Roadha Mihaaru
އެއް ކެންޑިޑޭޓަކު ނެރޭއިރު ސަމާލުވާންޖެހޭ: އަމީން

އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރޭއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ: އަމީން

16 ނޮވެމްބަރ 2017

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރޭއިރު، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެ ކެންޑިޑޭޓަކަށް ކުރިމަތިވެދާނެ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރޭއިރު، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެ ކެންޑިޑޭޓަކަށް ކުރިމަތިވެދާނެ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަމީން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި އެހެން ވިދާޅުވިއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމަށާއި އެ ބޭފުޅަކު ކަނޑައަޅާނީ އެ ހަރަކާތުގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް މިއަދު ނިންމައިފަ އެވެ. އަދި އެމްޑީޕީގެ އެ ނިންމުން އިދިކޮޅު ހަރަކާތުގެ އެހެން ޕާޓީތަކަށް ހުށަހަޅަން ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.

އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރުމަށެވެ. އެކަމަކު ކެންޑިޑޭޓް ކަނޑައަޅާނެ އުސޫލެއް އަދާލަތުން އަދިއެއް ނުނިންމަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އަމީން ވިދާޅުވީ އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރޭއިރު، ހުރިހާ ބާރުތަކެއް އޮތީ ސަރުކާރުގައި ކަމަށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތައް ވެސް ވަނީ ރައީސް ޔާމީނާ އެކީގައި ކަމަށް ބެލެވޭއިރު، ވަރަށް ފުޅާކޮށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް އެންމެ ރައްކާތެރީ އަޅުގަނޑުމެން އެންމެންގެ ނަމުގައި އެންމެ މީހަކު ނުކުމެގެން މިކަން ކުރުންތޯ؟ ކުރާ ހިސާބުން ދެން ވާނީ ކިހިނެއްތޯ؟ އަދި އެ ހާލަތަށް އަޅުގަނޑުމެން ދާއިރެއްގައި ދެން އެއިން ސަލާމަތްވުމަށްޓަކައި ދެން އަޅަން ޖެހޭނީ ކޮން ފިޔަވަޅެއްތޯ؟ އަޅުގަނޑު ދެކޭގޮތުގައި މި ކަންތައްތަކަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ،" އަމީން ވިދާޅުވި އެވެ.

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ލަންޑަނުގައި

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ލަންޑަނުގައި

ނަމަވެސް އޭނާ ވިދާޅުވީ ރައީސް ޔާމީން ބަލިކުރުމުގެ އެންމެ ރަނގަޅު ފޯމިއުލާ އަކީ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުން ކަމުގައިވާ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ޕާޓީތަކުން ވަކިވަކިން ވާދަކޮށްގެން ކަމަށް ވިޔަސް އެ ފުރުސަތު އޮންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"މިއިން ކޮންމެ ހާލަތަކީ ވެސް މި ތިއްބެވި ހަތަރު ސިޔާސީ ލީޑަރުން އެއްތަންވެ ވަޑައިގެން ވަރަށް ރަނގަޅަށް ނިންމަވާނެ ނިންމެވުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ވާދަކޮށްގެން، ސައްހަ އިންތިޚާބެއް ބޭއްވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މިދިޔަ ދުވަސްތަކުގެ ތަޖުރިބާ އިން އެކަން ފާހަގަވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ހަރަކާތުގެ ތެރެއިން އެއް ކެންޑިޑޭޓަކަށް ވުމަށް ލީޑަރުން މަސައްކަތް ކުރެއްވުމަކީ އެ ހަރަކާތުގެ ބަދަހިކަމާއި ހަރުދަނާކަން ސާބިތުވާ ކަމެއް ކަމަށެވެ.

އަމީން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކަނޑައަޅަން އެ ޕާޓީގެ ސަޕޯޓަރުން މަސައްކަތް ކުރާއިރު، ޖުމްހޫރީ ޕާޓީ އަށް ތާއީދުކުރާ މީހުންނާއި އިސްލާހަށް މަސައްކަތް ކުރާ ވަރަށް ގިނަ މީހުން ބޭނުންވާނީ އެ ޕާޓީން ލީޑަރު ގާސިމް އިބްރާހީމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް ކަމަށާއި އެ ޒިންމާއިން އޭނާ އަށް ރެކިވަޑައިނުގެންނެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުތަށް ފަހުން އިސްލާހު ގެނެސްފައިވާތީ، ގާސިމަށް ވަނީ އަންނަ ރިޔާސީ އިންތިޚާބަށް ނުކުންނެވުމުގެ ދޮރު ބަންދުވެފަ އެވެ. އަދި އޭނާ ވެސް ހުންނެވީ ދިގު މުއްދަތުގެ ޖަލު ހުކުމެއްގަ އެވެ. އެކަމަކު މިހާރު ހުންނެވީ ބޭސްފަރުވާ އަށް ސިންގަޕޫރުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

