Roadha Mihaaru
އިތުރު އިންވެސްޓްމެންޓުތައް ބޭނުން، ފައިދާވާނެ: ސައީދު

އިތުރު އިންވެސްޓްމެންޓުތައް ބޭނުން، އިންވެސްޓަރުންނަށް ފައިދާވާނެ: ސައީދު

19 ޑިސެމްބަރ 2017

ރާއްޖެ އަށް އިތުރު އިންވެސްޓްމެންޓުތައް ބޭނުންވާ ކަމަށާއި އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް އިތުރު އިންވެސްޓްމެންޓުތައް ބޭނުންވާ ކަމަށާއި އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ދުބާއީގައި އިއްޔެ ބޭއްވި މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމަށް ވަޑައިގެން، ދުބާއީގެ ނޫހެއް ކަމަށްވާ ގަލްފްނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުން އަންނަ ކަަމަށާއި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް އޮތީ ވަރަށް ވާދަވެރި މާހައުލެކެވެ.

ގަލްފް ނިއުސްއިން ވަނީ އެތައް މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުން އަންނަކަން ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުން އަންނަ ކަން ވެސް އެ ނޫހުން ފާހަގަކޮށްފައިވެ އެވެ.

ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި ދުބާއީ ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި ދުބާއީ ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ދުބާއީއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ރޮނގުން ގާތް ގުޅުމެއް އުފެދިފައި އޮތްކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖެ އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ މަޝްރޫއުތަކުގެ މައުލޫމާތުތައް އިންވެސްޓްމެންޓް ފޯރަމްގައި ހާމަކުރުމުން އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ކަންކަން ހާސިލްވަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވަނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް. އަދި އެ ދާއިރާ އެ ދަނީ ކުރިއަރަމުން. ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް އެ ދަނީ ހާސިލްވަމުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޮލަކަށް ޖެހޭ މިންވަރު ހުރީ 6،000 ޑޮލަރު (92،520ރ.) ގަ އެވެ. އެކަމަކު، މިހާރު އެ އަދަދު 12،000 ޑޮލަރު (185،040ރ. އަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގަލްފް ނިއުސްގައި ބުނެފައިވާ ގޮތުގައި ދުބާއީން ކޮންމެ އަހަރަކު ވެސް 150 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެޝިނަރީޒް އާއި ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނާއި އެހެނިހެން ބައެއް މުދާތަކެވެ.

ރާއްޖެ އާއި ދުބާއީއާ ދެމެދު ވައިގެ ދަތުރުފަތުރުން ގުޅާލާފައިވާކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ އެމިރޭޓްސް އާއި އިއްތިހާދު އެއާލައިނުން ރާއްޖެ އަށް ޓޫރިސްޓުން އައުމަށް ފަހި ގޮތްތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓު ތަރައްގީކޮށް، އަމާޒަކީ ކުރިއަށް އޮތް 5-7 އަހަރު ދުވަހު ފަހުން، އަހަރަކު ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު 1.2 މިލިއަން ޓޫރިސްޓުންނާ ހިސާބަށް ގެންދިއުމެވެ.

ދުބާއީގައި އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރަން ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ފޯރަމެކެވެ. އެގޮތުން މިިދިޔަ އަހަރު އިންޑިއާގައި ފޯރަމް ބޭއްވިއިރު، 2015 ގައި ޗައިނާގައި، 2014 ގައި ސިންގަޕޫރުގައި ބޭއްވި އެވެ.

ދުބާއީގައި ބޭއްވި ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމްގައި، ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު ދީފައިވެ އެވެ. އަދި ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ދިނެވެ.