ޕާސްތައް ޖަހައިގެން އޭނާ އުފައްދާ ކުޅުމަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ އޮހިފަ އެވެ. ޕިރްލޯ އަކީ ހިލޭ ޖެހުންތަކަށް ވެސް އެފަދަ ދެ ވަނައެއް ނެތް ކުޅުންތެރިއެކެވެ.

އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ އެކު 2000 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ޕިރްލޯ ވަނީ އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔަބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވެ ތަށި ހޯދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދި އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އިޓަލީ ދަތުރުކުރިއިރު ވެސް ތަފާތު ދެއްކި އެވެ. އިޓަލީ ގައުމީ ޓީމަށް 2002 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ޕިރްލޯ ވަނީ 116 މެޗު ކުޅެދީފަ އެވެ.

ކްލަބް ކެރިއަރު 1995 ވަނަ އަހަރު ބްރެޝިއާ އިން ފެށި ޕިރްލޯ ވަނީ 1998 ވަނަ އަހަރު އިންޓަ އަށް ބަދަލުވެފަ އެވެ. އެ ކްލަބުގައި އެކަށީގެންވާ ފުރުސަތު ނުލިބުމުން 2001 ވަނަ އަހަރު ވާދަވެރި އޭސީ މިލާނަށް ބަދަލުވެ ކެރިއަރުގެ މިސްރާބު ބަދަލުކޮށްލި އެވެ. އެ ޓީމަށް 2011 ވަނަ އަހަރުގެ ނިޔަލަށް ކުޅެ 2003 އާއި 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި އިޓާލިއަން ލީގާއި ޔުއެފާ ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށް އިޓާލިއަން ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.

އޭނާގެ ތަރި އޮއްސުނީ ކަމަށް ބެލެވިފައި ވަނިކޮށް 2011 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ އަނެއްކާ ވެސް ތަފާތު ދައްކަން ފެށި އެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އޭނާ ކެރިއަރުގެ ފަހު ކްލަބް ކަމަށްވާ ނިއު ޔޯކް ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.

ކެރިއަރުގެ ރަން ދުވަސްވަރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީ އަށް ވެސް ބަދަލުވުމާ ގާތަށް ދިޔަ ޕިރްލޯ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު ހުރިހާ ކްލަބަކަށާއި އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ.