Roadha Mihaaru
އިދިކޮޅު ޕާޓީތަކާއި ސަރުކާރު ވެސް ތިނަދޫގައި

އިދިކޮޅު ޕާޓީތަކާއި ސަރުކާރު ވެސް ތިނަދޫގައި

22 ނޮވެމްބަރ 2017

ވެރިކަން ކުރާ ޕީޕީއެމާއި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބޮޑު ދެ ވަފުދެއް ގދ. ތިނަދު އަށް ހިނގައްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެރިކަން ކުރާ ޕީޕީއެމާއި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބޮޑު ދެ ވަފުދެއް ގދ. ތިނަދު އަށް ހިނގައްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ތިނަދުއަށް ދިޔައީ މާދަމާ ރޭ އެ ރަށުގައި ޖަލްސާއެއް ބާއްވަން ނަމަވެސް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަފްދުގެ ބޭނުމަކީ ތިނަދޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރުމެވެ. އެގޮތުން އެ ރަށު ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަން އޮޅުން ފިލުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކު ބޮޑު ޖަލްސާއެއް ބާއްވަން އަދި ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ފަޅީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ތިނަދޫ އަށް މިއަދު ވަޑައިގެންނަވާ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ޕީޕީއެމްގެ ނައިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޕީޕީއެމް އާއި އެމްޑީއޭގެ އެހެން މެންބަރުން ހިމެނެ އެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވެސް ތިއްބެވީ ތިނަދޫގަ އެވެ. އަދި އިތުރު ބައެއް ބޭފުޅުން މާދަމާ ވެސް އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

"ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވުން ވަފްދުގެ ބޭނުމަކީ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޭފުޅުން ތިނަދޫ އަށް ވަޑައިގަންނަވާނެ،" ޕީޕީއެމްގެ ވަފުދުގެ ދަތުރާ ބެހޭ ގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ "މިހާރު" އަށް ވިދާޅުވީ މާދަމާރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު ފެނިގެންދާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސައުދުﷲ ވިދާޅުވި ގޮތުގައި ތިނަދޫގެ 90 ޕަސެންޓު ރައްޔިތުން ސަރުކާރާ މެދު ހިތްހަމައެއް ނުޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސައުދުﷲ ގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. ތިނަދޫގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނެވެ.

ސަރުކާރާއި އިދިކޮޅުގެ ހަރަކާތްތަކެއް ތިނަދޫގައި ހިންގާއިރު ތިނަދު އަށް އިސްކަން ދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ، "ދެން އަޅާ ފިޔަވަޅުން އަޅުގަނޑުމެން ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ވަނީ ތިނަދޫ ރައްޔިތުންނަށް އިންޒާރެއް ދެއްވައިފަ އެވެ. ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ތިނަދު އަށް އުފަން ނިހާނު ވިދާޅުވީ ގާތްގަނޑަކަށް 11،700 މީހުން ހިމެނޭ ގދ. އަތޮޅަށް، އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަމާ މެދު ވިސްނައި، އިދިކޮޅު ހަރާކްތަކަށް ތިނަދޫގެ ރައްޔިތުން ނުނިކުތުމަށް އޭނާ ގޮވާލެއްވި އެވެ. ނަމަވެސް ނިހާނުގެ އެ ގޮވާލެއްވުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.