އިދިކޮޅު ހަރަކާތްތަކުން ބާއްވާ ތަފާތު ހަރަކާތްތަކުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ބުނެ އެ ޕާޓީން އެމަނިކުފާނު ޕްރޮމޯޓް ކުރާއިރު، ދެން ތިއްބެވި ތިން ލީޑަރުންގެ ފަރާތުން އެފަދަ ވާހަކައެއް އަޑު ނީވެނީ ނުވަތަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޕްރޮމޯޓް ނުކުރައްވަނީ ކީއްވެގެންތޯ ދެންނެވުމުން އަމީން ވިދާޅުވީ އެއީ "އަޅުގަނޑުމެންގެ އަމިއްލަ ޖަލްސާތަކެއް" ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވެސް މިހާތަނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ތަފާތު ޚަބަރުތަކުން މިހާރު އެނގޭ ގޮތުން ނަމަ އެ މަގުން ދަތުރު ކުރައްވަން ނަޝީދު ވެސް ބޭނުންފުޅުވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް އަދި އަޅުގަނޑަކަށް ވެސް ގަބޫލެއް ނުކުރެވޭ، ގުޅިގެން މި ބާއްވާ އިވެންޓްތަކުގައި އަޅުގަނޑުމެންގެ ލީޑަރު [ގާސިމް] ގެ ޕްރޮމޯޝަން އެގޮތަށް ޖައްސަން ޖެހޭ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް މިހާރު ބޭނުންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ އިޚުލާސްތެރި ނިންމެވުމެވެ.

"އެބޭފުޅުންގެ އަމިއްލަ އެދުންތައް އެއްފަރާތަށް ޖައްސާފައި، ގައުމު އިސްކުރައްވައިގެން، ގައުމަށްޓަކައި ނުކުންނަވައިގެން ގައުމަށް އެ ނިންމަވާ ނިންމެވުން އެއީ ވަރަށް މުހިންމު ނިންމެވުމަކަށް ވާނެ. އެ ނިންމެވުން އެންމެ ރަނގަޅަށް ނިންމެވޭނީ އެ ހަތަރު ބޭފުޅުން ކޮންވެސް ސިފައެއްގައި މިނިވަން ވުމުގެ ފުރުސަތު ވެސް ލިބިގެން،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ބަނދެވިގެން ތިބެ ނިންމާ ނިންމުމަކީ ތަންކޮޅެއް އުނދަގޫ ނިންމުމަކަށް ވާނެ. އަދި އެންމެ ރަނގަޅު ނިންމުމަކަށް ނުވެ ވެސް ހިނގައިދާނެ. އެކަމަކު ގައުމަށްޓަކައި ހަތަރު ބޭފުޅުން ގައުމަށްޓަކައި ވަރަށް ރަނގަޅަށް ވިސްނަވާފައި މި ނިންމެވުން ނިންމަވާނީ. އަދި ޕާޓީތަކުން އެކީގައި މަސައްކަތް ކުރުމުގެ ރޫހު ގެންގުޅުއްވި ނަމަވެސް އެ ހިސާބަށް ދާއިރު ވަރަށް ހަރުދަނާ ސިފަތަކެއް އޭގެ ތެރޭގައި ކުރިއަށް ނެރުއްވާނެ."

