Roadha Mihaaru
ތަރައްގީގެ ރާސްތާ ވަރަށް އުޖާލާ: ނައިބު ރައީސް

ތަރައްގީގެ ރާސްތާ ވަރަށް އުޖާލާ، މިއީ އިންވެސްޓްކުރަން ފަހި ވަގުތެއް: ނައިބު ރައީސް

18 ޑިސެމްބަރ 2017

ރާއްޖޭގެ ތަރައްގީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި މިއީ އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ފަހި ވަގުތު ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު، ދުބާއީގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ތަރައްގީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި މިއީ އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ފަހި ވަގުތު ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު، ދުބާއީގައި، ވިދާޅުވެއްޖެ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ފެށި ރާއްޖޭގެ ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް 14 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް އައިސްފައިވާ ކަމަށެވެ. އަދި އަމާޒަކީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ރާއްޖެ ހެދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދުބާއީގައި މިއަދު ފެށި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ދުބާއީގައި މިއަދު ފެށި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އައިކަން ފާހަގަކުރައްވައި ޖިހާދު ވިދާޅުވީ އިގްތިސާދު ހަ ޕަސަންޓަށް ކުރިއަރާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، ބޮލަކަށް ޖެހޭ މިންވަރު 8،933 ޑޮލަރަށް (137،745ރ.) އަށް އެރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންވެސްޓަރުންނަށް ބުނެލަން ބޭނުންވަނީ ރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައޭ. އިންވެސްޓްމަންޓުތައް ރައްކާތެރިކުރެވޭނޭ. ރާއްޖެ އިން ބޭނުންވަނީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ހަދަން. ރާއްޖޭގައި އިންވެސްޓް ކުރަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނޯންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް މަނެޓަރީ ފަންޑު (އައިއެމްއެފް) ފަދަ މާލީ ޖަމިއްޔާތަކުން ނެރެމުން އަންނަ ރިޕޯޓުތަކަށް ބަލާއިރު ރާއްޖެ މިހާރު އިގްތިސާދީ ގޮތުން ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭ ކަމަށެވެ. އެގޮތުން ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓްގެ އިތުރުން ދަތުރުފަތުރާއި ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ކުރިއަރަމުންދާކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ބޮޑެތި އަމިއްލަ އިންވެސްޓްމަންޓުތަކެއް މިހާރު ވެސް ދަނީ ހިނގަމުން. ޓޫރިޒަމް ދާއިރާ އާއި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން، ހޮސްޕިޓަލް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ޖިހާދުގެ ވާހަކަފުޅުގައި ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމާއި ސިއްހީ ދާއިރާއާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިން މިނިސްޓަރު ސައީދާއި ދުބާއީގެ އިކޮނޮމިކް މިނިސްޓަރު ފޮތެއް ބައްލަވާލައްވަނީ. - ފޮޓޯ: ރައީސް އޮފީސް

އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިން މިނިސްޓަރު ސައީދާއި ދުބާއީގެ އިކޮނޮމިކް މިނިސްޓަރު ފޮތެއް ބައްލަވާލައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ. އަދި އިންވެސްޓްމަންޓުތައް ރައްކާތެރިކޮށްދޭނެ ކަމަށާއި ރާއްޖޭގައި ވިޔަފާރި ހިންގަން ވެސް ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށް، ރައްކާތެރިކަން ހޯދައިދޭން ކަމާ ބެހޭ ގާނޫނީ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލުތަކާއި ހެދޭ އެއްބަސްވުންތައް ވިޔަފާރީގެ ބައިވެރިންނަށް މަންފާ ލިބެނިވި ގޮތަށް ބައްޓަން ކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދުބާއީއަކީ ދެ ގައުމުގެ ވިޔަފާރިއަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ލިބެން ހުރި ފައިދާތަކާއި ހުރި ފުރުސަތުތަކުގެ ފުރިހަމަ މައުލޫމާތު ހޯއްދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރަން ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދަވާ ފޯރަމެކެވެ. އެގޮތުން މިިދިޔަ އަހަރު އިންޑިއާގައި ފޯރަމް ބޭއްވިއިރު، 2015 ގައި ޗައިނާގައި، 2014 ގައި ސިންގަޕޫރުގައި ބޭއްވި އެވެ.