Roadha Mihaaru
މާޅޮސް ބަލިކޮށް ޓީސީން ނިއުގެ ފަހަތުގައި ވިއްދައިފި

މާޅޮސް ބަލިކޮށް ޓީސީން ނިއުގެ ފަހަތުގައި ވިއްދައިފި

05 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ފަހަތުގައި ވިއްދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ފަހަތުގައި ވިއްދައިފި އެވެ.

ނިއު ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓާ ހަމަކޮށްގެންނެވެ. ޓީސީ ވަނީ މިރޭގެ މޮޅާ އެކު 12 މެޗުން 29 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި މާދަމާ ހަވީރު ދ. ކުޑަހުވަދޫ އަތުން ނިއު މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި އެ ޓީމަށް އަލުން ހަތަރު ޕޮއިންޓުގެ ލީޑު ލިބޭނެ އެވެ.

ޓީސީ އަށް މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަދި މާޅޮހުގެ ފަހަތަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ނާއިޒު ވެސް ވަނީ ސަސްޕެންޑްވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ޓީސީ އަށް ލީޑުނަގައިދިނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސ. ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

އޭގެ ތިން މިނިޓް ފަހުން ލީޑުފުޅާކުރަން އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މާޅޮހުގެ ޒުވާން ކީިޕަރު އިބްރާހިމް ޒަމީރު (އިބޫ) ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 16 ވަނަ މިނިޓާއި 22 ވަަނަ މިނިޓްގައި ފޭދޫ އިއްބެ ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު އިބޫ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ޓީސީގެ ފަހަތުން އަހުމަދު ޒާދު އަށް ހެދުނު ގޯހެއްގެ ފައިދާނަގަން މާޅޮހަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ލިބުނު ބޯޅަ އޭނާ އަތުން ގެއްލުނީ ލަސްކޮށްލުމުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ ލީޑުފުޅާކުރަން ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

މާޅޮހުގެ މުނޯޒް (ވ) ހުއްޓުވަން ޓީސީގެ ޒާދު މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޅޮހުގެ މުނޯޒް (ވ) ހުއްޓުވަން ޓީސީގެ ޒާދު މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި މާޅޮހުގެ މުނޯޒް ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން މާޅޮހުގެ އަހުމަދު އާރިފް (އާރީ) ދިން ބޯޅައަކުން މުނޯޒް ފޮނުވާލި ހަމަލާ ބާރެއް ނެތުމުން ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން ވަނީ ބޯޅަ އަތަށް ނަގައިފަ އެވެ.

ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޓީސީގެ އަލީ ނާފިއު (ކަޅޭ) ވަނީ ކުޅެން އަރުވައިފަ އެވެ. ޓީސީން މެޗުގެ ފަހު ހާފުގައި ވެސް ގިނަ އެޓޭކްތަކެއް ކުރި އެވެ.

މާޅޮހުން ވެސް ދިޔައި ލިބޭ ފުރުސަތުތަކުގައި ޓީސީ އަށް ނުރައްކާ ކުރަމުންނެވެ. އެކަމަކު މުނޯޒަށް ލިބޭ ބޯޅަތަކުގެ ބޭނުން އެ ޓީމަށް ނުހިފުނީ އެޓޭކުގައި ގިނަ ކުޅުންތެރިންނަށް ބައިވެރިނުވެވުމުންނެވެ.

މާޅޮހުގެ ކޯޗު އަލީ ނިސްތާރު ބުނީ ޝެޑިއުލަށް ގެނައި ބަދަލާ ގުޅިގެން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ހަތަރު ދުވަހުން މެޗެއް ކުޅެން ޖެހޭއިރު ރަށުގައި ތިބެފައި އަންނައިރު މި ލިބެނީ ދެ ޕްރެކްޓިސް ވަރު. މި މައްސަލަ މި ދިމާވަނީ. މިއީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު ޑިސެޑްވާންޓޭޖެއް. އެ ވަރުބަލިކަން މި ފެންނަނީ،" ނިސްތާރު ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ތިން ޕޮއިންޓަށް ޓާގެޓްކޮށްގެން ނުކުތީ. ދެން ކައިރިކައިރީގައި މެޗު ކުޅޭއިރު ފަސޭހަ ނުވާނެކަން ވެސް އެނގޭ. ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިދިނިން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ފަހު ލީގު ބްރޭކަކަށް ދިޔަސް ޓީސީ އަލުން އަންނައިރު ދެން އޮތީ މުހިއްމު މެޗެއް ކަމަށް ވުމުން ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.