Roadha Mihaaru
އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ފަށައިފި

އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ފަށައިފި

18 ޑިސެމްބަރ 2017

ރާއްޖޭން ދުބާއީގައި ބާއްވާ މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) މިއަދު އިފުތިތާހުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭން ދުބާއީގައި ބާއްވާ މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) މިއަދު އިފުތިތާހުކޮށްފި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓް ފޯރަމް ފައްޓަވައި ދެއްވީ ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރީ އެވެ. މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރާއްޖެ އާއި ދުބާއީ ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ފޯރަމްގައި، ނައިބު ރައީސް ޖިހާދު ވަނީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމެންޓުތަކެއް ވަނީ އައިސްފަ އެވެ. އަދި އިންވެސްޓްމެންޓުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެ އަށް ކުރިއެރުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ދުބާއީގެ އިކޮނޮމިކް މިނިސްޓަރު މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދުބާއީގެ އިކޮނޮމިކް މިނިސްޓަރު މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދުބާއީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ދާއިރާތަކަށް އިންވެސްޓް ކުރުމަށް އެ ގައުމުން ޝައުގުވެރިވާ ކަމަށެވެ. އެކަމުން، ރާއްޖެއަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެއާ ގުޅިގެން ވިޔަފާރިފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފެށި ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމްގައި 350 މީހުން ބައިވެރިވެފައިވެ އެވެ. ފޯރަމްގައި ގިނައިން ބައިވެރިވެފައި ވަނީ ދުބާއީގައި ހަރަކާތްތެރިވާ އެ ގައުމުގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކެވެ.

އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފޯރަމްގައި، ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނެ އެވެ. އަދި ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ދޭނެ އެވެ.

މީގެ ކުރިން ރާއްޖޭން ތިން އިންވެސްޓްމެންޓް ފޯރަމް ބޭއްވި އެވެ. އެގޮތުން މިިދިޔަ އަހަރު އިންޑިއާގައި އެ ފޯރަމް ބޭއްވިއިރު، 2015 ގައި ޗައިނާގައި، 2014 ގައި ސިންގަޕޫރުގައި ފޯރަމް ބޭއްވި އެވެ.