އަމީން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން އަދި ނުނިމޭނެ ކަމަށާއި ވެރިކަން ކުރެވޭނީ ދެން ކުރިމަތިވާ ޕްރެޝަރުތަކާ ކުރިމަތިލައި، އެކަންކަން މެނޭޖް ކުރެވޭނެ ބޭފުޅަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމަށް ވުރެ އުނދަގޫ ދަނޑިވަޅަކީ ވެރިކަން ދަމަހައްޓައި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރެވޭނީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އަންނަ ފިއްތުންތަކާ ކުރިމަތިލާން ކެރިވަޑައިގަންނަވާ ބޭފުޅަކަށް ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ބަލާނަމަ ޕެނަލްޓީ ޝޫޓަރުގެ ގޮތުގައި ކޯޗު ހޮވަނީ އެންމެ ބާރަށް ބޯޅަ ޖަހައި، އެންމެ މޮޅު މީހާއެއް ނޫން. އެކަން ކުރުމަށް އެންމެ ފިޓު މީހާ. ހަމައެގޮތަށް، ސިޔާސީ މަސްރަހުގައި ވެސް ރާއްޖޭގައި ވެރިކަން ކުރެވޭނީ [އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު] އެންމެ ހިތްވަރު ގަދަ، އެންމެ ހުޝިޔާރު މީހަކަށް. އަންނަ ޕްރެޝަރުތައް މެނޭޖުކުރަން އެނގިގެން" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ހަތަރު ޕާޓީގެ ލީޑަރުންގެ ތެރެއިން ހޮވަން ޖެހޭނީ އެ ޕްރެޝަރާ އެންމެ ރަނގަޅަށް ކުރިމަތިލާން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ.

ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމި، އެ މަނިކުފާނު ފައިބައިވަޑައިގަންނަވާއިރު ގައުމު އޮންނާނީ "ބިސްވަޅުން 200 ވަރަކަށް ވެލާ ފައިބައިގެން ދާއިރު މުޅި ހިސާބުގަނޑު ފަސްބާޑި ޖަހާފައި" އޮންނަ ގޮތަށް ކަމަށެވެ. އަދި އެ ފަސްބާޑި އޮމާންކޮށް، ދަރަނިތައް ދައްކައި ބަޖެޓް އެކުލަވާލައި، ގައުމު ވެއްޓިފައިވާ އިޖްތިމާއީ އާއި އިގްތިސޯދީ އަދި ސިޔާސީ ވަޅުގަނޑުން ސަލާމަތް ކުރުމަށް ވަރަށް ހިތްވަރު ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ކުނޫޒުގައި ކުރިއަށް ދަނީ: އަންނަ އިންތިހާބު ކާމިޔާބު ކުރެވޭނީ ވަރަށް ހުޝިޔާރު މީހަކަށް ކަމަށް އަމީން ވިދާޅުވި

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ކުނޫޒުގައި ކުރިއަށް ދަނީ: އަންނަ އިންތިހާބު ކާމިޔާބު ކުރެވޭނީ ވަރަށް ހުޝިޔާރު މީހަކަށް ކަމަށް އަމީން ވިދާޅުވި

މިއީ ވަރަށް "ހުޝިޔާރު އަދި އެ ހާލަތަކަށް އެންމެ ރަނގަޅަށް އެޖެސްޓު ކުރެވޭނެ" މީހަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރުމާމެދު ކޮންމެ ޕާޓީއަކުން ވެސް އެ ބައެއްގެ ރައުޔު ނެރެމުން އަންނައިރު ޖޭޕީއަކުން އަދި މިކަމަކާ ދޭތެރޭ ވަކި ގޮތެއް ނުނިންމަ އެވެ. އެކަމަކު އަމީން ވިދާޅުވީ ޕާޓީތެރޭ މަޝްވަރާ ކުރުމަށް ފަހު އެގޮތް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ އިދިކޮޅު ހަތަރު ލީޑަރުން އޭނާ ސިފަ ކުރެއްވީ ފުޓުބޯޅަ ޓީމެއްގެ އެންމެ މޮޅު ހަތަރު ފޯވާޑުންގެ ގޮތުގަ އެވެ. އެ ހަތަރު ފޯވަޑުން އެއް ޓީމަކަށް ލައިގެން ކުޅޭއިރު މަގްސަދަކީ އިދިކޮޅު ޓީމު ބަލި ކުރުން ކަމަށާއި އެކަމަކު ކޮންމެ ކުޅުންތެރިއެއްގެ ވެސް ވަކިވަކި ހުނަރު ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ބޯޅަ ވަކި ކުޅުންތެރިއަކަށް ދޭން ކޯޗު ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެ ކުޅުންތެރިޔާ ބޭނުން ވެދާނެ އޭނާއަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން އަމިއްލައަށް ގޯލު ޖަހަން ވެސް." ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއަކުން ކުރިމަތިލާ ކެންޑިޑޭޓު ހޮވުމަށް މަސައްކަތް ވެސް ކުރާނެކަން ފާހަގަކޮށް އަމީން ވިދާޅުވި އެވެ.