Roadha Mihaaru
ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި

ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި

08 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން، އެރަށު މަށިކުޅިން ހިއްކާ ސަރަހައްދާއި ނުހިއްކާ ސަރަހައްދު ވަކިކުރަން ބަންޑު ވޯލް ޖަހަން ފަސް އަޅަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން، އެރަށު މަށިކުޅިން ހިއްކާ ސަރަހައްދާއި ނުހިއްކާ ސަރަހައްދު ވަކިކުރަން ބަންޑު ވޯލް ޖަހަން ފަސް އަޅަން ފަށައިފި އެވެ.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީގެ ތިމާވެށީގެ ގޮތުން މުހިންމު ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން، ރަށުގެ ވަރަށް މަދު މީހަކު ނޫނީ، ތާއީދުކުރެ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާތަކާއި އާންމު ބައެއް މީހުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކުޅީގެ އުތުރު ފަރާތުން މެދެއްހާ ހިސާބަށް ފަސް އަޅައި އަށް ފޫޓު ފުޅާމިނުގެ ބަންޑު ވޯލް ޖަހާފައިވާ ކަމަށެވެ.

ބަންޑު ވޯލަކީ ހިއްކާ ސަރަހައްދު ވަށައިގެން ލާ ވަގުތީ ތޮއްޓެކެވެ.

"ތިން ބައިކުޅަ އެއް ބަޔަށް ބަންޑު ވޯލް ޖަހައިފި. ކުޅީގެ މެދެއްހާ ހިސާބަށް ބަންޑުވޯލް ވަނީ އަޅާފައި މިހާރު،" ލަތީފު ވިދާޅުވި އެވެ.

މޫދުން ހިއްކާ ހަ ހެކްޓަރުގެ ސަރަހައްދުގައި ބަންޑު ވޯލް ޖަހައި ވަނީ ނިންމާފަ އެވެ.

ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ކުޅުދުއްފުށީ ކުޅި އާއި ފަޅުން ބައެއް ހިއްކަނީ އެމްޓީސީސީގެ 35 މިލިއަން ޑޮލަރުގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.