Roadha Mihaaru
ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ: އެމްޑީޕީ

ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ، ދައްކަނީ ދަޅަ: އެމްޑީޕީ

13 ނޮވެމްބަރ 2017

ސަރުކާރުން ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ދަޅަ ދައްކަމުންދާ ކަމަށާއި އެ ރަށުގައި އެއާޕޯޓެއް ނާޅާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިއްޔެ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ދަޅަ ދައްކަމުންދާ ކަމަށާއި އެ ރަށުގައި އެއާޕޯޓެއް ނާޅާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިއްޔެ ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި އެހެން ބުނި ނަމަވެސް ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ އޮގަސްޓްމަހު ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ފައިސާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް، ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް 2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތު ވެގެންދާ އިރު އެކަން ނުކުރައްވާ ހުންނެވި ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ މަގްސަދަކީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކައި، ކުޅުދުއްފުށީ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުނެއް އެޅުވުން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމަށް ގެނައި ކޮންނަ ބޯޓު، މަހާ ޖައްރާފު. - ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމަށް ގެނައި ކޮންނަ ބޯޓު، މަހާ ޖައްރާފު. - ފޮޓޯ: ރައީސް އޮފީސް

"ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް މިފަދަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާކަމީ މި ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ. އަދި ރައްޔިތުންނާ މެދު އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ކުޅުދުއްފުށީގެ ތަރައްގީގެ ތަސައްވަރެއް އެ ޕާޓީގެ އެބައޮތެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީ އަށް ވެފައި، އެމްޑީޕީގެ ތަރައްގީގެ ޕްލޭންގައި ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް ކަމުގައި ވުމުން، ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްގީ ކުރުމަކީ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއްބައި ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"މި ޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނ ބަހާ އެކުގައި ކަމުގެ ޔަގީންކަން އަރުވަމެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ގާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރައީސް ޔާމީން އިއްޔެ ވަނީ ފައްޓަވައި ދެއްވައިފަ އެވެ. ކުޅުދުއްފުށީގެ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ކުޅިން ބައެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ހިއްކާނެ އެވެ.