މާލެ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށް ކަމަށާއި އެހެންވެ، ހުރިހާ ރަށަކުން ވެސް މީހުން މާލޭގައި ދިރިއުޅެން އަންނަން ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
19 ނޮވެމްބަރ 2017
މާލެ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށް ކަމަށާއި އެހެންވެ، ހުރިހާ ރަށަކުން ވެސް މީހުން މާލޭގައި ދިރިއުޅެން އަންނަން ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 80،000 މީހުންނަށް ދިރިއުޅެވޭ ގޮތަށް އާރާސްތު ކުރާ ބިޔަ ހައުސިން މަޝްރޫއު ފަށަން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް މާލޭގައި ހިންގަމުން އަންނަ ކަމަށާއި އެހެންވެ، ހުރިހާ ރަށަކުން ވެސް މީހުން މާލެ އައުމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިން ރަށްރަށުން މީހުން މާލެ އައުމަކީ ދަތިކަމެކެވެ. ކުޑަ ސިޓީ ހައްދައިގެން މީހުން މާލެ އެރި ޒަމާނެއް ވެސް ދިޔަ ކަމަށާއި އެކަމަކު މާލެ އަކީ ހުރިހާ އެންމެންގެ ރަށް ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.
"މި ރައީސް މި ބުނަނީ ހުރިހާ ރަށަކުން އަންނާށޭ މާލެއަށް... ރަށްރަށުން އެކި އުމުރު ފުރައިގެ މީހުން މިއަދު މާލެ އަންނަންވީ. މިއީ ހުޅުވާލެވިފައިވާ ދައުވަތެއް،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ވަނަ ސަހަރެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން ނިންމީ މާލެ އަކީ އެންމެންގެ ރަށަކަށް ވާތީ، މާލެ އިތުރަށް ތަރައްގީކޮށް، ހިތްފަސޭހަކަން ގެންނަން ކަމަށެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ރައީސް ޔާމީންގެ ދެކަނބަލުން ބިންގާ އަޅުއްވައިދެއްވަނީ .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ 62 ޓަވަރު ހަދާއިރު އެ އިމާރާތްތައް ކުރަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. އެކަމަކު އެތަންތަނުގެ މުވައްޒަފުންނެކޭ އެއްގޮތަށް އާއްމުންގެ ގިނަ ބަޔަކަށް ވެސް އެ އިމާރާތްތަކުގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ޓަވަރެއްގެ އެއްބައިން އާއްމުންނަށް ޖާގަ ލިބޭ އިރު އަނެއް ބައި ހާއްސަކުރަނީ އެ ޓަވަރެއް އަޅާ ކުންފުނީގެ މުވައްޒަފުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުރިއަށް އޮތް މަދު އަހަރެއްގެ ތެރޭގައި ލައްކައެއްހާ މީހުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 19 ރަށެއްގައި ވެސް މިހާރު ބޯހިޔާވަހިކަމުގެ އެކިވަރުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އިތުރު ރަށްރަށުގައި އެފަދަ މަަޝްރޫއުތައް ފަށަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ ހުޅުމާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނިމުމުން، އެމަނިކުފާނު ވިދާޅުވީ، ޖުމްލަ ދެ ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވަހިކަމެވެ. އަދި އުޅޭނެ ތަނެއް ނެތުމަކީ ވާބަލި ފަދަ ވޭން ހުރި، ދިގުލައިގެން ދާ ބަލިތައް ފިޔަވައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބޯހިޔާވަހިކަން ނެތުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރަށް ވާރުތަވާ ކަމެއް ކަމަށެވެ. އެހެންވެ، އިހްލާސްތެރި ސަރުކާރަކުން ރައްޔިތުންގެ އެ ބޭނުން ފުއްދައިދޭން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޓަވަރު އެޅުމަށް ސަރުކާރުގެ 22 ކުންފުންޏަކަށާއި އަމިއްލަ ދެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފަ އެވެ. އަދި އަންނަ އަހަރު އޭގެ ތެރެއިން ބައެއް ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށާއި ހުރިހާ އިމާރާތްތަކުގެ މަސައްކަތް 2019 ވަނަ އަހަރު ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއު ރޭ ފައްޓަވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ކުންފުނިތަކުގެ މުވައްޒަފުންނެވެ.
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި
ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި
ހިޔާ މަޝްރޫއުގެ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓު ނެރެފި